އެންމެ މޮޅެތި ކުޅުންތެރިންނަށް ވުމަށް ހަޒާޑް އަދި ޗެލްސީގެ ކުޅުންތެރިންނަށް އެހީވެދޭނަން: ކޮންޓޭ

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ --- ފޮޓޯ: އޭޕީ

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ މޮޅު ކުޅުންތެރިންނަށް ވުމަށް ޗެލްސީގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑާއި އެ ޓީމުގެ އެހެން ކުޅުންތެރިންނަށް އެހީތެރިވެދޭނެ ކަމަށް ޗެލްސީގެ ކޯޗުކަމާ އަލަށް ހަވާލުވި އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

މިދިޔަ ސީޒަނަކީ ޗެލްސީ އަށް ކާމިޔާބު ސީޒަނަކަށް ވެފައެއް ނުވެ އެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ލެސްޓާ ސިޓީން ކާމިޔާބު ކުރި އިރު، ޗެލްސީން ނިންމާލީ ލީގުގެ ދިހަ ވަނައިގަ އެވެ.

"މި ކުޅުންތެރިންގެ ހިތްވަރާ އެކު ކުޅުން އިތުރަށް ރަނގަޅުކުރެވޭނެ. އެއީ މިހާރު ޓީމުގައި މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. އެކަމަކު މިވަގުތު އެ ކުޅުންތެރިންނަކީ ލިއޮނެލް މެސީ، ލުއިސް ސުއަރޭޒް، ނޭމާ، ކްރިސްޓިއާނޯ ރޮނާލްޑޯ ނުވަތަ ޕައުލް ޕޮގްބާ ފަދަ ހުނަރުވެރި ކުޅުންތެރިންތަކެއް ކަމަށް މީހުން ގަބޫލެއް ނުކުރޭ. އެކަމަކު ޗެލްސީގައި ތިބި ކުޅުންތެރިންނަށް އެ ހިސާބަށް އެރިދާނެ،" ޗެލްސީގެ ކޯޗު ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ، ޓީމުގެ ކުޅުންތެރިން އެމީހުންނަކީ މޮޅެތި ކުޅުންތެރިންކަން ދައްކައި، އެއަށް ވުރެ ވެސް ކުރިއަށް ދިއުމަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި ކުރިއަށް ދިއުމަށް ކެތްތެރިވާން ޖެހޭ ކަމަށެވެ. އަދި ކޯޗަކަށް މުހިއްމު ވާނީ ޓީމުގެ އެންމެ މޮޅެތި ކުޅުންތެރިން އިތުރަށް ކުރިއެރުވުން ކަމަށް ވެސް ކޮންޓޭ ބުންޏެވެ.

comment ކޮމެންޓް