ލޯނުގެ ދަށުން ބެނާޓިއާ ޔުވެންޓަސްއަށް

ބަޔާން މިއުނިކްގެ މޮރޮކޯ ޑިފެންޑަރު މެދީ ބެނާޓިއާ: އޭނާ ޔުވެންޓަސްއާ ގުޅުނީ ތިން މިލިއަން ޔޫރޯގެ ލޯނު ފީއެއްގެ ދަށުން --- ފޮޓޯ: ގެޓީ

ލޯނުގެ ދަށުން ބަޔާން މިއުނިކުގެ މޮރޮކޯ ޑިފެންޑަރު މެދީ ބެނާޓިއާ ޔުވެންޓަސްއާ ގުޅިެއްޖެ އެވެ.

ބަޔާންއާ 2014 ވަނަ އަހަރު 26 މިލިއަން ޔޫރޯގެ އަގަކަށް ގުޅުނު ބެނާޓިއާ ޔުވެންޓަސްއާ ގުޅުނީ ތިން މިލިއަން ޔޫރޯގެ ލޯނު ފީއެއްގެ ދަށުންނެވެ.

ޔުވެންޓަސްގައި ބެނާޓިއާ ކުރިއަށް އޮތް ސީޒަން ހޭދަކުރާ އިރު، ލޯނުގެ މުއްދަތު ނިމުމުން ބަޔާން އަށް 17 މިލިއަން ޔޫރޯ ދިނުމަށްފަހު ދާއިމީކޮށް އޭނާ ޔުވެންޓަސް އަށް ގެންދެވޭ ގޮތް ދެ ކްލަބުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމުގައިވެ އެވެ.

ބެނާޓިއާ ވަނީ ކުރިން ވެސް އިޓަލިއާން ސެރީއާގެ ކްލަބުތަކަށް ކުޅެފަ އެވެ. އިޓަލީގައި ހަތަރު އަހަރު ހޭދަކުރި ބެނާޓިއާ ވަނީ އެ މުއްދަތުގެ ތެރޭގައި އުދިނޭސީ އާއި ރޯމާ އަށް ކުޅެފަ އެވެ.

ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ދެ ސީޒަނުގެ ތެރޭގައި ބަޔާން އަށް ބެނާޓިއާ ކުޅުނު 46 މެޗުން ތިން ލަނޑު ކާމިޔާބުކޮށްފައިވެ އެވެ.

ބެނާޓިއާ އަކީ ކުރިއަށް އޮތް ސީޒަނަށް ޔުވެންޓަސްއާ ގުޅުނު ތިން ވަނަ ކުޅުންތެރިޔާ އެވެ. އޭގެ ކުރިން މިރާލެމް ޔަނިޗް އާއި ޑަނީ އަލްވޭސް ވަނީ އެ ކްލަބާ ގުޅިފަ އެވެ. ޔުވެންޓަސް އިން ދަނީ ނަޕޯލީގެ އާޖެންޓީނާ ފޯވަޑް ގޮންޒާލޯ ހިގުއައިން ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް