ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ގަންސޯ ސެވިއްޔާއަށް

ބްރެޒިލް މިޑްފީލްޑަރު ޕައުލޯ ހެންރީކޭ ގަންސޯ --- ފޮޓޯ: ގެޓީ

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ބްރެޒިލް މިޑްފީލްޑަރު ޕައުލޯ ހެންރީކޭ ގަންސޯ، ސްޕެއިންގެ ސެވިއްޔާ އަށް ސޮއިކޮށްފި އެވެ.

ބްރެޒިލްގެ ސައޮ ޕައުލޯ އިން އުމުރުން 26 އަހަރުގެ ގަންސޯ، ސެވިއްޔާއާ ގުޅުނީ 10 މިލިއަން ޔޫރޯ އަށް ކަމަށް ހަބަރުތައް ބުނެ އެވެ.

"ސައޮ ޕައުލޯ އިން އަހަރެންނަށް ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކުރަން. ސައޮ ޕައުލޯ އަހަރެންގެ ހިތުތެރޭގައި އަބަދު ވެސް އޮންނާނެ. އެކަމަކު މިއީ ޔޫރަޕަށް އަހަރެން ބަދަލުވާންވީ އެންމެ ރަނގަޅު ވަގުތު ކަމުގައި އަހަރެން ދެކެން،" ސައޮ ޕައުލޯގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއެއްގައި ގަންސޯ ބުންޏެވެ.

ގަންސޯ އަކީ ބާސެލޯނާ ތަރި ނޭމާއާ އެކު ބްރެޒިލްގެ ސަންޓޯސް އިން އުފެދުނު ކުޅުންތެރިއެކެވެ. ގަންސޯ ސަންޓޯސް އަށް ކުޅުމަށް ފަހު، ސައޮ ޕައުލޯއާ ގުޅުނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ބްރެޒިލްގެ ހުނަރުވެރި މިޑްފީލްޑަރުންގެ ތެރޭގައި ކުރިން ގަންސޯ ފާހަގަކުރެވުނު ނަމަވެސް، އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކަށް ފަހު އެންމެ ރަނގަޅު ކުޅުން ފަހުން ދެއްކިފައެއް ނުވެ އެވެ.

comment ކޮމެންޓް