ހާމިދުގެ މައްސަލައިގައި އަދީބުގެ ބަޔާން އާ ހެއްކެއްގެ ގޮތުގައި ބަލައިނުގަތް

ހާމިދު އިސްމާލްގެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގެ ތެރެއިން --

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ހުކުމް ކުރި މ. ޝޫރާމަންޒިލް، ހާމިދު އިސްމާއިލްގެ އިސްތިއުނާފު މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނެއް އާ ހެއްކެއްގެ ގޮތުގައި ބަލައިގަނެވެން ނެތް ކަމަށް މިއަދު ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ހިޔާނާތްތެރިވުމުގައި ބައިވެރިވުުމުގެ ކުށުގެ ދައުވާ ހާމިދަށް ކުރީ، ކުރެއްދޫ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ރިސޯޓެއް ތަރައްގީކުރުމަށް ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ދައްކާފައިވާ ފަސް މިލިއަން އެމެރިކާ ޑޮލަަރަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު ގުޅިގެން ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލައިގަ އެވެ.

އެ ފައިސާ ޖަމާ ކުރީ ހާމިދު އިސްމާއީލް ހިއްސާވާ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް(އެމްސީއެމް)ގެ ބޭންކް އެކައުންޓަށް ކަމަށް ވެ އެވެ. އަދި އެ ފައިސާއިން ހާމިދު މުއާމަލާތް ކުރި ކަމަށްވެސް އޭނާއަށް ކުރި ދައުވާގައިވެ އެވެ.

އެ މައްސަލައިގައި އޭނާ ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރީ ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށެވެ. އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.

މިހާރު ހާމިދުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް، އޭނާ ވަނީ 2018ގެ އޮގަސްޓް މަހުގެ ތެރޭގައި ހުކުމް ތަންފީޒުކޮށް ނިންމާ ސަލާމަތްވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި އެއާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދީފައިވާ ބަޔާނެއް އާ ހެއްކެއްގެ ގޮތުގައި ހުށަހަޅަން އެދުނެވެ. ނަމަވެސް، އެ ހެކި ބަލައިނުގަނެވޭނެ ކަމަށް ހާމިދުގެ ފަރާތުން ބުންޏެވެ. އެއީ އަދީބަކީ، ހާމިދާއެކު އެ މައްސަލައިގައި ދައުވާ ލިބުނު އެއް ފަރާތް ކަމަށްވާތީ އެވެ.

އެކަމާ މެދު ގޮތެއް ނިންމަން، ކުޑަ ވަގުތުކޮޅަކަށް އަޑުއެހުން މެދުކަނޑާލުމަށްފަހު މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަލީ ރަޝީދު ހުސެއިން އިއުލާނުކުރެއްވީ، އެއީ އަލަށް ލިބުނު ހެއްކެއްގެ ގޮތުގައި ބަލައިގަނެވެން ނެތުމުން އެ ހެކި ބަލައިނުގަންނަން ނިންމާ ކަމަށެވެ. އަދީބަކީ ހާމިދާއެކު އެ މައްސަލައިގައި ހިމެނޭ އެކަކުކަންވެސް ފާހަގަކުރެއްވި އެވެ.

އަދީބު މިހާރު ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތަށް އިއުތިރާފުވެފަ އެވެ. އަދި އޭނާ ތަހުގީގަށް ދޭ ބަޔާންތައް ހިޔާނާތުގެ އެހެން ބައިވެރިންނާ ދެކޮޅަށް ދައުލަތުން ބޭނުން ކުރެ އެވެ. އެ މައްސަލައިގައި ދައުލަތާ އެކު ހެދި ޑީލްއެއްގެ ދަށުން އަދީބު ޖަލަށްލީ 20 އަހަރަށެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައި ވަނީ ކްރިމިނަލް ކޯޓާއި ހައިކޯޓުން އެ މައްސަލައިގައި ނިންމާފައި ވަނީ ރަނގަޅަށް ކަމަށް ދެކޭ ކަމަށެވެ. އެހެންވެ، އެ ހުކުމްތަކަށް ސުޕްރީމް ކޯޓުން ތާއީދުކުރަން މިއަދު ދައުލަތުން އެދުނެވެ. ނަމަވެސް، ހާމިދުގެ ފަރާތުން ބުނެފައި ވަނީ އޭނާ ހިޔާނާތްތެރިވުމުގައި ބައިވެރިވި ގޮތެއް ދައުލަތަށް ބުނެދެވިފައި ނުވާ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ އިތުރުން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

comment ކޮމެންޓް