ހ. ލޮބީ ހުސައިން ހުމާމް އަހުމަދު މަރަން ކުރި ހުކުމު ތަންފީޒުކުރުން ފަސްކުރުމަށް އދ އިން ދިވެހި ސަރުކާރަށް އަންގައި ރޭ ފޮނުވީ ނޯޓެއް ކަމަށާއި، އޭގައި އަންގާފައިވާ ގޮތަށް އަމަލު ކުރުމާ މެދު ސަރުކާރުން ވިސްނަމުންދާ ކަމަށް ފޮރިން މިނިސްޓަރކަމާ މިއަދު ހަވާލުވެވަޑައިގެންނެވި ޑރ މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމުގައި ހުންނެވުމަށް ފަހު ރޭ ރާއްޖެ ވަޑައިގެން، ފޮރިން މިނިސްޓަރުކަމާ މިއަދު ހަވާލުވެވަޑައިގަންނަވައި، ޑރ. އާސިމް ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރ ވިދާޅުވީ ރޭ އދގެ ހިއުމަން ރައިޓްސް ކޮމިޓީން ދިވެހި ސަރުކާރަށް ފޮނުވާފައި ވަނީ ނޯޓެއް ކަމަށާއި، އެއީ އަމުރެއް ނޫން ކަމަށެވެ.
"ހުސައިން ހުމާމާ ބެހޭގޮތުން އ.ދގެ ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ ރޭގައި ދިވެހި ސަރުކާރަށް ނޯޓެއް ފޮނުއްވާފައި،" އާ ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ނޯޓުގައި ހިއުމަން ރައިޓްސް ކޮމިޓީން ހަމައެކަނި ވަނީ، ހުމާމްގެ މައްސަލައާ ގުޅިގެން އެފަރާތަށް ބަޔަކު މަައުލޫމާތު ހުށަހެޅިކަން އަންގައިދޭކަން ކަމަށާއި، އޭގައި ދިވެހި ސަރުކާރުން ވަކި ގޮތަކަށް ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އަންގާފައި ނުވާ ކަމަށެވެ.
އެހެން ނަމަވެސް ހުމާމްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެ ނޯޓުގައި ދިވެހި ސަރުކާރަށް އދ.އިން އަންގާފައި ވެ އެވެ.
ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އދއިން އެ ނޯޓުގައި އެދިފައިވާ އެދުމަށް އަމަލުކުރުމާ ބެހޭގޮތުން ސަރުކާރުން ދަނީ ވިސްނަމުން ކަމަށެވެ.
ތި ދެންނެވި ސުވާލާ ބެހޭގޮތުން [ދަންނަވަން އޮތީ]، އެއާ ބެހޭގޮތުން [އެންގުމާ ބެހޭގޮތުން] ސަރުކާރުން ވިސްނަމުން ގެންދާ ކަމަށާއި އިތުރަށް އެއާ ބެހޭ މައުލޫމާތު އޭޖީ އޮފީހުން ދެއްވާނެ،ފޮރިން މިނިސްޓަރ ޑރ މުހައްމަދު އާސިމް
ފޮރިން މިނިސްޓަރު ވިދާޅުވީ އެ ނޯޓުގައި އަންގާފައިވާ ކަންކަމަކީ ވަކި ގޮތަކަށް ކަން ކުރުމަށް ކޮށްފައިވާ އަމުރެއް ނޫން ކަމަށާއި، އެ ނޯޓު ދިވެހި ސަރުކާރުން ދިރާސާ ކުރަމުންދާ ކަމަށެވެ.
އަދި މި މައްސަލައާ ބެހޭގޮތުން އިތުރު މައުލޫމާތު ވަރަށް އަވަހަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަންނަ ހަފްތާގައި މީޑިއާއާ ބައްދަލުކޮށް، ހިއްސާ ކުރައްވާނެ ކަމަށް ފޮރިން މިނިސްޓަރ ޑރ އާސިމް ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ، އދ އަކީ މިނިވަން ގައުމުތަކަކުން ގުޅިގެން އުފައްދާފައިވާ ޖަމާޢަތެއް ކަމަށާއި، އެއީ ގައުމުތަކަށް އަމުރުކުރަން އޮންނަ ޖަމިއްޔާއެއް ނޫން ކަމަށެވެ.