ތޯރިގު ރަމަޟާނަށް ޝަހީމްގެ ރައްދު: ބިދޭސީން ރާއްޖެ ބަދުނާމު ކުރާތީ ހިތާމަކުރަން!

(ކ) ޕްރޮފެސާ ތޯރިގު ރަމަޟާން އަދި (ވ) ޑރ މުހައްމަދު ޝަހީމް އަލީ ސައީދު -- ސަން ފައިލް ފޮޓޯ

ޑރ. އަފްރާޝީމް އަލީގެ ގާތިލު ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށް މަރުގެ އަދަބު ދިނުމާ ދެކޮޅަށް އޮކްސްފޯޑް ޔުނިވާސިޓީގައި އިސްލާމް ދީނާ ބެހޭ ޢިލްމު ކިޔަވައިދޭ ތޯރިގު ރަމަޟާން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީނަށް ފޮނުއްވި ސިޓީގައިވާ ވާހަކަތަކަށް، އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްދު ދެއްވައިފި އެވެ.

ޕްރޮފެސާ ތޯރިގު ރަމަޟާން، ހުމާމްގެ މައްޗަށް މަރުގެ އަދަބު ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީޢަތުގެ އަސާސުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީނަށް ސިޓީއެއް ފޮނުވާފައި ވަނީ މީގެ ދެ ދުވަސް ކުރިންނެވެ. އެ ސިޓީގައި އޭނާ ވަނީ ހުމާމްގެ ޝަރީއަތާއި، އަފްރާޝީމްގެ މަރުގެ މައްސަލައިގައި ކަންބޮޑުވާ ބައެއް ކަންކަން ފާހަގަ ކުރައްވައިފަ އެވެ.

ތޯރިގު ރަމަޟާންގެ ސިޓީ އިންޓަނެޓުގައި އާންމުވެފައިވާ އިރު، އޭގައި ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވައި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގޮތުން ރާއްޖޭގައި ހަދާފައިވާ ގަވާއިދު ޕްރޮފެސާ ތޯރިގު ވިދާޅުވެފައި ނުވާކަން އެނގޭ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ޤިސާސްގެ ހުކުމަކީ އިސްލާމީ ޝަރީޢާގައި އޮތް ހުކުމަކަށްވާ އިރު، ގިސާސްގެ މައްސަލައެއް ރާއްޖޭގެ ޝަރުއީ ތިން މަރުހަލާ ނިމިގެން ނޫން ގޮތަކަށް ތަންފީޒު ނުކުރާނެ ކަމަށެވެ.

"ދުނިޔޭގެ އެދުމަށް އަނިޔާވެރި ހުކުމެއް ކުރާ ފަނޑިޔާނެއް ނަމަ އެމީހެއްގެ ޖަޒާއަކީ ނަރަކަ. ހައްގަށް ހުކުމް ކުރާ ފަނޑިޔާރުންގެ ޖަޒާއަކީ ސުވަރުގެ. ގިށާސްގެ ހުކުމް ކުރަންވާނީ އެއްޗެސް ޝައްކެއް ނެތް މިންވަރަށް ސާބިތު ވުމުން،" ޝަހީމް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

19 ޖޫން 2016 ވަނަ ދުވަހު ސްޕްރީމް ކޯޓްގައި ތާވަލް ކުރި ސަރިއަތުގެ މަޖިލީސް ކެންސަލް ވުމުން ހުމާމް ކޯޓުން ނެރެގެން ގެންދަނީ -- ސަން ފޮޓޯ/ފަޔާޒު

ޝަހީމް ވިދާޅުވީ ގިސާސްގެ މައްސަލައިގައި މަރަށް މަރު ހިފުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި ނަމަ އެކަން ގެންދަންވާ ގޮތް ބަޔާންކޮށްދޭ ގަވައިދު ހަދާފައި ވަނީ އިސްލާމީ ޝަރީޢަތް އަސްލަކަށް ބަލައިގެން ކަމަށެވެ.

ތޯރިގު ރަމަޟާނަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ މައްޔިތާގެ ވާރިސުންނަށް ބަސް ބުނުމުގެ ފުރިހަމަ ހައްގު، ގަވައިދުގެ ދަށުން ދީފައިވާ ކަމަށާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ވާރިސުންގެ ބަސް ހޯދަން އެކަށީގެންވާ މަސައްކަތް ކުރާނެ ކަމަށެވެ.
ވާރިސުންގެ ބަސް ހޯދަން ބަލާއިރު މައްޔިތާގެ ވާރިސުންގެ ތެރޭގައި ބާލިޣު ނުވާ ކުއްޖަކު ހުރި ނަމަ އޭނާ ބާލިޣު ވަންދެން މަރުގެ ހުކުމް ތަންފީޒުނުކޮށް މުޖުރިމު ހައްޔަރުގައި ބަހައްޓަން ޖެހޭނެ. މަރުގެ ހުކުމް ތަންފީޒު ކުރަން ވާނީ އޭނާގެ ބަސް ވެސް ބަލާފައި. މިއީ ގިސާސް ހިފުމުގައި އިސްލާމީ ޝަރީޢާގައި ކަނޑައަޅުއްވާފައިވާ ޝަރުތެއް.

ކުރީގެ އިސްލާމިކް މިނިސްޓަރު ޝަހީމް ވިދާޅުވީ އެކުލަވާލާފައިވާ ގަވައިދުގެ ދަށުން، މައްޔިތާގެ ވާރިސުންނާ ގާތިލާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރާނީ އިސްލާމިކް މިނިސްޓްރީން ކަމަށާއި، ވާރިސުން ނުވަތަ އެންމެ ވާރިސަކު ނަމަވެސް މައާފު ކޮށްފި ނަމަ މަރުގެ އަދަބު ތަންފީޒު ނުކުރާނެ ކަމަށެވެ.

އަދި ގަވައިދުގެ ދަށުން، ގާތިލުގެ ސިއްހީ ހާލަތު ބަލާނެ ކަމަށާއި ބަލި މީހެއް ނަމަ ހުކުމް ތަންފީޒު ކުރުން ފަސް ކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"މިހެންކަމުން އަދި ސުޕްރީމް ކޯޓުން މަރަށް މަރު ހިފަން ހުކުމް ކުރިޔަސް ދައުލަތުން މީހަކު މަރާނީ އެކަމުގައި އޮތް އެންމެހާ އިސްލާމީ ޝަރުއީ އިޖުރާއަތެއް ފުރިހަމަ ކޮށްފައި ކަމަށް ގަވައިދުގައި ވޭ. މުތަހަމްގެ މައްޗަށް ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތުވާ ނަމަ ހުކުމް ކުރުމަކީ ދައުލަތުގެ ހައްގެއް
ޝަހީމް ވިދާޅުވި ގޮތުގައި ވަރިސުންނަކީ ގިސާސް ތަންފީޒު ކުރުމުގެ ހަގީގީ ބާރުވެރިންނެވެ. އަދި މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ގަވައިދުގައި ވާރިސުންނަށް އެ ބާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރުން ހެދި ގަވައިދުގައި މި އަސްލުތައް ކަށަވަރު ކޮށްދީފައިވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މަރުގެ އަދަބު ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ވެސްދޭ އިރު، އެކަމާ މީހުން ވާހަކަ ނުދައްކައި ރާއްޖޭގައި މަރު ހިފުމުގެ މައްސަލައިގައި ގޮންޖެހުން ކުރިމަތި ކުރުވަނީ ރާއްޖޭގައި އެކަން ކުރަން އުޅެނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް ކަމަށް ވާތީ ކަމުގައި ވެދާނެ ކަމަށެވެ.
"މިހެންކަމުން މިކަން ގެންދާ ގޮތް ބެލުމެއް ނެތި ދިވެހިރާއްޖެ ބަދުނާމުވާ ގޮތަށް ބިދޭސީ ބައެއް ފަރާތްތަކުން ވާހަކަ ދެއްކުމަކީ ހިތާމަހުރި ކަމެއް،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީއަތާ އެއްގޮތަށް މަރުގެ އަދަބު، އަދުލުވެރިކަމާ އެކު ގާއިމު ކުރުމުގައި ހިތްވަރާއި އަޒުމާ އެކު ކުރިޔަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހިތްވަރު ދެއްވާ ކަމަށެވެ.
ހުމާމް މެރުމަށް ކުރި ހުކުމް 2016 ޖޫން 24 ވަނަ ދުވަހު ސުޕްރީމް ކޯޓުން ދަމަހައްޓާފައިވާ އިރު، މަރުގެ ހުކުމް ތަންފީޒުކުރުމާ ބެހޭ ގޮތުން ސަރުކާރުން އެކުލަވާލި ގަވައިދުގައިވާ ގޮތުން، މަރުގެ ހުކުމެއް ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރާ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހެ އެވެ. ސަރުކާރުން މިކަން ކުރުމަށް ނިންމާފައި ވަނީ މާފުށީ ޖަލުގައި، ދަންޖައްސައިގެންނެވެ.
comment ކޮމެންޓް