އަދިތުޔާ ލަވަ ކިއުމަށް ސީރިއަސްވެ، ލަވަ ކިޔަން ފަރިތަ ކުރަނީ

"އާޝިގީ 2" ގެ މަންޒަރެއްގައި އަދިތްޔާ ލަވަ ކިޔަނީ: އޭނާ ދަނީ ލަވަ ކިއުމަށް ތަޖުރިބާކާރެއްގެ އެހީތެރިކަން ހޯދަމުން ---

ގިނަ ބައެއްގެ މަގްބޫލުކަން ހޯދި އިންޑިއަން ރޮމޭންޓިކް ޑްރާމާ ފިލްމު، "އާޝިގީ 2" ގައި ލީޑް އެކްޓަރު އަދިތުޔާ ރޯއީ ކަޕޫރު އެ ފިލުމުން ފެނިގެންދިޔައީ މިއުޒީޝަނެއްގެ ގޮތުގައެވެ. އެ ފިލްމު ރިލީޒްކުރިތާ މިހާރު ތިން އަހަރު ވެފައިވާއިރު، އެ ފިލްމުގައި އަދިތުޔާ އަދާކުރި ރޯލް އޭނާ މިވަނީ ވަރަށް ސީރިއަސް ކޮށް ނަގާފަ އެވެ.

ފިލްމު ކުޅުމުގެ އިތުރުން ލަވަކިޔުމަށް ވެސް ޝައުގުވެރިކަން ހުންނަ އަދިތުޔާ މިހާރު ދަނީ އެމެރިކާގައި ބާއްވާ މިއުޒިކަލް ޓުއާ އެއްގައި ސްޓޭޖް މަތީ ލަވަ ކިޔަަން ނިންމައި، ތަޖުރިބާކާރަކާއެކު ލަވަ ކިއުމަށް ވޯކަލް ތަމްރީންތަކެއް ހަދަމުންނެވެ.

"ޓުއާ ކުރިއަށްދާނީ އެމެރިކާގެ އެކި ސިޓީތަކުގައި އަދި ޓުއާގައި ބޮލީވުޑްގެ މަޝްހޫރު ތަރިން ބައިވެރިވާނެ. އޭގެ ތެރޭގައި އާލިއާ ބަޓް، ވަރުން ދަވަން، ސިދާތު މަލްހޯތުރާ އަދި ކެޓްރީނާ ކައިފް ހިމެނޭ. އެ ތަރިން ބޮލީވުޑްގެ މަޝްހޫރު ލަވަތަކަށް ނަށާނެ. ޓުއާގައި އަދިތްޔާ ގިޓާ ކުޅެ ސްޓޭޖް މަތީ ލަވަ ވެސް ކިޔާނެ،" އިންޑިއާގެ ނޫހަކަށް މައުލޫމާތުދިން މަސްދަރަކުން ބުންޏެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ، މިއީ އަދިތުޔާ ސްޓޭޖެއްގެ މަތީގައި ހުށަހަޅައިދޭ ފުރަތަމަ ފަހަރު ކަމުން އޭނާ ހުރީ އެކަމަށް ވަރަށް ޝައުގުވެރިވެފައި ކަމަށެވެ.

ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އަދިތުޔާ މަޝްހޫރު ވެފައިވަނީ ޗެނަލް ވީގެ ވީޑިއޯ ޖޮކީ (ވީޖޭ) އެއްގެ ގޮތުގަ އެވެ. އޭނާ ފިލްމީ ދާއިރާއަށް ނުކުތީ 2009 ވަނަ އަހަރު ރިލީޒްކުރި ފިލްމު، "ލަންޑަން ޑްރީމްސް" އިންނެވެ.

އެ ފިލްމުގައި ކުޑަ ރޯލަކުން އޭނާ ފެނުނު ނަމަވެސް 2010 ވަނަ އަހަރު ނެރުނު "އެކްޝަން ރިޕްލޭ" އަދި "ގުޒާރިޝް" ގައި އޭނާ ވަނީ ސަޕޯޓިން ރޯލަކުން ފެނިގެން ގޮސްފަ އެވެ.

ހިންދީ ފިލްމީ ދާއިރާގައި މިހާތަނަށް ހަ ފިލްމެއް ކުޅެފައިވާ އަދިތުޔާއަށް އެންމެ ބޮޑު މަގްބޫލު ކަމެއް ލިބިގެންދިޔައީ މޯހިތު ސުރީގެ ފިލްމު "އާޝިގީ 2" ކުންނެވެ. އެ ފިލްމުގައި އަދިތުޔާ ދައްކާފައިވާ ރޯލާއެކު އޭނާ އަށް ވަނީ 2013 ވަނަ އަހަރުގެ ބިގް ސްޓާ އެންޓަޓައިންމަންޓް އެވޯޑުގައި ރޮމޭންޓިކް ރޯލު ކުޅުނު އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބިފަ އެވެ. (ޓައިމްސް އޮފް އިންޑިއާ)

comment ކޮމެންޓް