ގެސްޓްހައުސްތަކުގެ ސަބަބުން ޖީޑީޕީ ދަށްވާ ކަމަށް ބުނުމާ މަޓާޓޯއިން ދެކޮޅު

ފަތުރުވެރިން ރާއްޖޭ މައި އެއާ ޕޯޓްގައި: ޖީޑީޕީ ދަށްވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ސަޕްލައިއާ ޑިމާންޑުގައިވާ ބޮޑު ތަފާތުން ކަމަށް މަޓާޓޯއިން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޖީޑީޕީ ދަށްވަނީ ލަގްޒަރީ ރިޒޯޓްތަކުން ގެސްޓްހައުސްތަކަށް ފަތުރުވެރިންގެ މިސްރާބު ބަދަލުވަމުންދާތީ ކަމަށް ވޯލްޑް ބޭންކްގެ ރިޕޯޓެއްގައި ބުނެފައިވީ ނަމަވެސް، އެކަމާ ދެކޮޅު ހަދާ ކަމަށް މަޓާޓޯއިން ބުނެފިއެވެ.

ވޯލްޑް ބޭންކުން ނެރުނު 'ސައުތު އެޝިއާ ޑެޕެލޮޕްމަންޓް އަޕްޑޭޓް' ރިޕޯޓުގައި ވަނީ މީގެކުރިން ރާއްޖޭގެ އިގްތިޞާދު ކުރިއަރާނެ ކަމަށް ލަފާކުރި 5.2 އިންސައްތަ، 4.7 އިންސައްތައަށް ދަށްކޮށްފައެވެ.

އެކަމަކު، ވޯލްޑް ބޭންކުގެ ލަފާކުރުމާ ދެކޮޅު ހަދައި މަޓާޓޯއިން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގެ ޖީޑީޕީ ދަށްވާ ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގައި ޑިމާންޑާއި ސަފްލައިގެ ދެމެދުގައިވާ ތަފާތަކުން ކަމަށެވެ.

މުޅި ދާއިރާގައި އެވްރެޖް ޑެއިލީ ރޭޓް ދަށްވެފައިވާ ކަމާއި އިތުރުވެފައިވާ ސަޕްލައިއަށް ހައްލެއް ހޯދުމަށް މާކެޓިން މަސައްކަތްތަކެއް ނުކުރެވޭކަން ފާހަގަކުރެވިފައިވާ ކަމަށް މަޓާޓޯއިން ބުނެއެވެ.

އިތުރަށް އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް 62،822 އެނދު ވިއްކެން ހުރި ނަމަވެސް މިދިޔަ އަހަރު ވިއްކުނީ އޭގެ 51 އިންސައްތައެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ތިބޭ އެވަރެޖް މުއްދަތު އަށް ދުވަހުން 7.6 ދުވަހަށް ދަށްވެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

މަޓާޓޯއިން ބުނީ 2022 ވަނަ އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ އާމްދަނީ މިދިޔަ އަހަރު ފަސް އިންސައްތައަށް ދަށްވިކަން ފާހަގަކުރެވުނު ކަމަށެވެ.

"2023 ވަނަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުގެ އާމްދަނީ ވަރަށް ބޮޑަށްވަނީ ދަށްވެފައެވެ. ޖުމްލަ 40 ބިލިއަން ރުފިޔާ މިމުއްދަތުގެ ތެރޭގައި ދަށްވެފައިވާއިރު އޭގެ ކުރީ އަހަރުދަށްވެފައިވަނީ 2.5 ބިލިއަން ރުފިޔާއެވެ." އެ ބަޔާނުގައިވެއެވެ.

މަޓާޓޯގެ ބަޔާނުގައި ބުނީ ކޮވިޑަށް ފަހު 2021 ވަނަ އަހަރު އަލުން ހުޅުވާލުމުން، ދާއިރާގައި ރާއްޖެއާ ވާދަވެރި ބީޗް މަންޒިލްތަކަށް އޮތް ވާދަވެރިކަން ބޮޑުވި ކަމަށެވެ.

މީގެއިތުރުން، ވޯލްޑް ބޭންކުން ރިއާޔަތްކޮށްފައިވަނީ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގެ ތަފާސްހިސާބުތަކަށް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ފަހުން ލިބިފައިވާ ކުރިއެރުންތައް ބެލިފައިނުވާ ކަމަށް މަޓާޓޯއިން ވަނީ ބުނެފައެވެ.

comment ކޮމެންޓް