މިނިވަން ޗެމްޕިއަންޝިޕް މާދަމާ ފަށަނީ، ޓައިޓްލް ސްޕޮންސަރަކަށް އެސްޓީއޯ

އެފްއޭއެމް އިން އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ "މިނިވަން ޗެމްޕިއަންޝިޕް 2016" މުބާރާތުގެ ޓައިޓަލް ސްޕޮންސަރަ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ "މިނިވަން ޗެމްޕިއަންޝިޕް 2016" މާދަމާ ތ. ތިމަރަފުށީގައި ފެށުމަށް ހަމަޖެހިފައިވާއިރު އެ މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭސަން (އެސްޓީއޯ) ހަމަޖައްސައިފި އެވެ.

ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަހީރު އެވެ. އެފްއޭއެމްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެއިދާރާގެ ރައީސް އަހަމަދު ތޯރިގް (ޓޮމް) އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެސްޓީއޯގެ އެމްޑީ އަހްމަދު ޝަހީރު ވިދާޅުވީ، އެ ކުންފުންޏަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ވަރަށް ބޮޑެތި ހޭދަތަކެއް ކުރާ ކުންފުންޏެއް ކަމަށާއި މިނިވަން ޗެމްޕިއަންޝިޕްގައި ސޮއިކުރެއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އަތޮޅު ތެރޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެނެސްދިނުން ކަމަށެވެ.

"އަތޮޅު ތެރޭގެ ފުޓްބޯޅަ ކުރިއަރައިގެން ނޫނީ މާލޭގައި މިކުޅޭ ޓީމްތަކަށް އަދި އަޅުގަނޑުމެންގެ ގައުމީ ޓީމަކަށް ވެސް ރަނގަޅު ކުޅުންތެރިންނެއް ނުލިބޭނެ،" ޝަހީރު ވިދާޅުވިއެވެ.

ސޮއި ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ޓޮމް ވިދާޅުވީ ޖުމްލަ 75 ޓީމާއި އެކު މާދަމާ ފަށާ އެމުބާރާތުގައި 2200 އަށް ވުރެން ގިނަ ކުޅުންތެރިން ބައިވެރިވާނެ ކަމަށާއި މިއަދުން ފެށިގެން މުބާރާތުގެ ނަމަކީ "އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް2016" ކަމަށެވެ.

އެ މުބާރާތުގައި އެއް އަތޮޅަކުން އެންމެ ގިނަ ޓީމު ބައިވެރިވެފައިވަނީ ތ. އަތޮޅުންނެވެ. އެ އަތޮޅުން ނުވަ ޓީމެއް ބައިވެރިވެފައިވާއިރު މެޗުތައް ކުޅޭނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އެއް ގްރޫޕުގެ މެޗުތައް ތ. ތިމަރަފުށީގައި ކުޅޭ އިރު އަނެއް ގްރޫޕްގެ މެޗްތަށް ކުޅޭނީ ތ. ގުރައިދޫގައެވެ.

އެންމެ މަދުން ޓީމްތައް ބައިވެރިވެފައިވަނީ ޏ އަތޮޅާއި ވ. އަތޮޅުންނެވެ. މި ދެ އަތޮޅުން ވެސް ބައިވެރިވީ އެންމެ ޓީމެކެވެ. އަދި ނ. އަތޮޅާއި ބ. އަތޮޅުގެ ތެރެއިން ކޮންމެ އަތޮޅަކުން ވެސް ބައިވެރިވީ ދެ ޓީމެވެ. އެއްވެސް ޓީމެއް ބައިވެރިނުވަނީ އއ އަތޮޅުންނެވެ.

މިދިޔަ އަހަރުގެ މިނިވަން 50 ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދީ ސ. ފޭދޫ އިންނެވެ. އެ ޓީމަށް މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕުން ފުރުސަތުދޭނެ ކަމަށް އެފްއޭއެމް އިން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް