"ޕޮކެމޮން ގޯ" ކުޅުމަކީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫން: މިސްރުގެ ދީނީ އިލްމުވެރިއެއް

މި ޖުލައި މަހުގެ ތެރޭގައި ރިލީޒްކުރި ފަހުން ގިނަ ބައެއްގެ މެދުގައި މަގުބޫލަން ހޯދާފައިވާ މޯބައިލް ގޭމް، "ޕޮކެމޮން ގޯ" ކުޅުމަކީ ރާ ބުއިމާ އެއްފަދަ ކަމެއް ކަމަށް މިސްރުގެ ދީނީ ބޮޑު ޖަމިއްޔާއެއްގެ ދީނީ އިލްމުވެރިއަކު ބުނެފި އެވެ.

މިސްރުގެ އަލް-އަޒްހަރު އިސްލާމިކް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ހެޑް އަދި ދީނީ އިލްމުވެރިއެއް ކަމަށްވާ އައްބާސް ޝުމާން ވިދާޅުވީ، 1990ގެ އަހަރުތަކުގައި މަޝްހޫރު ގޭމް، "ޕޮކެމޮން"ގެ މައްޗަށް އުފައްދާފައިވާ "ޕޮކެމޮން ގޯ" އަކީ އެކަމަށް މޮޔަކޮށްލާ ނުރައްކާތެރި ގޭމެއް ކަމަށެވެ. އަދި އެއީ އިސްލާމްދީން ހުއްދަ ކުރާ ގޭމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގޭމުގެ ސަބަބުން އިންސާނުން ހީވަނީ މަގުމަތީގައި މަސްތުވެގެން އުޅޭ ބައެއްހެން. ހިޔާލީ ޕޮކެމޮންތަކެއް ހޯދާއި އެ އެއްޗެހި ހިފުމަށް އިންސާނުންގެ ލޯތައް ހުންނަނީ މޯބައިލް ފޯނުގެ ސްކްރީނަށް ތަތްވެފައި،" އައްބާސް ޝުމާން ވިދާޅުވި އެވެ.

އައިފޯން އަށާއި އެންރޮއިޑްއަށް "ޕޮކެމޮން ގޯ" ރިލީޒްކުރިތާ އަދި މަހެއް ނުވާއިރު އެ ގޭމް ވަނީ ފޭސްބުކް އާއި ސްނެޕްޗެޓް ވައްޓާލައި އެންމެ ގިނަ ވަގުތު މީހުން ބޭނުންކުރާ މޯބައިލް އެޕުގެ މަގާމް ހޯދާފަ އެވެ. ނަމަވެސް މިސްރަށް އަދި "ޕޮކެމޮން ގޯ" ނުލިބުނު ނަމަވެސް، އޮޅުވާލައިގެން ގިނަ ބަޔަކު ދަނީ އެ ގޭމް ޑައުންލޯޑް ކޮށް ކުޅެމުންނެވެ.

އަލް އަޒްހަރުގެ އޮފިޝަލުން ގަބޫލުކުރާ ގޮތުގައި "ޕޮކެމޮން ގޯ"ގެ ސަބަބުން ވަޒީފާ އާއި ދީނުން މީހުން ދުރުކުރުވަ އެވެ.

"ގެއްލިގެން އުޅޭ ޕޮކެމޮން އެއް ހޯދަން ވެގެން މޮޔަ މީހެއް ހެން މިސްކިތްތަކަށާއި ފައްޅިތަކަށާއި ޖަލު އަދި އަސްކަރީ ޔުނިޓުތަކަށް ވެސް ވަދެގެން އުޅޭތަން ފެނިދާނެތޯ؟ އަމިއްލަ ވަޒީފާ އަށް ފަރުވާ ކުޑަކޮށް އާމްދަނީ ހޯދުމުގެ ބަދަލުގައި ޕޮކެމޮން ޝިކާރަ ކުރަން އުޅެދާނެތޯ؟،" ސުވާލު އުފައްދަމުން ޝުމާން ވިދާޅުވި އެވެ.

އޭނާ އެގޮތަށް ސުވާލު އުފައްދާފައިވާ އިރު، "ޕޮކެމޮން ގޯ"ގެ ސަބަބުން މީހުންނަށް ވަމުންދާ އަނިޔާތަކާ ގެއްލުންތަކުގެ ވާހަކަތައް ދަނީ މީޑިއާގައި ދައްކަމުންނެވެ. އެގޮތުން ޕޮކެމޮން ޝިކާރަކުރަމުން ދިޔަ ކުދިންތަކެއް މީގެ ދެ ދުވަސް ކުރިން ވަނީ ވަޅުގަނޑެއްގެ ތެރެއަށް ވެއްޓި ތާށި ވެސް ވެފަ އެވެ.

މައުލޫމާތު: ގަލްފު ނިއުސް

comment ކޮމެންޓް