ބިންގަނޑުން ހޫނުއެރީ ކަރަންޓު މައްސަލައަކުން ކަމަށް ބަލައި އެތަން މޮނިޓާކުރުން ހުއްޓާލައިފި

މުލަކު ސޯސަންގެ ހިމެނޭ ސަރަހައްދު ބަންދުކޮށްފައި: ބިމުން ހޫނު އަރާ މައްސަލަ ހައްލު ކުރެވުމުން އެ ސަރަހައްދު ހުޅުވާފައި އިތުރަށް މޮނިޓާ ކުރުން ވަނީ ހުއްޓާލާފައި ---- ސަން ފައިލް ފޮޓޯ

މ. މުލަކު ސޯސަންގޭ ދޮރާށި ކައިރިން ބިންގަނޑުން މީގެ ދެތިންދުވަހެއް ކުރިން އާދަޔާ ހިލާފަށް ހޫނު އަރަމުންދާތީ ފުލުހުންނާއި ސިފައިން އަދި ކަމާބެހޭ ފަރާތްތައް ބަލަމުން ދިޔަ ބެލުން ހުއްޓާލައި، އެ ގެ ކައިރިން ބަންދުކޮށްފައިވާ ސަރަހައްދު އާންމުންނަށް ވެސް ވަދެވޭގޮތަށް ހުޅުވާލައިފި އެވެ.

ސޯސަންގޭ ދޮރާށި ކައިރިން ހޫނާއެކު ބިންގަނޑު އަޑިން ދުން އަރާފައި ވަނީ އާތު ރޮޑުގެ ބަދަލުގައި އެތަނަށް ޖަހާފައި ހުރި ދަގަނޑެއްގެ ސަބަބުން ކަމަށް ކަމާބެހޭ ވުޒާރާތަކުން ކުރި މަސައްކަތުން ވަނީ އެނގިފަ އެވެ. އަދި ކަރަންޓުގެ މައްސަލަ ހައްލު ކުރުމުން ދުންއެރުން ހުއްޓި އެ ސަރަހައްދުގެ ފިނިހޫނުމިން މިހާރު ވަނީ އާދައިގެވަރެއްގައި ހިފެހެއްޓިފަ އެވެ.

ފުލުހުން ބުނީ އެ ހޮޅިގަނޑު ބިމުއަޑިން ނަގައި ބެލިއިރު ހޮޅިގަނޑުގައި ގާތްގަނޑަކަށް ތިން ފޫޓު ހުރި ކަމަށާއި ހޮޅިގަނޑު ނެގިތަނުން ފެންގަނޑުގައި އާދަޔާހިލާފު ހޫނު ކަމެއް ހުރިކަން ފާހަގަކުރެވިގެން ފެންގަނޑުގެ ފިނި ހޫނުމިން ބެލިއިރު ފެންގަނޑުގެ ފިނިހޫނުމިން 69 ޑިގްރީ އަދި ވެލިގަނޑުގައި 46 ޑިގްރީ ހުރިކަން ދެނެގަނެވުނު ކަމަށެވެ.

އޭގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން އެކަން އިތުރަށް ބެލުމަށް ކުރިމަސައްކަތުން ސޯސަންގޭގެ އާތުނަރު ގުޅާފައިވާ ސާކިޓް މަސައްކަތްކުރަމުން ނުދާކަމާއި ކަރަންޓް ލައިވްނަރެއް އާތުނަރާއި ގުޅިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެއިތުރުން ގޭގެ ވައިރިންގައި އިތުރު މައްސަލަތައް އުޅޭކަން ފާހަކުރެވި ފެނަކައިން ކަރަންޓް ވައިރިންގެ މައްސަލަތަށް ހައްލުކޮށް އިތުރު އާތުރޯޑެއް ޖަހައި ސޯސަންގޭގެ ކަރަންޓް ވައިރިންގެ ހުރިހާ މައްސަލަތަކެއް ހައްލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެފަހުން ބެލި ބެލުމުން ކުރިން އާތު ދަގަނޑު ޖަހާފައި ހުރި ތަނުގެ ފިނިހޫނުމިން ދަށްވެ، އާދައިގެ ވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކަމަކީ ކަރަންޓް އާތުނަރަށް ލައިވް ކަރަންޓް ނަރެއް ގުޅިފައިހުރުމުން ދިމާވެފައިވާ މައްސަލައެއްކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަން ފާހަގަކުރާ ކަމަށާއި އެކަން އެގޮތަށް ފާހަގަކުރެވިފައިވަނީ ފެނަކައިން ބެލިބެލުމުން ގޭގެ ކަރަންޓް ލައިވް ނަރެއް އާތުނަރާ އެއްވެފައިވުމާއި ފިނިހޫނުމިން މަތިވެފައިވަނީ އާތު ގުޅާފައިވާ ދަގަނޑު ޖަހާފައިވާ ތަނުގައިކަމަށްވުމާއި އިތުރު އެހެން އެއްވެސްތަނެއް ބެލިބެލުމުން ފިނިހޫނުމިން މަތިވެފައި ނުވާކަން ފާހަކުރެވިފައިވާތީ އާއި ބިމަށްޖަހާފައިވާ އާތުދަގަނޑު ނަގައި އިތުރު އާތު ރޮޑެއް ޖެހުމުން ފިނިހޫނުމިން ދައްވެ އާދައިގެ ހާލަތަށް ބަދަލުވެފައިވާތީ ކަމަށެވެ.

ފުލުހުން ބުނީ މިހާހިސާބަށް އައިއިރު އިތުރު މައްސަލައެއް ދިމާވެފައިނުވުމާއި އަދި ބިންގަނޑާއި ފެނުގެ ފިނުހޫނުމިން އާންމު މިންގަނޑަށް ބަދަލުވެ، އިތުރު ބަދަލުތަކެއް އަންނަކަމަށް ފާހަގަނުކުރެވޭތީ އެސަރަޙައްދު މިއަދު 14:35 ގައި ބަންދުކޮށް މޮނިޓަ ކުރިކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ނަމަވެސް އެކަން ހިނގި ސީދާ ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން އިތުރު ތަހުގީގު ކުރާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

comment ކޮމެންޓް