ހުކުމުގެ މުއްދަތު ހަމަވުމުން ހާމިދު ސޭޓް ދޫކޮށްލައިފި

ހާމިދު އިސްމާއިލް: ހިޔާނާތުގައި ބައިވެރިވި ކަން ސާބިތުވެ އޭނާގެ މައްޗަށް ކުރި ހުކުމުގެ މުއްދަތު ހަމަވެ ވަނީ ދޫކޮށްލައިފައި --- ސަން ފައިލް ފޮޓޯ/ މުހަންމަދު އަފްރާހް

ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލަ ސާބިތުވުމުން، ވިޔަފާރިވެރިޔާ ހާމިދު އިސްލާއިލްގެ މައްޗަށް އިއްވި ޖަލު ހުކުމުގެ މުއްދަތު ހަމެވުމުން އޭނާ ޖަލު ބަންދުން މިނިވަންވެ، ދޫކޮށްލައިފި އެވެ.

ހާމިދުގެ މައްޗަށް ދެ އަހަރާއި ނުވަ މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ޅ. މާބިންހުރާގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށްދޫކުރުމަށް ފަހު އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަން ސާބިތުވުމުންނެވެ.

އެ މައްސަލާގައި ހާމިދުގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ދައުވާ އެވެ. އަދި ހަމަ އެ މައްސަލާގައި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ ހާމިދުގެ ހިއްސާ އޮންނަ މިލޭނިއަމް ކެޕިޓަލް ކުންފުނީގެ އެކައުންޓަށް ކަމަށް އެ ހުކުމުގައިވެ އެވެ.

ހާމިދު ދޫކޮށްލިކަން ކަރެކްޝަނުން ވަނީ 'ސަން' އަށް ކަށަވަރުކޮށްދީފަ އެވެ.

comment ކޮމެންޓް