ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓޫރިޒަމް ފިލްމު ފެސްޓިވަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ސަން"

ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ޓޫރިޒަމް ފިލްމު ފެސްޓިވަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "ސަން" ހަމަޖެއްސުމަށް ސަން ސިޔާމް އިރުފުށި ރިސޯޓާއެކު ސަން އޮންލައިން އިން ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސަން ސިޔާމް އިރުފުށި ރިސޯޓުން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވަން ނިންމާފައިވާ ފުރަތަމަ ބައިނަލްއަގްވާމީ ޓޫރިޒަމް ފިލްމު ފެސްޓިވަލުގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.

"ފޮލޮވިން ދަ އީކުއޭޓާ"ގެ ނަމުގައި ސަން ސިޔާމް އިރުފުށީގައި ބާއްވަން ނިންމާފައިވާ އެ ޓުއަރިޒަމް ފިލްމު ފެސްޓިވަލްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖެއްސުމަށް ސަން އޮންލައިން އާ އެކު ސަން ސިޔާމް އިރުފުށިން ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ސަން ހޮޓެލް އެންޑް ރިސޯޓުގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސަން ސިޔާމް އިރުފުށި ރިސޯޓުގެ ފަރާތުން ސޮއިކުރެއްވީ އެ ރިސޯޓުގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރު އެވްގީނިއާ ބޮޔަންކޮވާ އެވެ. ސަން އޮންލައިންގެ ފަރާތުން ސޮއިކުރެއްވީ، ސަން މީޑިއާ ގްރޫޕްގެ ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިން މިންހާ ފާއިޒެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބޮޔަންކޮވާ ވިދާޅުވީ، ފަތުރުވެރިކަމަށް އެންމެ ރަނގަޅު ތަނަކީ ރާއްޖެ ކަމަށާއި ދުނިޔޭގެ ތަޖުރިބާކާރު ބޭފުޅުންނާ ހުނަރުވެރިންނާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަގްވާމީ އިވެންޓެއް ބޭއްވުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި މިއަހަރުން ފެށިގެން އެ ފެސްޓިވަލް ކޮންމެ އަހަރަކު ބާއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިފަދަ އިވެންޓެއްގައި ސަން މީޑިއާ ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށް ބޮޔަންކޮވާ ވިދާޅުވި އެވެ.

މިންހާ ފާއިޒް ވިދާޅުވީ، ރާއްޖެ ތަމްސީލްކުރާ މިފަދަ އިވެންޓެއްގައި ސަން އޮންލައިންގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

ރާއްޖެ އާއި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމުގެ މަގްސަދުގައި ބާއްވާ އެ ފެސްޓިވަލުގައި ފަތުރުވެރިކަމާ ގުޅުން ހުރި ވީޑީއޯތައް ބައިވެރިކުރަން ހުޅުވާލި ފުރުސަތުގައި ރާއްޖެއާ އެކު ދުނިޔޭގެ 15 ގައުމަކުން 200 އަށް ވުރެ ގިނަ ފިލްމު ވީޑިއޯ ވަނީ ހުށަހަޅައިފަ އެވެ.

ނަމަވެސް، އޭގެ ތެރެއިން ފިލްމު ފެސްޓިވަލަށް ނޮމިނޭޓްވާނީ 45 ފިލްމެކެވެ. އެ ފިލްމުތައް ހޮވާފައި ވަނީ ބައިނަލްއަގްވާމީ ފަނޑިޔާރުންގެ ޓީމަކުން ކޮންމެ ފިލްމެއް ބެލުމަށް ފަހު އެވެ. ނޮމިނޭޓްވި ފިލްމުތަކުގެ ތެރެއިން ފިލްމު ފެސްޓިވަލުގައި އެންމެ އުފެއްދުންތެރި 10 ފިލްމެވެ.

އެގޮތުން އެއް ވަނަ އަށް ހޮވޭ ފިލްމަކަށް ރާއްޖެއަށް ދެކޮޅު ޓިކެޓާއި ބޭނުން ލަގްޒަރީ ވިލާއެއްގައި އޯލް އިންކްލޫސިވް ޕެކޭޖެއްގެ ދަށުން ފަސް ރޭ ހުރުމުގެ ފުރުސަތު ލިބޭ 20،000 އެމެރިކާ ޑޮލަރުގެ އަގު ހުރި ޕެކޭޖެއް ވަނީ ހުށަހަޅައިފަ އެވެ.

ސަން ސިޔާމް އިރުފުށި ރިސޯޓުން ބުނީ، އެ ރިސޯޓުން ބާއްވާ ފިލްމު ފެސްޓިވަލުގައި އެންމެ އުފެއްދުންތެރި ފިލްމުތައް ބައިނަލްއަގްވާމީ ފިލްމު ފެސްޓިވަލްތަކުގައި ބައިވެރިކުރާނެ ކަމަށެވެ.

comment ކޮމެންޓް