އެކަލާނގެއަށް ދަރިކަލަކު ނުވެއެވެ.

ދަރިއެއްގެ ހާޖަތް ޖެހެނީ މަޚުލޫޤުންނަށެވެ. ﷲ ދަރިކަލަކަށް ބޭނުންވެ ވޮޑިގެން ނުވެއެވެ. ނަޞާރާއިން ވަނީ ﷲއަށް ދަރިކަލަކު ލިބިވޮޑިގެންވާކަމަށް ބުނެ ދޮގު ހަދާފައެވެ.

الله سبحانه وتعالىއީ ހުރިހާ އުނިސިފައަކުން ހުސްޠާހިރުވެވޮޑިގެންވާ، އަމިއްލަ ޒާތުފުޅައިގެން ފުދިވޮޑިގެންވާ، ޙަމްދު ލިބިވޮޑިގެންވާ ޢާލަމްތަކުގެ ވެރި އިލާހެވެ. އެކަލާނގެއަށް ދަރިކަލަކު ވާ ކަމަށް ބުނެ ބޮޑުވެގެންވާ ބުހުތާނެއް ހެދީ ނަޞާރާއިންނެވެ. އެބައިމީހުން ބުނަނީ މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަކީ ﷲގެ ދަރިކަލެއް ކަމަށެވެ. نعوذ باللهއެވެ!

އަދި ހަމަ އެފަދައިން ޔަހޫދީން ވެސް ބުންޏެވެ. ޢުޒައިރުގެފާނަކީ ﷲގެ ދަރިކަލެކެވެ. އެހެނަކުން ނޫނެވެ. އެކަލާނގެއަށް ދަރިކަލަކު ނުވެއެވެ. އަދި އެއްވެސް ބައިވެރިއަކު ވެސް ނުމެވޭމެއެވެ. މި ކަން އަންގަވައި މާތް ﷲ ވަޙީކުރެއްވިއެވެ. وَقَالَتِ الْيَهُودُ عُزَيْرٌ ابْنُ اللَّهِ وَقَالَتِ النَّصَارَى الْمَسِيحُ ابْنُ اللَّهِ ذَٰلِكَ قَوْلُهُم بِأَفْوَاهِهِمْ يُضَاهِئُونَ قَوْلَ الَّذِينَ كَفَرُوا مِن قَبْلُ قَاتَلَهُمُ اللَّهُ أَنَّىٰ يُؤْفَكُونَ ‎﴿التوبة: ٣٠﴾‏ މާނައީ: "ޔަހޫދީން ބުނޫއެވެ. ޢުޒައިރުގެފާނަކީ، ﷲގެ ދަރިކަލުންނެވެ. އަދި ނަޞާރާއިން ބުނޫއެވެ. އަލްމަޞީޙަކީ (ޢީސާގެފާނަކީ)، ﷲގެ ދަރިކަލުންނެވެ. އެއީ (ހަމައެކަނި) އެއުރެންގެ އަނގައިން ބުނެލާ ބަހެކެވެ. އެއުރެން އެ ތަޤްލީދުކުރަނީ، އެއުރެންގެ ކުރިން ކާފިރުވި މީހުން ބުނެއުޅުނުފަދަ ބަހަކަށެވެ. ﷲ، އެއުރެންނަށް ލަޢުނަތްލައްވާހުށްޓެވެ. އެއުރެން ޙައްޤުން އެއްކިބާ ވަނީ، ކޮންފަދައަކުން ހެއްޔެވެ؟"

ނެތުމުގެ ތެރެއިން އިންސާނުން އުފައްދަވައި އޭނާއަށް ބޭނުންވާ ހުރިހާ އެއްޗެއް މި ބިންމަތީ ލައްވަވައި އެ ތަކެއްޗަށް ވާޞިލުވެވޭނެ މަގު ފަހިކޮށްދެއްވެވީ އިތުރު އެއްވެސް ބައިވެރިއެއްގެ އެހީތެރިކަމާ ނުލައި ހަމައެކަނި އެއްކައުވަންތަ ﷲއެވެ.

އިންސާނުން ބަލިވެއްޖެ ނަމަ އެ ބައްޔަކަށް ކުރާނެ ފަރުވާ ބިންމަތީ ލައްވަވައި އެ ފަރުވާ ހޯދާނެ މަގު ދައްކަވައިދެއްވައި އެ ފަރުވާއެއް މެދުވެރިކޮށް ބައްޔަށް ޝިފާ ދެއްވަނީ އިތުރު އެއްވެސް ބައިވެރިއެއްގެ އެހީތެރިކަމާ ނުލައި ހަމައެކަނި އެއްކައުވަންތަ ﷲއެވެ.

އިންސާނުންގެ ވަށައިގެންވާ މާޙައުލުގައި ހުރި ހުރިހާ ނުރައްކަލަކުން އޭނާ ސަލާމަތް ކުރައްވަވައި ރައްކާތެރިކަމުގެ މަގަށް މަގުދައްކަވައި ޙަޔާތުގެ އަމަންއަމާންކަން ޤާއިމުކޮށް ދެއްވަވަނީ އިތުރު އެއްވެސް ބައިވެރިއެއްގެ އެހީތެރިކަމާ ނުލައި ހަމައެކަނި އެއްކައުވަންތަ ﷲއެވެ.

އެއިލާހު ދަރިކަލަކު ހިތްޕެވުމުގެ އޮތީ ކޮން ބޭނުމެއްތޯއެވެ؟ ދަރިން ހޯދުމާއި އެ ދަރިންގެ ސަބަބުން ފަޚުރުވެރިވުން އެއީ އިންސާނުންގެ ކިބައިގައި އޮތް ކަމެކެވެ. ގައިބާރު ދެރަވެ އެހީތެރިކަމަށް ބޭނުންވާ ހިނދު އޭނާގެ ޚިދުމަތުގައި ހުރުމަށް، ނުވަތަ އޭނާގެ މުދާ ވާރުތަކުރުމަށް، ނޫން ނަމަ އޭނާގެ ދަރިފަސްކޮޅާއި ޚާންދާނުގެ ލަޤަބު މަތިކުރުމަށެވެ. މިފަދަ ހުރިހާ އުނި ސިފައަކުން ގަދަކީރިތިވަންތަ މާތް ﷲ ހުސްޠާހިރުވެވޮޑިގެންވެތެވެ.

ހަތް އުޑާއި ހަތް ބިމާއި އެ ދެމެދުގައި ވާހާ ތަކެއްޗެއްގެ މިލްކުވެރިކަން އެ ފަރާތަކަށްވާ އަލްޣަނިއްޔުއަށް ދަރިކަލެއްގެ ހާޖަތެއް ޖެހިވޮޑިގަންނަވާނެ އެއްވެސް ސަބަބެއް އެބަ އޮތްތޯއެވެ؟ އެއިލާހު ދަރިކަލަކު ހިތްޕެވިކަމަށް ބުނާ މީހުންނަކީ އަނިޔާވެރިންނެވެ. ދޮގުވެރިންނެވެ. މަކަރުވެރި ހީލަތްތެރިންނެވެ. އެބައިމީހުންނާ މުސްލިމުންނާ އެއްވެސް ގުޅުމެއް ނެތެވެ. އެ މީހުންގެ ކަންކަމާ މެދު އަޖާޢިބުވެ ޙައިރާން އަންތަރީސް ވާ ބަޔަކު ކަމުގައި މުސްލިމުން ވެގެން ނުވާނެއެވެ. އެކަލާނގެ ދަރިކަލަކު ނުހިތްޕަވަތެވެ.

comment ކޮމެންޓް