ފާއިތުވެގެން ދިޔަ ރަމަޟާން މަހަކީ ކުށްމަދު އިޖުތިމާއީ އަމާންކަން ތަަނަވަސްވި މައްސަރެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް ވިދާޅުވެއްޖެ އެެވެ.
ފިތުރު އީދު ދުވަހަށް ހާއްސަކޮށްގެން ސީޕީ އަރީފް ދެއްވި ހާއްސަ ހިތާބުގައި ވިދާޅުވެފައިވަނީ، ވޭތުވެ ދިޔަ ރަމަޟާން މަހު ކުށް މަދުކަން ފާހަގަކޮށްލެވޭ ކަމަށެވެ.
ފަހުގެ ތާރީހަށް ބަލާއިރު އެހެން ރަމަޟާން މަސްމަހު ތަޖުރިބާ ކުރެވިފައި ވާ ފަދަ ބޮޑެތި ވައްކަންތަކާއި، ޓެކުމާއި، މަގުފޭރުން ފަދަ ކަންކަން މި ރަމަޟާން މަހު އެއް ގޮތަކަށް ވެސް ހިނގައިފައި ނުވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފަ އެވެ.
އެބޮޑު ކާމިޔާބީގެ ފަހަތުގައި ތިބީ ފުލުހުންކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ ކުށްމަދު އަމާން ވެއްޓަކަށް ރަމަޟާން މަސް ވެގެން ދިޔައީ އިޚްލާސްތެރިކަމާއެކު ފުލުހުން އަދާކުރެއްވި ޤާނޫނީ ޒިންމާގެ ސަބަބުން ކަމަށެވެ. އަދި އެކަމަށް " އަޅުގަނޑު ޝައްކެއް ނުކުރަން" ކަމަށް ސީޕީ ވިދާޅުވި އެވެ.
" އެހެންކަމުން އެ ކަމަށްޓަކައި މި ދާއިރާތަކާ ގުޅިފައި ވާ ފުލުހުންގެ އިސް ފަރާތްތަކަށާއި އަމަލީ ގޮތުން ހަރަކާތްތެރިވި އެންމެހައި ފުލުހުންނަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން" ސީޕީ އަރީފްގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
މިދުވަސް ވަރަކީ އީދުގެ އުފާ ފާހަގަކުރުމަށް އިޖުތިމާއީ އާންމު ހަރަކާތްތެރިކަން އިތުރުވެ، ދަތުރުފަތުރުކުރުމާއި ރަށްރަށަށް މީހުން ޒިޔާރަތްކުރުން ގިނަ ދުވަސްވަރަކަށް ވާތީ މިއީ އަނެއްކާ ވެސް ފުލުހުންނަށް ބުރަ ދުވަސްވަރެއް ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި "ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގައުމީ ވާޖިބުގެ ބުރަކަމާއި އެކަމުގައި ވެވަޑައިގަަންނަވާ ގުރުބާނީގެ އަގުވަޒަންކޮށް" ސީޕީ ވަނީ ފުލުހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.
ދަތުރުފަތުރު ކުރުމާ އެ ނޫން ޙަރަކާތްތަކުގައި އުޅުއްވާ އެންމެހައި ރައްޔިތުން ވެސް އަމިއްލަ ސަލާމަތްތެރިކަމަށް އިސްކަން ދެއްވައި ގާނޫނުތަކަށް ކަމޭ ހިތްތެވުން އެދެން. މި ކަމުގައި ލޮބުވެތި ދިވެހި ރައްޔިތުން ފުލުހުންނަށް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ލޮބުވެތި ދިވެހިރައްޔިތުންނަށް ޝުކުރު ދެންނެވުމަކީ ވެސް މި ދަނޑިވަޅުގައި އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. ސީޕީ އަރީފް
ސީޕީ އަރީފް ވަނީ ފިތުރު އީދުގެ ތަހުނިޔާ ހުރިހާ ދިވެހިންނަށާއި ހާއްސަކޮށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އަރިސްކޮށްފަ އެވެ.