ޗެލްސީގެ މެޑިކަލްގައި ކަންޓޭ ބައިވެރިވެއްޖެ

ލެސްޓާ ސިޓީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ --- ފޮޓޯ: 90މިން

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން ލެސްޓާ ސިޓީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ޗެލްސީގެ މެޑިކަލްގައި ބައިވެރިވެއްޖެ އެވެ.

ޗެލްސީގެ މެޑިކަލްގައި ކަންޓޭ ބައިވެރިވި ކަމަށް ހަބަރުތައް ބުނާ އިރު، ނުރަސްމީކޮށް އޭނާގެ އެޖެންޓް މެދުވެރިކޮށް އެ ކްލަބާ ގުޅުމަށް ކަންޓޭ ވަނީ އެއްބަސްވެފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި، ޗެލްސީން އޭނާ ގެންދަނީ 30 މިލިއަން ޕައުންޑަށެވެ. އެ އަގަށް ކަންޓޭ ޗެލްސީއާ ގުޅިއްޖެ ނަމަ، އެންމެ އަގުބޮޑުކޮށް އެ ކްލަބުން ގެނައި ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭނެ އެވެ. އެންމެ އަގުބޮޑުކޮށް ޗެލްސީން ގެނައި ކުޅުންތެރިޔަކީ 50 މިލިއަން ޕައުންޑަށް ގެނައި ފެނާންޑޯ ޓޮރޭސް އެވެ.

ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީއާ ގުޅުމަށް ތައްޔާރުވަމުންދާ ކަންޓޭ އެ ކްލަބަށް ކުޅޭނެ ފުރަތަމަ މެޗަކަށް ވާނީ އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި މި މަހުގެ 27 ވަނަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗު ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.

ލެސްޓާ އިން ކަންޓޭގެ އެއްބަސްވުން އާކުރަން މަސައްކަތްކުރި ނަަމަވެސް، އެ ހުށަހެޅުން އޭނާ ގަބޫލުކޮށްފައެއް ނުވެ އެވެ.

comment ކޮމެންޓް