ވީއޭއެމްގެ ހިންގާ ކޮމިޓީން ކާނަލް ވަކިކުރުމުން މައްސަލަ އިތުރަށް ހޫނުވެއްޖެ

ވީއޭއެމްގެ ރައީސް ލަތީފް(ކ)އާއި ކާނަލް ނަޝީދު(ވ): ޑިސިޕްލިން ކޮމިޓީ ކޮމިޝަންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭތީ ކަމަށްބުނެ، އޭނާ ވަނީ ހިންގާ ކޮމިޓީން ވަކިކޮށްފައި --- ސަން ފޮޓޯ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ހިންގާ ކޮމިޓީގެ މެންބަރުކަމުން މުހައްމަދު ނަޝީދު (ކާނަލް) ވަކިކުރުމުން އެ އެސޯސިއޭޝަންގެ މައްސަލަ ހޫނުވެއްޖެއެވެ.

ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެންބަރުކަމުން ކާނަލް ނަޝީދު ވަކިކޮށްފައިވަނީ ޑިސިޕްލިން ކޮމިޓީ ކޮމިޝަންގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭތީވެ އެކްސް އޮފިޝިއޯގެ އަޣުލަބިއްޔަތުން ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ސޮއިކޮށް، ކާނަލް ނަޝީދަށް ފޮނުވި ސިޓީގައި ލިޔެފައިވެއެވެ.

އެ މައްސަލަ ހޫނުވެގެންދިޔައީ މިއަދު ހަވީރު ސިޓީ ގާޑަންގައި ބޭއްވި ވީއޭއެމްގެ ހިންގާ ކޮމިޓީގެ ތެރެއިންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމަށް، ހިންގާ ކޮމިޓީން ވަކިކޮށްފައިވާ ކާނަލް ނަޝީދު އަދި އަލީ އިޔާޒް ވެސް ފެނިގެންދިޔައެވެ. ނަމަވެސް އިޔާޒް ވަނީ މާގިނައިރުތަކެއް ނުވެ، ބައްދަލުވުން ދޫކޮށް ގޮސްފައެވެ.

ސިޓީ ގާޑަން ރެސްޓޯރެންޓްގެ ވީއައިޕީ ރޫމްގައި އެ ބައްދަލުވުން ކުރިއަށްދިޔައިރު ކާނަލް ނަޝީދު ވިދާޅުވަމުންދިޔައީ، "ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ވީއޭއެމްގެ ރައީސް ލަތީފުގެ އެއްވެސް ހައިސިއްޔަތެއް ނެތް" ކަމަށެވެ. އެގޮތަށް ކާނަލް ނަޝީދު ވިދާޅުވެފައިވަނީ ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރުކަމުން ލަތީފް ވަކިކޮށްފައިވަނިކޮށެވެ. ވީއޭއެމްގެ ރައީސްކަމުގެ މަގާމަށް މިދިޔަ އަހަރު ލަތީފް ކުރިމަތިލައްވާފައިވަނީ ވެސް ޔޫތު ސްޕޯޓްސް ކްލަބުގެ މެންބަރެއްގެ ގޮތުގައެވެ.

ބައްދަލުވުން ނުނިމެނީސް ވީއައިޕީ ރޫމުން ކާނަލް ނަޝީދު ނެނުރުތަން ފެނުނެވެ. ސިޓީ ގާޑަންގެ ވީއައިޕީ ރޫމް ބޭރުގައި އޭރު ތިބި ސަން އަދި ވީޓީވީގެ ނޫސްވެރިޔާއަށް މައުލޫމާތުދެމުން ކާނަލް ނަޝީދު ވިދާޅުވީ، އެތަނުގެ ތެރޭގައި މާރާމާރީ ހިންގާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅާނެ ކަމަށެވެ. އެ ހާދިސާއަށްފަހު ކާނަލް ނަޝީދު ފަރުވާ ހޯއްދެވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވިކަމަށް އޭނާ ވިދާޅުވެއެވެ.

ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު މައުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ، އެ ބައްދަލުވުމުގައި މަސްލަހަތު ގޯސްވެގެންދިޔަ ކަމަށާއި އެއީ ޑިސިޕްލިނަރީ ކޮމިޓީގެ ކުރީގެ ޗެއާމަން ބައްދަލުވުން ތެރެއަށްވަދެ ބައްދަލުވުން ބޭއްވިޔަނުދިނުމަށްޓަކައި މަސައްކަތްކޮށް، އުޅުއްވީ މަޖިލީހުގައި ވެސް އުޅުއްވި ގޮތަށް ކަމަށެވެ. އަދި ކާނަލް ނަޝީދު މަގާމުން ވަކިކުރީ ކޮން ސަބަބުތަކާހުރެ ކަން ވެސް ލަތީފް ހާމަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ދިވެހި ލީގު ނިމިގެންދިޔައީ 2016 ވަނަ އަހަރުގެ ތެރޭގައި. އަޅުގަނޑުމެންނަށް ކުޅުންތެރިންތަކެއް ވަނީ ދިވެހި ލީގުގައި ވާދަކުރި ކްލަބަކުން ފައިސާ ނުދައްކާ ކަމަށްބުނެ މައްސަލަ ހުށަހަޅާފައި. އެކަންތަކުގައި އިންޓަނޭޝަނަލް ކުޅުންތެރިން ވެސް ޖަވާބަކަށް އެބަ އަހާ. އަޅުގަނޑު އެތައް ފަހަރެއްގައި ބުނެގެންވެސް އެކަންތައް އޮތީ ނުނިމިފަ. އަދީ އޭގެއިތުރަށް އިންޓަނޭޝަނަލް ރެފްރީއެއް ވެސް މައްސަލައެއް ހުށަހަޅާފައި އެބައޮތް. އެކަންތައް ވެސް ނިންމިފައެއް ނުވޭ،" ކާނަލް ނަޝީދު ވަކިކުރި މައްސަލައާ ގުޅިގެން ވާހަކަދައްވަމުން ލަތީފް ވިދާޅުވިއެވެ.

ލަތީފް ވިދާޅުވީ، ވީއޭއެމްގެ ހިންގާ ކޮމިޓީ އިންތިހާބުވެގެން ބޭއްވި ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވެސް ހުރިހާ ކޮމިޝަނެއް ހިންގަންޖެހޭ ގޮތުގެ ގަވާއިދު ތައްޔާރުކޮށް ހަވާލުކުރުމަށް އެދުނު ނަމަވެސް، އެކަން ވެސް ކާނަލް ނަޝީދަށް ނުކުރެވުނު ކަމަށެވެ.

"އެ ސަބަބުތަކަށްޓަކައި އަޅުގަނޑަށް މަޖުބޫރުވި. ވޮލީބޯޅަ އާއިލާއަށްޓަކައި، ވޮލީބޯޅަ ކުޅުންތެރިންނާއި އަދި ވޮލީބޯޅަ ކޯޗުންނާއި ރެފްރީންނާއި މުޅި ވޮލީބޯޅައަށްޓަކައި ގުރުބާންވާންޖެހޭ. އަޅުގަނޑު ވޮލީބޯޅަ އެސޯސިއޭޝަނާ ހަވާލުވެގެން މިހުރީ އިރާދަކުރެއްވިއްޔާ ކުޅިވަރުކުޅޭ ޒުވާނުންނާއި ކޯޗުންނާއި ރެފްރީންނާއި ވޮލީބޯޅަ އާއިލާއަށް ވޮލީބޯޅަ ރައްދު ކުރުމަށްޓަކައި،" އޭނާ ވިދާޅުވިއެވެ.

ކާނަލް ނަޝީދު ޑިސިޕްލިނަރީ ކޮމިޓީގެ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރައްވާފައިނުވާނެތޯ 'ސަން ސްޕޯޓްސް'އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، އެއީ ހަގީގަތެއްނެތް ވާހަކައެއް ކަމަށެވެ.

ކާނަލް ނަޝީދު މަގާމުން ވަކިކުރިއިރު، ހިންގާ ކޮމިޓީގައި ހިމެނޭ އިޔާޒް އިސްތިއުފާގެ ސިޓީއެއް ފޮނުވުމުން އޭނާއަށް މަގާމު ގެއްލިފައިވާ ކަމަށް ލަތީފް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ ސިޓީއަކީ އިޔާޒް ލިޔެފައިވާ ސިޓީއެއް ނޫން ކަމަށް އިޔާޒް ވިދާޅުވެއެވެ.

comment ކޮމެންޓް