ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޠުރު ޢީދުގެ ފޯރި ވަނީ ވަރަށް ގަދަވެފަ އެވެ. އެގޮތުން ށ. ފީވަކުގައި ވެސް މިއަދު ވަނީ ވަނީ ޢީދާ ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ރަށުގައި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތަކީ މިއަދު ހެނދުނު ބޭއްވި މަސްރޭހެވެ.
ފީވަކު ޒުވާނުން އިސްނަގައިގެން އެ ރަށުގައި މިއަދު ހެނދުނު ބޭއްވި މަސްރޭހުގެ ޖުމުލަ އަށް ޓީމު ބައިވެރިވިއެވެ. އެއީ ފިރިހެން ހަ ޓީމާއި އަންހެން ދެ ޓީމެވެ.
އެއްވަނަ ހޯދާ ޓީމަށް 15،000 ރުފިޔާ ދޭ ފޯރިގަދަ މަސްރޭހުން އެއްވަނަ ހޯދާފައި ވަނީ، "އަންހެން ރަތްމަސް ޓީމް" އެވެ. މި މަސްރޭހުގައި ހަމައެކަނި ހޮވާ ވަނައަކީ ވެސް އެއް ވަނައެވެ. އަންހެން ރަތްމަސް ޓީމުން ވަނީ ޖުމުލަ 89 ކިލޯގެ މަސްބާނާފަ އެވެ.

1437ގެ ފިޠުރު ޢީދާ ގުޅިގެން ށ. ފީވަކުގައި ބޭއްވި މަސްރޭސް -- ސަން ފޮޓޯ: ކިޔުންތެރިއެއް
ފީވަކު ޒުވާނުންގެ ފަރާތުން "ސަން"އަށް މައުލޫމާތުދިން، އަލީ ޒުހޫރު ބުނީ، މިއަދު ހެނދުނު 10:00 އިން 13:00އަށް ކުރިއަށް ގެންދިޔަ މަސްރޭހުގައި ޓީމުތަކުން ގިނަ އަދަދެއްގެ މަސް ބާނާފައިވާ ކަމަށެވެ. އެގޮތުން ހުރިހާ ޓީމަކުން ޖުމުލަ 268 މަސް ބާނާފައިވާ ކަމަށް އޭނާ ބުންޏެވެ.
މަސް ރޭހަކީ ފީވަކުގައި ޢީދާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ފޯރިގަދަ އެއް ހަރަކާތެވެ. އެ ރަށުގައި މިއަދު ވަނީ އަންހެނުންގެ ވާދެމުން ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ފީވަކު ޒުވާނުން ބުނީ، އީދުގެ ކުޅިވަރުތައް އަދި ކުރިއަށް ހުރީ ކަމަށެވެ. އެގޮތުން މިރެ އާއި މާދަމާ ވެސް ޢީދު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް ވެއެވެ.
"ހަވީރު އޮތީ އަންހެނުންގެ ވާދެމުން. މިރޭ އޮންނާނެ ޒުވާނުންގެ ބޮޑުބެރު ޝޯއެއް. އަދި ބޮޑުމާލި ނެރުން ވެސް މިރޭ އޮންނާނެ،" ފީވަކު ޒުވާނުންގެ ފަރާތުން ވާހަކަދެއްކި އަލީ ޒުހޫރު ބުންޏެވެ.

ށ. ފީވަކުގައި 1437 ވަނަ އަހަރުގެ ފިޠުރު ޢީދާ ގުޅިގެން ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރޭން އަންހެނުންގެ ވާދެމުން-- ސަން ފޮޓޯ: ކިޔުންތެެރިއެއް
ބަރަކާތްތެރި ރަމަޟާން މަހުގެ މާތް އަޅުކަމަށްފަހު، އިސްލާމީ ގިނަ ގައުމުތަކަށް މިއަދަކީ ފިޠުރު ޢީދުގެ ފުރަތަމަ ދުވަހެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް މިއަދު ދަނީ ޢީދުގެ އުފާވެރިކަން ފާހަގަކުރަމުންނެވެ.