މި އަހަރުގެ ބެލޮންޑޯ އެވޯޑުގެ ފޭވަރިޓަކީ ރޮނާލްޑޯ: ނޭމާ

މިދިޔަ އަހަރުގެ ފީފާ ބެލޮންޑޯ އެވޯޑުގެ ގަދަ ތިނެއްގައި ހިމެނުނު ރޮނާލްޑޯ(ކ)، މެސީ(މ) އަދި ނޭމާ(ވ): މިދިޔަ އަހަރުގެ އެވޯޑު މެސީ ގެންދިޔަ ނަމަވެސް، މި އަހަރުގެ އެވޯޑު ލިބުން އެންމެ ގާތީ ރޮނާލްޑޯ އަށް ---

މި އަހަރުގެ ބެލޮންޑޯ އެވޯޑުގެ ފޭވަރިޓަކީ ރެއާލް މެޑްރިޑުގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ ބުނެފި އެވެ.

ރޮނާލްޑޯ ވަނީ މި އަހަރު ޔޫރަޕުގެ ޗެމްޕިއަންކަން ރެއާލް މެޑްރިޑާއި ޕޯޗުގަލަށް ހޯދައިދިނުމަށް އެހީތެރިވެދީފަ އެވެ. ނިމިގެންދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ހޯދައިދިނުމަށް ރެއާލް އަށް ރޮނާލްޑޯ އެހީތެރިވި އިރު، ޕޯޗުގަލުން ޔޫރޯ ހޯދާފައި ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުންނެވެ.

"ބެލޮންޑޯ އެވޯޑު ދިނުމުގައި މުބާރާތްތަކުން ހޯދާ ކާމިޔާބަކީ ބޮޑު ބައެއް އަދާކުރާ އެއްޗެއް. ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ކާމިޔާބުކޮށް، އަދި މިހާރު ޔޫރޯ 2016 ވެސް ކާމިޔާބުކޮށްފައި. އެހެންވީމަ އޭނާ އެ ހުރީ ރަނގަޅު ހިސާބެއްގައި. އެއްވެސް ޝައްކެއްނެތް ގޮތުގައި ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް،" ބްރެޒިލްގެ ނޫހެއް ކަމަށްވާ ލޭންސް އަށް ދިން އިންޓަވިއުއެއްގައި ނޭމާ ބުންޏެވެ.

މިދިޔަ އަހަރުގެ ބެލޮންޑޯ އެވޯޑުގެ ދެވަނަ ރޮނާލްޑޯ އަށް ލިބުނު އިރު، ތިން ވަނަ ލިބުނީ ނޭމާ އަށެވެ. އަދި އެ ފަހަރުގެ ބެލޮންޑޯ އެވޯޑު ކާމިޔާބު ކުރީ ބާސާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ އެވެ.

މި އަހަރު މެސީ އާއި ނޭމާ އަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ބާސާއާ އެކު ހޯދި ސްޕެނިޝް ލަލީގާ އެވެ. މި އަހަރުގެ ކޮޕާ އެމެރިކާގައި ބްރެޒިލް އަށް ނޭމާ ކުޅެފައިނުވާ އިރު، އާޖެންޓީނާއާ އެކު އެ މުބާރާތުގެ ފައިނަލުގައި މެސީ ކުޅުނު ނަމަވެސް ޗިލީ އަތުން ވަނީ ބަލިވެފަ އެވެ.

ދެހާސް އަށްވަނަ އަހަރުން ފެށިގެން ބެލޮންޑޯ އެވޯޑު ހޯދަމުންދިޔައީ މެސީ ނުވަތަ ރޮނާލްޑޯ އެވެ. ރޮނާލްޑޯ 2008، 2013 އަދި 2014ގެ ބެލޮންޑޯ އެވޯޑު ގެންދިޔަ އިރު، މެސީ އެ އެވޯޑު ގެންގޮސްފައި ވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު އެވެ.

comment ކޮމެންޓް