ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބުގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

މާޗް 17، 2016: ވޮލީބޯލް އެސޯސިއޭޝަނަށް ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ މާޗް މަހު ބޭއްވި ވޮލީބޯލް އެސޯސިއޭޝަންގެ އިންތިޚާބުގައި އޮޅުވާލާފައިވާ ކަމަށް ބުނެ އެ އިންތިޚާބުގައި ވާދަކުރެއްވި މުހައްމަދު ނަޝީދު (ކާނަލް) ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ކާނަލް މިއަދު ސަން އަށް ވިދާޅުވީ އޮޅުވާލައިގެން ފަސް މެމްބަރަކު ލައްވައި އެ އިންތިޚާބުގައި ވޯޓުލާފައިވާ ކަމަށެވެ.

އެ އިންތިޚާބުގައި ދިވެހި ސިފައިންގެ ކްލަބަށް ބޯޓު ދިނުމުގެ ހައްގު ދީފައިނުވާއިރު، ނުފޫޒު ބޭނުންކޮށްގެން އެތައް ކަމެއް އިންތިޚާބުގައި ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިވިލް ކޯޓުގައި އެދިވަޑައިގެންފައިވާނީ އެ މައްސަލަ ބެލުމަށްފަހު އެކަންތައްތަކާ މެދު އިންސާފުވެރި ހުކުމެއް ކޮށްދިނުމަށް ކަމަށެވެ. ދެ މީހެއްގެ ދެމެދުގައި މައްސަލަ ޖެހިއްޖެނަމަ ދެން ދާންޖެހޭނީ ޝަރުއީ ކޯޓަކަށް ކަމަށާއި ރައްޖޭގެ ކޯޓުތައް އިންސާފުވެރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ތިން ވަނަ ދައުރަކަށް ވެސް އިންތިޚާބުވެވަޑައިގެންފައި ވަނީ މުހައްމަދު ރިޔާޒެވެ. ފުރަތަމަ ބުރުގައި ދެބޭފުޅުން އެއްވަރުވުމުން ދެން ވޯޓު ނެގީ އެގްޒެކެޓިވް ކޮމެޓީގެ މެމްބަރުންގެ މެދުގަ އެވެ. އެ ވޯޓުން ކުރި ހޯއްދެވީ ރިޔާޒެވެ.

comment ކޮމެންޓް