ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ މަލްޓިޕަލް އެންޓްރީ (ތަކުރާރުކޮށް އެތެރެވެވޭ) އުމްރާ ވިސާއެއް ތަޢާރަފުކޮށްފިއެވެ.
މި ވިސާގެ ދަށުން އެއް އަހަރު ދުވަހުގެ ތެރޭގައި އެތައް ފަހަރަކު ސައުދީ އަރަބިއްޔާއަށް އެތެރެވެވޭނެ ކަމަށާއި، ޖުމްލަ 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި މަޑުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ސައުދީ ޕްރެސް އޭޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލަށް ތަޢާރަފުކުރި މި ވިސާގެ މުއްދަތަކީ ވިސާ ދޫކުރާ ދުވަހުން ފެށިގެން 365 ދުވަހެވެ. މި މުއްދަތުގެ ތެރޭގައި، ކަނޑައެޅިފައިވާ ގަވާއިދުތަކާއި ޝަރުތުތައް ފުރިހަމަވާނަމަ، ވިސާ ލިބޭ ފަރާތްތަކަށް އެތައް ފަހަރަކު ސައުދީއަށް އެތެރެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މި ވިސާގައި ސައުދީއަށް އެތެރެވާ ކޮންމެ ފަހަރަކު، "ނުސުކް" ޕްލެޓްފޯމް މެދުވެރިކޮށް ހުއްދަ ލިބިފައިވާ ފަރާތަކުން ޚިދުމަތުގެ ޕެކޭޖެއް ގަންނަން ޖެހޭނެ ކަމަށް ހައްޖު މިނިސްޓްރީން ބުނެފައިވެއެވެ. އަދި މި ޕެކޭޖުގެ މުއްދަތު، ވިސާގައި ބާކީ އޮތް މުއްދަތަށް ވުރެ ދިގުވެގެން ނުވާނެ ކަމަށްވެސް އަންގާފައިވެއެވެ. މީގެ އިތުރުން، ސައުދީއަށް އެތެރެވުމުގެ ކުރިން ނުސުކް އެޕްލިކޭޝަން މެދުވެރިކޮށް އުމްރާ ކުރުމުގެ ހުއްދަ ހޯދުމަކީވެސް ލާޒިމު ކަމެއް ކަމަށް އެސްޕީއޭގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ވިސާގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ގައުމުން ފުރާ ކޮންމެ ފަހަރަކު ވިސާ ޑީއެކްޓިވޭޓް ވާނެއެވެ. އަދި ދެން އަންނަ ދަތުރަކަށް ބޭނުންވާ ޝަރުތުތައް ފުރިހަމަވުމުން އަލުން ވިސާ އެކްޓިވޭޓް ކުރެވޭނެއެވެ. ނަމަވެސް، ހައްޖު މޫސުމާ ދިމާކޮށް، ޒުލްޤަޢިދާ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޒުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި ވިސާ އެކްޓިވޭޓް ނުކުރެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.
އެސްޕީއޭއިން ބުނި ގޮތުގައި، މި އައު ވިސާއަކީ ސައުދީ އަރަބިއްޔާގެ "ވިޝަން 2030" އަދި "ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް" ގެ އަމާޒުތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ ފިޔަވަޅެކެވެ. މި ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކީ ސައުދީއަށް އެތެރެވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމާއި، އުމްރާވެރިންގެ ތަޖުރިބާ ރަނގަޅުކުރުމުގެ އިތުރުން ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމެވެ.