ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޔޫތު ޗެލެންޖް ޕްރޮގްރާމް ބޭއްވުމަށް ތައްޔާރު ވެއްޖެ

ޔޫތް މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު

މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޔޫތު ޗެލެންޖް ޕްރޮގްރާމް، "ދަ އޮޕްޗުނިޓީ ޕޫލް 2016"ގެ ނަމުގައި ބޭއްވުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ތައްޔާރުވެއްޖެއެވެ.

އެ ޕްރޮގްރާމާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ހެނދުނު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަލީ ޒަކީ ވިދާޅުވީ، ޔޫތު ޗެލަންޖަކީ ރާއްޖޭގައި މި ފަހަކަށް އައިސް ކޮންމެ އަހަރުކު ވެސް ބާއްވަމުން އަންނަ މަޝްހޫރު ބްރޭންޑް ނަމެއް ކަމަށާއި ނަމަވެސް މި އަހަރުގެ ޕްރޮގްރާމް ހުރިހާ ގޮތަކުން ވެސް ތަފާތު ވާނެ ކަމަށެވެ.

"އެއް ތަނަކުން ވަޒީފާ އާއި ވަޒީފާގެ ފުރުސަތުތަކާއި އަދި ޒުވާނުންނަށް ބޭނުންވާ ވިޔަފާރީގެ ހުނަރުތަކާއި ޒުވާން ވިޔަފާރީ ކުރާ ފަރާތްތަކުގެ ވިޔަފާރީ ވެސް މި ޕްރޮގްރާމުން ފެނިގެންދާނެ. ކުރީ އަހަރު ތަކަށްވުރެން މި އަހަރު ބައިވެރިންގެ ޝައުގު ވެސް ބޮޑު،" ޒަކީ ވިދާޅުވިއެވެ.

މިއަހަރުގެ ޔޫތް ޗެލެންޖް ޕްރޮގްރާމްގައި ޖުމްލަ 63 ސްޓޯލާއި އެކު އަންނަ މަހުގެ 3 އިން 5 އަކަށް ދަރުބާރުގޭގައި ބޭއްވުމަށް ތައްޔާރު ވަމުން އަންނައި އިރު ޔޫތު މިނިސްޓްރީން ބުނީ 500 އަށް ވުރެން ގިނަ ވަޒީފާގެ ފުރުސަތުތަށް އެކި ދާއިރާ ތަކުން ޒުވާނުންނަށް ފަހިވެގެންދާނެ ކަމަށެވެ.

ޒުވާނުންނަށް މަތީ ތަޢުލީމު އަދި މަސައްކަތުގެ މައިދާނުގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ދިނުމަށް ބާއްވަމުން އަންނަ ޔޫތު ޗެލެންޖް ފެއަރ އަކީ 1999 ވަނަ އަހަރުން ފެށިގެން މެދުކެޑުމެއް ނެތި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

comment ކޮމެންޓް