އިދިކޮޅު ފަރާތްތަކުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށަހެޅި މައްސަލަތައް އަހަރެއްވީއިރުވެސް ނިންމާފައި ނުވާތީ، ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މައްސަލަތައް ނުނިމި ލަސްވާތީ އިދިކޮޅު ފަރާތްތަކުން މިއަދު ވަނީ އެ ކޮމިޝަނަށް ހާޒިރުވެ އެ ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކޮށްފައެވެ. އެންއައިސީއަށް މިއަދު ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ އެބޭފުޅުން މިއަދު ވަޑައިގަތީ އެ ކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރުމަށް ކަމަށާއި ނަމަވެސް މެމްބަރުންނާ ބައްދަލުކުރެވޭގޮތެއް ނުވި ކަމަށެވެ. އަދި މިއަދު އެބޭފުޅުންނަށް ބައްދަލުކުރެވުނީ އެ ކޮމިޝަންގެ އިންވެސްޓިގޭޓަރުންތަކަކާ ކަމަށް އޭނާ ވިދާޅުވިއެވެ.
މައްސަލަ ލަސްވާތީ ޝަކުވާކުރުމުން އިންވެސްޓިގޭޓަރުން ވިދާޅުވީ ތުހުމަތު ކުރެވޭ ފުލުހުން އައިޑެންޓިފައިނުކުރެވޭތީ، މައްސަލަ ލަސްވަނީ ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައްސަލަ ހުށަހަޅަނީ ފުލުހުންނަށް އަދަބުދޭން ނޫން ކަމަށާއި ބޭނުމަކީ އެކަންކަން ދެވަނަ ފަހަރަށް ތަކުރާރުވިޔަނުދީ ހައްލުކުރުން ކަމަށެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ މިހާރު މައްސަލަތައް ނުބެލިޔަސް އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމުން ކޮމިޝަންތައް ވަރަށް ހަރަކާތްތެރިވާނެ ކަމަށެވެ. ނަމަވެސް އެއީ އެކަން ވާންޖެހޭގޮތް ނޫން ކަމަށާއި ކޮންމެ ފަރާތަކުން މައްސަލައެއް ހުށަހެޅިޔަސް އެ މައްސަލައެއް ތަހުގީގުކޮށް އަވަހަށް ނިންމަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އެންއައިސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުޒާހަރާތަކުގައި އެކި މީހުންގެ ލޮލަށް ޕެޕަސްޕްރޭ ޖެހުމާއި ގާނޫނާ ޚިލާފަށް ސިޔާސީ ހަރަކާތްތަކަށް ފުލުހުން ހުރަސް އެޅި ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން އެންއައިސީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.