ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބެއްގައި ރާއްޖެއަށް ތައާރަފް ކުރަން މަސައްކަތް ކުރަމުންދާ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ނުވަތަ އީ-ވޯޓިން ރާއްޖެއަށް މުހިންމު ނޫން ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.
މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ވާދަވެރި ރިޔާސީ އިންތިހާބު ބޭއްވިއިރު އިލެކްޝަން ކޮމިޝަންގެ ރައީސްއަކަށް ހުންނެވި ފުއާދު "ސަން"އަށް ވިދާޅުވީ އީވޯޓިން ނަގާނަމަ އިލެކްޝަންގެ މައްޗަށް ބޮޑު އިތުބާރެއް އޮންނަންޖެހޭ ކަމަށާއި އެހެން ގައުމުތަކުގައި ވެސް އެ ނިޒާމް ކާމިޔާބުވެފައި ވަނީ އެ ކޮމިޝަނަކާމެދު އޮންނަ އިތުބާރެއްގެ ސަބަބުން ކަމަށެވެ. ރާއްޖެ އިލެކްޝަން ކޮމިޝަނާމެދު އެ އިތުބާރު ނެތް ކަމަށް ފުއާދު ވިދާޅުވި އެވެ.
"ރައްޔިތުންގެ ހިތުގައި އިލެކްޝަން ކޮމިޝަނަކީ ވަކި ފަރާތަކަށް ނުޖެހި ވަރަށް އިންސާފުވެރިކަމާއެކު އިންތިހާބާ ބެހޭ ހުރިހާ ކަމެއްކޮށްދޭ ބައެއްގެ ޔަގީންކަން އޮތުން. ނަމަވެސް ރާއްޖޭގެ މިވަގުތު ހާލަތު އޮތް ގޮތުން އަޅުގަނޑަކަށް ހިޔެއް ނުވޭ ބައެއް ކަހަލަ ކަންކަން ދިމާވެފައިވާ ގޮތުން އެ އިތުބާރު އިލެކްޝަން ކޮމިޝަންގެ މައްޗަށް އުފެދިފައިވާހެނެއް،" ފުއާދު ވިދާޅުވިއެވެ.
އީވޯޓިން ނަގަންޖެހޭ ސަބަބަކީ އެވޯޓްލާ އާބާދީއަކީ ވަރަށް ބޮޑު އާބާދީއަކަށްވުމުން ކަމަށާއި ނަމަވެސް ރާއްޖޭގެ ވޯޓްލާ އާބާދީއަކީ އެވަރުގެ އާބާދީއެއް ނޫން ކަމުން އީވޯޓިންއަށް ދާންނުޖެހޭ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
"ރާއްޖޭގެ އާބާދީއަކީ ވަރަށް ކުޑައާބާދީއެއް، 250000 އެއްހާ މީހުން ވޯޓްލާން ތިބޭނީ، ވޯޓު ފޮއްޓަކަށް 500 އެއްހާ މީހުން ވޯޓްލާ އެވްރެޖެއް މިއޮންނަނީ އެހެންވީމަ އެގޮތުން ބަލާއިރު ވެސް އެހާ {އެވޯޓަށް} ދިއުމަށް ބާރެއް ނާޅާ،" ފުއާދު ވިދާޅުވިއެވެ.
އީވޯޓިން ނަގާ ވާހަކަ ދައްކާއިރު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ މިއީ ވޯޓް އޮޅުވާލުމަށް ކުރަން އުޅޭ ކަމެއްގެ ގޮތުގަ އެވެ. ފުއާދު ވިދާޅުވީ މެޝިންތަކަކީ ގަސްތުގައި ވިޔަސް ނުވަތަ ގަސްތުގައި ނޫންގޮތައް ވެސް އޮޅުވާލެވޭނެ އެއްޗެއް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ އިލެކްޓޯނިކް ވޯޓިންއަކީ ހެކްކުރެވޭނެ ނިޒާމެއް ނޫން ކަމަށާއި އެ ނިޒާމް ތައާރަފް ކުރުމުން ރައްޔިތުންގެ އިތުބާރު އިލެކްޝަންސް ކޮމިޝަނާމެދު ބޮޑު ވެގެންދާނެ ކަމަށެވެ.
"އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ވަނީ މިއީ ހެކްކުރެވޭނެ ނިޒާމެއް ނޫނޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އީވޯޓިން އަޅުގަނޑުމެން ތައާރަފް ކުރާނަން. މި ނިޒާމު ތައާރަފް ކުރުމުން ރައްޔިތުންގެ އިތުބާރު އިލެކްޝަންސް ކޮމިޝަނަށް ބޮޑުވެގެންދާނެ،" އަކުރަމް ވިދާޅުވި އެވެ.
އީވޯޓިން ތައާރަފްކޮށްފިނަމަ ވޯޓް ކަރުދާސް ޕުރިންޓް ކުރަންޖެހޭ ހަރަދަށް ލުއިކަމެއް އަންނާނެ ކަމަށާއި އެކަމަކު އެއަށްވުރެ މުހިންމީ ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށް އިލެކްޝަނުން ވިސްނަންޖެހޭ ކަމަށް ފުއާދު ވިދާޅުވި އެވެ. ޖެނުއަރީގައި އޮތް ލޯކަލް ކައުންސިލްގައި އީވޯޓިން ބޭނުންކުރާނެ ކަމަށް އިލެކްޝަނުންބުނާއިރު އެކަމަށް ރައްޔިތުން ވަރަށް ބޮޑަށް އަހުލުވެރި ކުރަންޖެހޭ ކަމަށާއި ނަމަވެސް އެކަންކަން އިލެކްޝަނުން ކުރާތަން ނުފެންނަ ކަމަށް ފުއާދު ވިދާޅުވިއެވެ.
"{އީވޯޓިންއަށް ރައްޔިތުން އަހުލުވެރިކުރުމުގެ} އެއްވެސް ކަމެއް އިލެކްޝަން ކޮމިޝަނުންކުރާތަނެއް ނުފެނޭ އަންނަ ޖެނުއަރީގައި ލޯކަލް ކައުންސިލްގެ އިންތިހާބް އެބަ އޮތޭ ބުނާއިރު. އެންމެ ލަސްވިޔަސް މިހާރުން މިހާރަށް އެ މަސައްކަތް ފަށައި ނުގަނެވިއްޖެއްޔާ މުޅި ރާއްޖޭގެ ރައްޔިތުންނަށް މި އާ ގުޅޭ މައުލޫމާތެއް ނުލިބޭނެހެން،" ފުއާދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަކުރަމް ވިދާޅުވީ އިލެކްޓޯނިކް ވޯޓިން ތައާރަފް ކުރުމުގެ ކުރިން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ދިރިއުޅޭ ރައްޔިތުން ވެސް އެކަމަށް ހޭލުންތެރިކުރުވާނެ ކަމަށެވެ.