ޗެލްސީ އަށް ކަންޓޭ އައުމުން ކޮންޓޭ ހިތްހަމަޖެހިފައި

ޗެލްސީއާ ގުޅުނު ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ---

އެންގޯލޯ ކަންޓޭ އަކީ ޗެލްސީން ބޭނުންވާ ފަދަ މޮޅު ކުޅުންތެރިއެއް ކަމަށް އެ ކްލަބުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ ދޫކޮށް، ފްރާންސް މިޑްފީލްޑަރު ކަންޓޭ ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ސޮއިކޮށްފަ އެވެ. އޭނާ ޗެލްސީއާ ގުޅުނީ 32 މިލިއަން ޕައުންޑަށް ކަމަށް ހަބަރުތައް ބުނެ އެވެ.

ކޮންޓޭގެ އިރުޝާދުގެ ދަށުން ޗެލްސީ ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ރެޕިޑް ވިއެނާ އަތުން 2-0 ލަނޑުން ބަލިވި ނަމަވެސް، ޗެލްސީއާ ކަންޓޭ ގުޅުމުން ކޮންޓޭ ހިތްހަމަޖެހިފައިވާ ކަމަށް އޭނާ ބުނެ އެވެ.

"ކްލަބުން އޭނާ ގަތުމުން އަހަރެން މިހުރީ ވަރަށް ވަރަށް އުފާވެފައި. އޭނާ އަކީ ފެންވަރު ރަނގަޅު، އަހަރެން ބޭނުންވާ ފަދަ ކުޅުންތެރިއެއް. މޮޅުވާން ބޭނުން ނަމަ މިފަދަ ކުޅުންތެރިން ގެންނަން ޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރަން. ކަންޓޭ އަދި ނަމެންޔާ މަޓިޗް އަކީ ބުރަ މަސައްކަތްކުރާ ދެ ކުޅުންތެރިން،" ޗެލްސީގެ ކޯޗު ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ، ކަންޓޭ އަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި މިދިޔަ ސީޒަނުގައި ކަންޓޭ އެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ލެސްޓާ އިން ކާމިޔާބުކުރި އިރު، އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ކަންޓޭ އެވެ. އަދި މި މަހު ނިމިގެން ދިޔަ ޔޫރޯގެ ފައިނަލަށް ފްރާންސް ގެންގޮސް ދިނުމުގައި ވެސް ކަންޓޭގެ ދައުރު ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް