އުފާވެރި ޒަވާޖީ ހަޔާތެއް ލިބުމަކީ ކޮންމެ މީހަކު ވެސް އެދޭނެ އެންމެ ބޮޑު އެއް އެދުމެވެ. ޢާއިލީ ހަމަޖެހުމަކީ ކޮންމެ އިންސާނެއްގެ ވެސް އުންމީދެކެވެ. މިއަދުގެ މުޖްތަމަޢުގައި ދިމާވާ ގިނަ މައްސަލަތަކުގެ އަސްލަކީ ޢާއިލީ ނުތަނަވަސްކަމެވެ. މުޖްތަމަޢެއް ބިނާވެގެން އަންނަނީ ޢާއިލާތަކެއްގެ މައްޗަށެވެ. ޢާއިލާއެއް ބިނާވެގެންވަނީ ފަރުދުންގެ މައްޗަށެވެ. ޢާއިލާގެ ހަމަނުޖެހުން ގުޅިފައިވަނީ ފަރުދެއްގެ ނުތަނަވަސްކަމާއެވެ. އަދި ހަމަ އެހެންމެ މުޖްތަމަޢަށް އަރާ ކޮންމެ ލޮޅުމެއްގެ ފަހަތުގައި ޢާއިލީ ހަމަނުޖެހުން އޮންނާތީ ތިބާ ދެކޭނެއެވެ. ޢާއިލާއެއް ހަމަޖެހި އޮންނާނީ އެ ޢާއިލާގެ ޙަޤީޤީ މުއައްސިސުން ކަމުގައިވާ ދެމަފިރިންގެ ދެމެދުގައި އޮންނަ ހަމަޖެހުމެއްގެ މައްޗަށެވެ. އަނބިމީހާގެ ފަރާތުން ފިރިމީހާއަށް އެއްބާރުލުން ލިބުމާއި ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އެއްބާރުލުން ލިބުމުގެ މައްޗަށެވެ.

ކާވެނީގެ ކުރީގައި ދެ މީހުން އެކަކު އަނެކަކަށް ބަހައްޓާ ގާތްކަމާއި އަޅާލުމުގެ ސިފަ، އޭގެ އަސްލު ޙަޤީޤީ ވަގުތުގައި ނުބެހެއްޓެނީ ކީއްވެހެއްޔެވެ؟ އެއީ ކާވެނީގެ ކުރިން ޖެއްސި ކުލަތަކާއި، ބޭލި ތަރިތަކާއި ހަނދަކީ، ޙަޤީޤީ ކަންކަމަށް ނުވީތީތޯއެވެ؟ އެކަކު އަނެކަކުގެ ކިބައިން ނާޖާއިޒް ފައިދާތަކެއް ހޯދީމަތޯއެވެ؟ އަމިއްލަ އެދުންތަކެއް ފުއްދީމަތޯއެވެ؟ ލޯތްބާއި ކުލުނު ފެށިގެން އަންނާނީ ކާވެންޏަށް ފަހުއެވެ. މާމުއި ހަނދުގެ ފޮނިކަމުގެ ތެރެއިންނެވެ. ދެ ޖިންސުގެ ކުދިން ކާވެނިކުރުމުގެ ނަމުގައި ވެސް ރައްޓެހިވެގެން ނޫޅެންވީ މިހެންވެއެވެ. ކާވެނީގެ ބޭރުން ހިލޭ އަންހެނުންނާއި ފިރިހެނުން ގުޅުން ނުހިންގަންވީ ސަބަބަކީ މިއީއެވެ. ކާވެނީގެ ކުރިން ލައްޒަތާއި މަލައްޒާތު ހޯދާ ނަމަ، ދެން ކާވެންޏަށްފަހު އޮތީ ކޮން ފޮނިކަމެއްތޯއެވެ؟

ކާވެނީގެ ގުޅުން ފެށިގެން އަންނަނީ ނުދަންނަ ދެ މީހެއްގެ ދެމެދުންނެވެ. އޭނާގެ ޙަޤީޤަތެއް އަސްލެއް ނޭގޭ މީހަކާ އެކު ޢުމުރުގެ ބާކީބައި ހޭދަކުރުމަށް ފަށާ ދަތުރެއް ފަދައިންނެވެ. އެ ދަތުރުގައި ތިބާއާ އެކު އެ ހުރީ، ޢުމުރުގެ ކުރީކޮޅު ތިމާގައި ހަރުލެއްވިފައިހުރި މިޒާޖާއި މުޅިން ދިމާ އިދިކޮޅު މީހަކަށް ވެސް ވެދާނެއެވެ. ނޫނީ ހުރިހާ ގޮތަކުން ތިބާއާއި ކުފޫހަމަވާ ބައިވެރިއަކު ވެސް ލިބިދާނެއެވެ. މި ދެ ގޮތުގައި ވެސް ކުރިޔަށްއޮތީ ބަލާ ހޯދުމެވެ. އެކަކު އަނެކަކުގެ ކިބައިން އުނގެނި ދަސްކުރުމެވެ. މީގެކުރިން ތަޖުރިބާކޮށްފައި ނުވާ، އަޑުއަހާފައި ނުވާ، ދެކެފައި ނުވާ އައު މަންހަޖެއް ދިރާސާކުރުމެވެ. މި ނޭނގުމުގެ ތެރެއިން ޙަޔާތް ތަޖުރިބާ ކުރެވިއްޖެ ނަމަ، އެ ދެ މީހުންގެ ދެމެދުން އުފެދިގެން އަންނަ ލޯތްބަކީ، ޙަޤީޤީ ލޯތްބެވެ. ޒަވާޖީ ހަޔާތުގެ އަސްލު މާނައާއި މަޤްޞަދަކީ އެއީއެވެ.

އެހެނަސް ކުރަން އުޅެނީ އައު ތަޖުރިބާއެއް ނޫން ނަމަ، ނުވަތަ ބަލަން މި އުޅެނީ ކުރިން ނުދެކޭ މަންޒަރެއް ނޫން ނަމަ، އަދި ހަމަ އެހެންމެ ކުރިން އަޑުއަހައިފައިވާ ކަމެއް ނަމަ، ދެން އިތުރަށް އުފެދޭނެ ލޯތްބެއް އޮންނާނެތޯއެވެ؟ ...(ނުނިމޭ)

comment ކޮމެންޓް