ލީޑަރުން ރަހީނުންގެ ގޮތުގައި ބައިތިއްބައިގެން ހަމަހަމަ މަޝްވަރާއެއް ނުކުރެވޭނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ލީޑަރުން ރަހީނުންގެ ގޮތުގައި ބަހައްޓައިގެން ހަމަހަމަ މަޝްވަރާއެއް ނުކުރެވޭނެ ކަމަށް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައި --- ފައިލް ފޮޓޯ

ސިޔާސީ ލީޑަރުން ރަހީނުންގެ ގޮތުގައި ބައިތިއްބައިގެން ހަމަހަމަ މަޝްވަރާތަކެއް ކުރިއަށް ނުދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމަހަމަކޮށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުން ބޭނުން ނަމަ ސިޔާސީ ލީޑަރުން މިނިވަން ކުރަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު މިއަދު އެހެން ވިދާޅުވިއިރު ސަރުކާރުން އިސް ނަގައިގެން ސިޔާސީ ޕާޓީތަކާއެކު ކުރަމުން އަންނަ މަޝްވަރާތައް އަލުން މާދަމާ ފަށާނެ ކަމަށް ސަރުކާރުން މިއަދު ވަނީ ބުނެފަ އެވެ.

މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާ ފިޝަރީޒު މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ އިދިކޮޅު ޕާޓީތަކުގެ ސިޔާސީ ލީޑަރުން ހިމަނައިގެން ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދަން ސަރުކާރުން އަދިވެސް ތައްޔާރު ކަމަށެވެ.

ޝައިނީ ވިދާޅުވީ އދ ގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، މރ. ތަމްރަތު ސެމިއުލް މިއަދު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން މަޝްވަރާތަކަށް އެއްވެސް ޑިމާންޑެއް ނުކުރާނެ ކަމަށެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ ނަޝީދުގެ ވެރިކަމުގައި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި، ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލައިގަ އެވެ.

ނަޝީދުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނު ވެސް ވަނީ 12 އަހަރށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ޓެރަރިޒަމްގެ ކުށުގައި އިމްރާން 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް އިއްވީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

comment ކޮމެންޓް