ސަރުކާރު ކުންފުނިތަކުން އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ހަރުކަށިކޮށްފި

އެމްއޭސީއެލްގެ މުވައްޒަފުންތަކެއް މަސައްކަތުގައި-- ފޮޓޯ/ އެމްއޭސީއެލް

ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑިއަރީ ކުންފުނިތަކުގެ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލުތައް އެއްގޮތްކޮށް، އެކަމަށް ޚާއްސަ ސާކިއުލާއެއް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ނެރެފިއެވެ.

ކުންފުނިތަކަށް މިއަދު ފޮނުވި މި ސާކިއުލާގައިވާ ގޮތުން، ކުންފުނިތަކުން މި އާ އުސޫލަށް އަމަލުކުރަން ފަށަން ޖެހޭނީ އަންނަ އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. ޕީސީބީން ބުނި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، މާލީ ގޮތުން ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމެވެ.

ސާކިއުލާގައި ޕީސީބީން ވަނީ ކުންފުނިތަކުން އަމަލުކުރަންޖެހޭ މުހިންމު މިންގަނޑުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން، މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދެވޭނީ މަސައްކަތުގެ ރަސްމީ ގަޑީގެ ގޮތުގައި ކަނޑައަޅައިފައިވާ ވަގުތުގެ އިތުރުން، ހަފުތާއަކު 48 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތްކުރާ ވަގުތުތަކަށް އެކަނި ކަމަށް ވަނީ އަންގައިފައެވެ.

https://www.sun.mv/224795

މީގެ އިތުރުން، މިހާރު ވެސް އިތުރު ގަޑީގެ ފައިސާ ދެމުން އަންނަ ކުންފުނިތަކުން، އެ ކުންފުންޏެއްގައި މިހާރު އަމަލުކުރަމުންދާ އުސޫލާއި ޕީސީބީގެ އާ މިންގަނޑާ އަޅައި ބަލައި ދިރާސާކުރުމަށް ވަނީ އަންގައިފައެވެ. އަދި މި ދެ ގޮތުން ކުރެ ކުންފުންޏަށް އެންމެ ފައިދާހުރި، ނުވަތަ ހަރަދު އެންމެ ކުޑަވާނެ ގޮތަކަށް އިތުރު ގަޑީގެ ފައިސާ ދޭނެ އުސޫލެއް ކަނޑައެޅުމަށް ވަނީ ލާޒިމުކޮށްފައެވެ.

މި އުސޫލުގެ ދަށުން، ކޮންމެ ކުންފުންޏަކުން ވެސް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރު ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.

މި ސާކިއުލާ ނެރުމުގެ ކުރިން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އިތުރު ގަޑީގެ ފައިސާ ދިނުމުގައި އަމަލުކުރަމުން އައީ ވަރަށް ތަފާތު ގޮތްތަކަކަށެވެ. ބައެއް ކުންފުނިތަކުގައި އިތުރު ގަޑީގެ ފައިސާ ދޭނެ ވަކި ޚާއްސަ މިންގަނޑެއް ނުވަތަ އެންމެ މަތީ މިންވަރެއް ކަނޑައަޅައިފައި ނުވުމުގެ ސަބަބުން، މުވައްޒަފުންގެ މުސާރައިގެ ބޮޑު ބައެއް އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ހޭދަކުރަން ޖެހިފައިވެއެވެ. ހާއްސަކޮށް، ބައެއް ކުންފުނިތަކުން ރަސްމީ ގަޑީގައި ކުރަންޖެހޭ މަސައްކަތްތައް ނުނިންމައި، އިތުރު ގަޑީގެ ފައިސާ ހޯދުމުގެ ބޭނުމުގައި މަސައްކަތް ލަސްކުރާ ކަމުގެ ޝަކުވާތައް ވެސް މީގެ ކުރިން ފެންމަތިވެފައިވެއެވެ.

މީގެ އިތުރުން، ސިޔާސީ ގޮތުން ނުފޫޒު ފޯރުވައިގެން ބައެއް ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ ގިނައިން މުވައްޒަފުން ނަގައިފައިވާއިރު، އެ މުވައްޒަފުންނަށް ވެސް ކޮންޓްރޯލެއް ނެތި އިތުރު ގަޑީގެ ފައިސާ ދެމުން ދިޔުމަކީ ކުންފުނިތަކުގެ މާލީ ހާލަތު ދަށަށް ދިޔަ އެއް ސަބަބު ކަމަށް އޮޑިޓް ރިޕޯޓުތަކުންނާއި މާހިރުން ފާހަގަކުރައްވައިފައިވެއެވެ.

އެހެންކަމުން، މުޅި ދައުލަތުގެ ކުންފުނިތަކަށް އަމާޒުކޮށްގެން އެއް މިންގަނޑެއް ކަނޑައެޅުމަކީ، މިފަދަ މައްސަލަތައް ހައްލުކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އިތުރު ގަޑީގެ ފައިސާ ދިނުން ކޮންޓްރޯލްކުރުމަށް ޕީސީބީން މި އެންގީ، ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް މުޅި ދައުލަތުގެ ފެންވަރުގައި ފުޅާ ދާއިރާއެއްގައި ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން، މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ވަނީ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރުމަށް ޕީސީބީއަށް އަންގައިފައެވެ.

https://www.sun.mv/224943

ފިނޭންސް މިނިސްޓަރަކަށް އޭރު ހުންނެވި މޫސާ ޒަމީރު އޭރު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގައި ގާތްގަނޑަކަށް 42،000 މުވައްޒަފުން ވަޒީފާ އަދާކުރަމުންދެއެވެ. މުވައްޒަފުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން، ފެނަކަ ކޯޕަރޭޝަނާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަދަ ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހިތްވަރު ދިނުމުގެ ގޮތުން ހާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފުކޮށްފައެވެ. މި ޕެކޭޖުތަކުގެ ދަށުން ވަކިވާ މުވައްޒަފުންނަށް ތިން މަސް ނުވަތަ ހަތަރު މަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުންފުނިތަކުގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަކުރުމަށާއި، މާލީ ގޮތުން އަމިއްލައަށް ފުދިގެން ހިންގޭނެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ކަނޑައަޅައިފައިވާ ސިޔާސަތުތަކުގެ ތެރޭގައި، މުވައްޒަފުން މަދުކުރުމާއި، އާ ވަޒީފާތައް އުފެއްދުން މަޑުޖައްސާލުމާއި، އަދި އިތުރު ގަޑީގެ ހަރަދުތައް ކުޑަކުރުން ހިމެނޭ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ޕީސީބީގެ ސާކިއުލާގައި އަންގައިފައިވާ ގޮތުން، އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަން ފުރިހަމަކުރަން ޖެހޭނެއެވެ. އަދި މި ބަދަލުތައް ގެނައުމަށް ފަހު، އޮގަސްޓު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އާ އުސޫލަށް އަމަލުކުރަން ފަށަން ޖެހޭނެ ކަމަށް ވެސް އަންގައިފައިވެއެވެ.

comment ކޮމެންޓް