ތޮލާލަށް ހޯމް މިނިސްޓްރީގެ ނައިބުކަން ދެއްވައިފި

މުހައްމަދު ތޮލާލް-- ސަން ފައިލް ފޮޓޯ

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަމުން އިސްތިއުފާދެއްވި މުހައްމަދު ތޮލާލަށް ހޯމް މިނިސްޓްރީގެ ނައިބުކަން ދެއްވައިފި އެވެ.

ތޮލާލަށް ހޯމް މިނިސްޓްރީގެ ނައިބުކަން ރައީސުލްޖުމްހޫރިއްޔާ ދެއްވީ އިއްޔެ އެވެ. އެކަން ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އޭނާ ޕީޕީއެމްގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ނުތަނަވަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ތޮލާލް ވިދާޅުވީ އޭނާ އިސްތިއުފާދެއްވީ ޕާޓީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދުގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްތަކެއް ހުރުމުން ކަމަށެވެ.

ތޮލާލުގެ އިތުރުން ރައީސް ޔާމީނު ވަނީ ޖެންޑާ މިނިސްޓްރީއަށް ވެސް ދެ ބޭފުޅަކު އައްޔަން ކުރައްވާފަ އެވެ. އެގޮތުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރުގެ މަގާމަށް މައްޗަންގޮޅި ކަސެންކާ ޑޮކްޓަރު ޢަޠާއުﷲ އަހުމަދު ރަޝީދު އައްޔަން ކުރައްވާފައިވާއިރު އެ މިނިސްޓްރީގެ ނައިބުގެ މަގާމަށް މާފަންނު މާހިއާ އަލްފާޟިލާ ލީޝާ މުޙައްމަދު މިއަދު ވަނީ އައްޔަން ކުރައްވާފަ އެވެ.

comment ކޮމެންޓް