ކ. ތުލުސްދުއަށް ޗުއްޓީހޭދަކުރަން ގޮސް އުޅުނު އިޒްރޭލުގެ ފަތުރުވެރިއަކު އެ ރަށުން އިއްޔެ ބާލައިފިއެވެ.
"ސަން"އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ޝަހީމް ވިދާޅުވީ، އެ ރަށަށް ދިޔަ އިޒްރޭލު އަންހެން ފަތުރުވެރިއަކު ރަށުން ބޭލީ ރަށުގެ ރައްޔިތުން ކަމަށެވެ.
އޭނާއަކީ އިޒްރޭލު މީހެއްކަން އެނގުމުން ރަށު ރައްޔިތުން ގެސްޓްހައުސްގެ ވެރިމީހާއާ ވާހަކަ ދެއްކި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި، ގެސްޓްހައުސްގެ ވެރިމީހާގެ ފަރާތުން ވެސް އޭނާ ބާލުއްވަން އެއްބާރުލުން ލިބުނު ކަމަށާއި އެންމެ ފުރަތަމަ އޮތް ލޯންޗުން އޭނާ ހުޅުލެއަށް ފޮނުވާލިކަމަށް ޝަހީމް ވިދާޅުވިއެވެ.
އެ ރަށު މީހަކު ބުނީ، އޭނާ ތުލުސްދުއަށް އައިއިރު އެއީ އިޒްރޭލު މީހެއްކަން ނޭނގޭ ކަމަށެވެ.
"މި ރަށަށް އިޒްރޭލު މީހުން ނާރުވާނެ. އެ މީހުން މިހާރު އަންނަނީ އެހެން ގައުމުތަކުގެ ޕާސްޕޯޓުގައި،" އޭނާ ބުންޏެވެ.
ތުލުސްދޫއިން ބާލަފައިވަނީ އެކަނި އެ ރަށަށް ގޮސް އުޅުނު ބްލޮގަރެކެވެ.
ތުލުސްދޫއަކީ ރާޅާއެޅުމަށް މަގުބޫލު މަންޒިލަކަށްވާއިރު މިއީ އިޒްރޭލު ފަތުރުވެރިންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ. ނަމަވެސް، މި ރަށަށް އިޒްރޭލު ފަތުރުވެރިން އެރުން މަނާކުރީ، މިދިޔަ އަހަރު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގެ ސަބަބުންނެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭނެހެން އިމިގްރޭޝަން ގާނޫނު އިސްލާހުކުރަން އެދި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ފެށި ގަތުލުއާންމުގައި މިހާތަނަށް ފަލަސްތީނުގެ 30،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.