ހުމާމު މެރުން ފަސްކުރަން އދ. އިން ރާއްޖެއަށް އަމަރުކޮށްފި

19 ޖޫން 2016 ވަނަ ދުވަހު ސްޕްރީމް ކޯޓްގައި ތާވަލް ކުރި ސަރިއަތުގެ މަޖިލީސް ކެންސަލް ވުމުން ހުމާމް ކޯޓުން ނެރެގެން ގެންދަނީ -- ސަން ފޮޓޯ/ފަޔާޒު

ޑރ. އަފްރާޝީމް އަލީގެ ގާތިލް ހ. ލޮބީ، ހުސައިން ހުމާމުގެ މައްޗަށް މަރުގެ އަދަބު ދިނުން ފަސްކުރަން އެކުވެރި ދައުލަތް (އދ) އިން ރާއްޖެއަށް އަމުރުކޮށްފި އެވެ.

ހުމާމުގެ މައްޗަށް މަރުގެ އަދަބު ދިނުން ފަސްކުރުމަށް އދ. އިން އެ އަމުރު ނެރުނީ އެ ޖަމިއްޔާގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަށް ހުމާމުގެ ބައްޕަ، އިއްޔެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ހަ މަސް ދުވަހުގެ ތެރޭގައި ޖަވާބުދާރީވުމަށް ރާއްޖެއަށް ވަނީ ފުރުސަތު ދީފަ އެވެ.

އދ. އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީއަށް ހުމާމުގެ ބައްޕަ ހުށަހެޅި މައްސަލައާ ގުޅޭ ގޮތުން ހުމާމުގެ ވަކީލު އަބްދުﷲ ހަސީނު ވިދާޅުވީ އެހާ އަވަހަށް އެފަދަ ޖަމާއަތަކުން ރާއްޖެއަށް އަމުރެއްް ނެރުނީ ހުށަހެޅި ނުކުތާތަށް ވަރުގަދަވުމުން ކަމަށެވެ.

ފަރުދީ އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާ (އައިސީސީޕީއާރު)އާ ހިލާފަށް ހުމާމުގެ މައްޗަށް ޝަރީއަތް ހިންގާފައިވާ ކަމަށް ފާހަކޮށް، އެ ކޮމެޓީއަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ހުމާމުގެ ނަފްސާނީ މައްސަލައެއް ހުންނަ ކަމަށް ބުނެފައިވާއިރު އެކަން ސާބިތުކުުރުމަށް ޓެސްޓެއް ހަދާފައި ނުވުމާއި މަޖުބޫރުން އިއުތިރާފެއް ކުރި ކަމަށް ތުހުމަތުކޮށްފައިވާއިއިރު، އެކަމާ ގުޅޭ ތަހުގީގެއް ހިންގާފައި ނުވުމާއި ހުމާމުގެ ދިފާއީ ހެކިންނަށް ފުރުސަތު ދީފައިނުވާ ކަމަށެވެ.

ހަ މަސް ދުވަހުގެ ތެރޭގައި ހުމާމުގެ އާއިލާއިން ހުށަހެޅި މައްސަލައަށް ޖަވާބުދާރީވުމަށް ރާއްޖެއަށް އަންގާފައިވާ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުގެންގެ ފަރާތުން ހުށަހެޅި ނުކުތާތަކަކީ ބަލައިގަނެވޭނެ ކަންތައްތަކެއްކަން އެ ޖަމާއަތުން މިވަނީ ބަލައިގެންފައި. އެހެންކަމުން މިކަމުގައި އަޅުގަނޑުމެންނަށް ކުރިއެރުން ލިބޭނެ،" ހުމާމުގެ ވަކީލު އަބްދުﷲ ހަސީން ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަކޮށްލިކަން ސާބިތުވެ، ދަށު ކޯޓުން ހުމާމުގެ މައްޗަށް ކުރި ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފައިވަނިކޮށް، ސުޕްރީމް ކޯޓުން އެ ހުކުމް ދެމެހައްޓަން ހުކުމް ކުރީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ސުޕްރީމް ކޯޓުން އެ ހުކުމް ކުރީ ހުމާމު މެރުން ފަސްކުރުމަށް އެދި އަފްރާޝީމްގެ ވާސިރުން ސުޕްރީމް ކޯޓަށް ސިޓީ ހުށަހަޅާފައިވަނިކޮށެވެ. ނަމަވެސް ކޯޓު ބަންދުކޮށްފައިވާ ވަގުތަކަށް ވާތީ އެ ސިޓީ އެ ކޯޓުން ވަނީ ބަލައިނުގެންފަ އެވެ.

ރާއްޖޭގެ މަރުގެ އަދަބު ތަންފީޒު ކުރުމުގެ ގަވާއިދެއް ވަނީ ހަދާފައެވެ. އެ ގަވާއިދުގައިވާ ގޮތުން މަރުގެ އަދަބު ދެވޭނީ ލީތަލް އިންޖެކްޝަނާއި ދަންޖައްސައިގެންނެވެ.

comment ކޮމެންޓް