އަދީބު، ޒިޔަތު އަދި ހާމިދަށް ހުކުމް އިއްވުން މާދަމާރެއަށް ތާވަލްކޮށްފި

އަބްދުﷲ ޒިޔަތު (ކ) އަހުމަދު އަދީބު އަބްދުލް ޣަފޫރު އަދި ހާމިދު އިސްމާއީލް ---- ސަން ފައިލް ފޮޓޯ

ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަބްދުލްޢަފޫރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަދި މ. ޝުރާމަންޒިލް ހާމިދް އިސްމާއިލްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުކުމް އިއްވުން މާދަމާ ރެއަށް އަނެއްކާވެސް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ އެ މައްސަލާގައި ހުކުމް އިއްވުން އަނެއްކާވެސް މާދަމާ ރޭ 10:00 އަށް ތާވަލުކޮށްފައިވާ ކަމަށެވެ. މީގެކުރިން ވެސް ވަނީ ދެ ފަހަރު އެ މައްސަލަ ތާވަލްކޮށް އަޑުއެހުން ކެންސަލްކޮށްފަ އެވެ. ނަމަވެސް ކެންސަލްކުރި ސަބަބެއް ނޭންގެ އެވެ.

އެ މައްސަލަ އަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން އެމްއެމްޕީއާރުސީއިން ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެކުންފުނިން އެމްއެމްޕީއާރުސީއަށް ދިން ފަސް މިލިޔަން ޑޮލަރަށް ޚިޔާނާތްތެރިވި މައްސަލައެވެ.

މީގެ ތިން ހަފްތާކުރިން ބޭއްވި އެ މައްސަލާގެ ފަހު އަޑުއެހުމުގައި ދައުލަތުންނާއި ދިފާއީ ވަކީލުންގެ ފަރާތުން ވަނީ ޚުލާސާ ބަޔާން ހުށަހަޅާފަ އެވެ. ނަމަވެސް ގައުމީ ސަލާމަތަށްޓަކައި އެ އަޑުއެހުން ސިއްރުކޮށްފައިވާތީ އަޑުއެހުމުގައި ހިނގި ކަންތައްތަކެއް ނޭނގެ އެވެ.

ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓަށް ފަސް މިލިޔަން ޑޮލަރު ޖަމާކުރެއްވުމަށްފަހު ފޯނުން ގުޅުއްވައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު އެންގެވި ކަމަށް އެކުންފުނީގެ ހިއްސާދާރެއް ކަމުގައިވާ އަމްޖަދު އިސްމާއީލް ވަނީ ކޯޓްގައި ހެކިބަސް ދެއްވާފައެވެ.

އަމްޖަދު ވިދާޅުވެފައިވަނީ އޭގެ ތެރެއިން އެއްމިލިއަން ޑޮލަރު އެ ކުންފުނީގެ އެކައުންޓްގައި ބެހެއްޓުމަށް ފަހު ބާކީ ހުރި ހަތަރު މިލިއަން ޑޮލަރު މޮންޓަލައޯން އިންޓަނޭޝަނަލްގެ އެކައުނަޓަށް ޖަމާ ކުރުމަށް ތައްޔާރު ކޮށްފައިވާ ޗެކްތަކެއް އަދީބުގެ އެދިވަޑިއިގަތުމަކަށް އެކުންފުނީގެ ހިއްސާ ދާރަކަށް ހަވާލުކުރައްވާފައިވާނެ ކަމަށެވެ.

comment ކޮމެންޓް