މިއަދަކީ ދުނިޔޭގެ ގިނަ ގައުމުތަކުގެ މުސްލިމުން ބަރަކާތްތެރި ފިތުރު އީދު ފާހަގަ ކުރާ ދުވަހެވެ.
އީދުނަމާދު ކުރުމަށްޓަކައި ދުނިޔޭގެ އެކިގައުމުތަކުގެ މުސްލިމުން މިސްކިތްތަކުގެ އިތުރުން ބަގީޗާތަކާއި މައިދާންތަކާއި ހާމަތަންތަން އިޚްތިޔާރުކޮށްފައިވާއިރު އެންމެ ގިނަ ބަޔަކު ޖަމާއަތުގައި އީދުނަމާދު ކޮށްފައިވަނީ މުސްލިމުންގެ ދެވަނަ ހަރަމްފުޅު ކަމަށްވާ މަދީނާގެ އަލްމަސްޖިދުއްނަބަވީގައެވެ. އެމިސްކިތުގައި ދެ މިލަޔަނެއްހާ މުސްލިމުން އީދުނަމާދު ކޮށްފައިވާއިރު މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އެމިސްކިތުގެ ވަށައިގެން ބަރަކާތް ލައްވާފައިވާ އަލްމަސްޖިދުލްއަގްސާގައިވެސް ތިން ލައްކައެއްހާ މީހުން އީދުނަމާދު ކޮށްފައިވެއެވެ.

މެލޭޝިޔާގައި އީދު ނަމާދު ކުރަނީ
މުސްލިމުންގެ އަދަދު ގިނަ އޭޝިޔާގެ ގައުމުތަކަށް ބަލާއިރު މެލޭޝިޔާއާއި އިންޑޮނީޝިޔާގައި އެތަށް މިލިޔަން ބަޔަކު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ ބަގީޗާތަކާއި މައިދާންތަކާއި ހާމަތަންތަނުގައެވެ. ނަމަވެސް މިސްކިތްތަކުގައިވެސް އީދު ނަމާދުކޮށްފައިވެއެވެ.
މިއަދު ފިތުރު އީދު ފާހަގަ ކުރާ ގައުމުތަކުގެ ތެރޭގައި ސައޫދީ އަރަބިޔާއާއި ގަލްފުގެ ގައުމުތަކުގެ އިތުރުން އިރާގާއި ސޫރިޔާއާއި އުތުރުއެފްރިކާގެ އަރަބި ގައުމުތަކާއި ތުރުކީއާއި މޮރިޓޭނިޔާއާއި ސޫދާން އަދި ސެނެގާލްއާއި އެފްރިކާގެ އެހެން އިސްލާމީ ގައުމުތައް ހިމެނެއެވެ.

އިންޑޮނީޝިޔާގައި އީދު ނަމާދު ކުރަނީ
އިރާގަށް ބަލާއިރުވެސް އެގައުމުގެ ސުންނީންނާއި ޝިޔައީންގެންދަނީ މިއަދު އީދު ފާހަގަ ކުރަމުންނެވެ. ވަރަށް މަދުންނޫނީ އިރާގުގެ ސުންނީންނާއި ޝިޔައީން އެއްދުވަހަކު އީދު ފާހަގަކޮށްފައެއް ނުވެއެވެ. އިރާގުގެ އިތުރުން އީރާނާއި އަފްޣާނިސްތާނަށްވެސް މިއަދަކީ ބަރަކާތްތެރި ފިތްރު އީދު ދުވަހެވެ.
އީރާނަށް ބަލާއިރު އީރާނުގެ މަސްޖިދު ޚުމައިނީގައި އިސްވެ އީދު ނަމާދު ކުރައްވާފައިވަނީ އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އެވެ. އަދި އީރާނުގެ އެކި ޕްރޮވިންސްތަކުގައި އެތަށް މިލިޔަން ބަޔަކު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ ބަގީޗާތަކާއި މައިދާންތަކާއި ހާމަތަންތަނުގައެވެ.

އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި އިސްވެ އީދު ނަމާދު ކުރައްވަނީ
އިސްލާމީ ގިނަ ގައުމުތަކުގައި މިއަދު ކިޔާފައިވާ ޢީދު ޚުތްބާތަކުގައި އެންމެ ބޮޑަށް ގޮވާލާފައިވަނީ މުސްލިމުންގެ އެއްބައިވަންތަކަމާއި ވަޙްދަތަށެވެ. އަދި ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން މުސްލިމުންނާއި މުސްލިމުންގެ މުގައްދަސްތަންތަނާ ދެކޮޅަށް ހިންގަމުން ގެންދާ ޓެރަރިޒަމްގެ އަމަލުތައް ހުރިހާ ގައުމުތަކެއްގެ އީދު ޚުތްބާތަކުގައިވެސް ވަނީ ކުށްވެރިކޮށްފައެވެ.
މުސްލިމުންނަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދީނުގެ ނަމުގައި ދީނާ މުޅިން ޚިލާފު ހަރުކަށި ފިކުރުތައް މުސްލިމް ޒުވާނުންގެ މެދުގައި ފެތުރެމުންދާ ދިޔުންކަމަށް ވިދާޅުވެ ސައޫދީ ރަސްގެފާނުވަނީ މިމައްސަލާގައި އިންޒާރު ދެއްވާފައެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގައި އީދު ނަމާދުު ކުރަނީ
އީދުގެ މުނާސަބަތުގައި ދެއްވި ޚިތާބެއްގައި ސައޫދީ ރަސްގެފާނު ވަނީ އިސްލާމް ދީނުން ބޭރުވެފައިވާ ހަރުކަށި ފިކުރުތަކުގެ ދަލުގައި މުސްލިމް ޒުވާނުން ޖެހޭ މައްސަލަ އިސްލާމީ ދުނިޔޭގެ ސަމާލުކަމަށް ގެންނަވާފައެވެ. މިދިޔަ ހޯމަ ދުވަހު ސައޫދީއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން އެއް ހަމަލާދީފައިވަނީ މަސްޖިދުއްނަބަވީގެ ކައިރީގައިވާ ކާރު ޕާކްކުރާ ސަރަހައްދެއްގައެވެ.
އިސްލާމީ އުންމަތުގެ އިތުރުން އެމެރިކާއާއި ޔޫރަޕާއި ރަޝިޔާއާއި ޗައިނާފަދަ އިސްލާމް ނޫން އެހެން ގައުމުތަކުގެ މުސްލިމުންވެސް މިއަދު ގެންދަނީ ބަރަކާތްތެރި ފިތްރު އީދު ފާހަގަ ކުރަމުންނެވެ. (ނޫސްއެޖެންސީތައް)