ހުޅުމާލޭގައި ކޭބަލްތަކެއް ބުރިކޮަށް ވައްކަން ކުރަން އުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ހުޅުމާޅޭ ފޭސް ދޭއްގައި ކޭބަލްތައް ބުރިކޮަށް ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި --- ފޮޓޯ: ފުލުހުން

ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން, ފޯނު ކޭބަލްތަކެއް ބުރިކޮށް ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، ގދ.ނަޑެއްލާ، ވެލަބުލިގެ، އުމުރުން 50 އަހަރުގެ ޠާހިރު މުޙައްމަދު ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުގެ 12:32 ހާއިރު ހުޅުމާލެ ފޭސް ދޭއްގެ ހުސްބިމެއްގައި ހުރި ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވައްކަން ކުރަން އުޅޭ ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްތަކަކާ އެކުގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި އޭނާ ހައްޔަރުކުރިއިރު ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި މަހުގެ ކުރީކޮޅުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރެއްގެ ކަރަންޓު ފޮށިތަކަކަށް ގެއްލުންދީ، ކަރަންޓު ނަރުތަކެއް ވަގަށް ނެގިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައެވެ.

އެއީ ކަރަންޓު ފޮށިތަކަށް ގެންލުންދީ، އާތު ނަރުތައް ބުރިކޮށް އަދި ކޮޕާ ފޮތިތައް ވަގަށްނަގާފައިވާ މައްސަލައެކެވެ.

comment ކޮމެންޓް