ނަޝީދާއި އިމްރާނު ބައިވެރިކޮށްގެން އަދިވެސް މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރު: ސަރުކާރު

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކާ ގުޅިގެން މިއަދު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ސަރުކާރުން މިއަދު ބުނީ ނަޝީދާއި އިމްރާނު ބައިވެރިކޮށްގެން އަދިވެސް މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރު ކަމަށް -- ސަން ފޮޓޯ/ ޔޫސުފް ސޮފްވާނު

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް ސިޔާސީ ޕާޓީތަކާ އެކު ސަރުކާރުން ބާއްވާ މަޝްވަރާތަކުގައި އަދި ވެސް ބައިވެރިކުރަން ސަރުކާރުން ތައްޔާރު ކަމަށް ސަރުކާރުން މިއަދު ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް އުޅުއްވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ސަރުކާރުން ނިންމާ ނިންމުންތަކަކީ ވަރަށް ވިސްނުންތެރިކަމާ އެކު ނިންމާ ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ސަރުކާރުން ނިންމަނީ އިހުލާސްތެރިކަމާ އެކުގައި ކަމަށް ޝައިނީ ވިދާޅުވި އެވެ.

"އަދިވެސް އެ ދޮރެއް [ރައީސް ނަޝީދާއި ޝެއިހު އިމްރާނު މަޝްވަރާތަކުގައި ބައިވެރިކުރުން] ބަންދެއް ނުވޭ. ހަމަ މަޝްވަރާތަކުގައި އެބޭފުޅުންނަށް ބައިވެރިވުމުގެ ފުރުސަތު އެބައޮތް،" ޝައިނީ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު (މ) އަދި އެމަނިކުފާނުގެ ވަކީލުން: ސަން ފައިލް ފޮޓޯ

ސަރުކާރުން މީގެ ކުރިން ވެސް ވަނީ ރައީސް ނަޝީދާއި ޝެއިހު އިމްރާނު ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވެވިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. އެގޮތަށް ސަރުކާރުން ނިންމީ، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާނީ އެ ޕާޓީތަކުގެ ލީޑަރުން ބައިވެރިކޮށްގެން ކަމަށް އިދިކޮޅު ޕާޓީތަކުން ބުނަމުންދާތީ އެވެ.

މިއަދުގެ ބައްދަލުވުމުގައި ޝައިނީ ވިދާޅުވީ، އދ.ގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު، މރ. ތަމްރަތު ސެމިއުލް މިއަދު ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ޕާޓީތަކާ އެކު މާދަމާ މަޝްވަރާތައް ސަރުކާރުން ފަށާނެ ކަމަށެވެ.

ޝައިނީ ވިދާޅުވީ މިފަހަރުގެ މަޝްވަރާތައް ކުރިއަށް ގެންދާނީ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ: ސަން ފައިލް ފޮޓޯ

"ކުރިއަށް ހުރި މަޝްވަރާތަކުގައި ވެސް އަޅުގަނޑުމެން [ސަރުކާރުން] ބޭނުންވޭ ލަނޑުދަނޑިތަކެއް އެކަށައެޅިގެން ދާން. ލަނޑުދަނޑިތަކެއް ހާސިލުކުރެވޭނެ ގޮތަކަށް ބައްޓަން ކުރެވިފައި އޮތް މަޝްވަރާތަކަކަށް މިފަހަރުގެ ޕާޓީތަކުގެ މަޝްވަރާތައް ވާން ބޭނުންވޭ،" ޝައިނީ ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން މީގެކުރިން ބުނަމުން ދިޔައީ މައްސަލަތަކަށް ހައްލެއް ހޯދަން އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމުގެ ކުރިން އެފަދަ މާހައުލެއް ސަރުކާރުން ގާއިމު ކުރަން ޖެހޭ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައިނީ ވިދާޅުވީ އެހެން ވިދާޅުވާ ފަރާތްތައް މިއަދު ތިއްބެވީ އިނގިރޭސި ވިލާތުގައި ކަމަށެވެ. އަދި ވިދާޅުވީ އިނގިރޭސި ވިލާތުގައި އެފަދަ މާހައުލެއް ސަރުކާރަށް ގާއިމު ނުކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް