ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވާފައިވާ ދިގު މުއްދަތުގެ ޖަލު ހުކުމްތައް "ފަޓާސް ބަރިއެއް ހެން" ބާތިލުކޮށް ނމިިއްޖެ އެވެ. އެކަމަށް ނެގީ މަހެއްހާ ދުވަށް ވުރެވެސް އަވަސް މުއްދަތެކެވެ.
މި ސިލްސިލާއެއް ފެށުނީ، އަދީބުގެ މައްޗަށް އިއްވާފައިވާ ބޮޑު ހުކުމެއް ސުޕްރީމް ކޯޓުން ބާތިލްކޮށްލުމުން އެވެ. އެންމެ ފުރަތަމަ ވެސް ބާތިލް ކުރީ، 2015ގެ މޭޑޭގައި އަދީބު ފިސްތޯލައެއް ގެންގުޅުނު ކަމަށް ސާބިތުވެ އިއްވި 10 އަހަރުގެ ޖަލު ހުކުމެވެ. ހައިކޯޓުން ތާއީދު ކުރި އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް ފަހުބަސް އިއްވީ އެވެ.
އޭގެފަހުން އަދީބުގެ ހުކުމްތައް ފުލުފުލުގައި ހައިކޯޓުން ބާތިލް ކުރަމުން އައީ، އެ މައްސަލަތައް އަލުން ބަލަން ކްރިމިނަލް ކޯޓަށް އަމުރު ކުރަމުން އެވެ. ހައިކޯޓުން ފުރަތަމަ ބާތިލް ކުރީ، ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގޮއްވާލި މައްސަލާގައި އަދީބާއި އެމަނިކުފާނުގެ ދެ ބޮޑީގާޑުންގެ މައްޗަށް އިއްވި ހުކުމެވެ. ފަނަރަ އަހަރުގެ އެ ޖަލު ހުކުމުން އަދީބު ސަލާމަތްވީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭގެ 10 ދުވަސް ފަހުން އިއްޔެ އެ ވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމްތަކުން ބާކީ އޮތް ޖަލު ހުކުމްވެސް ބާތިލްކޮށްދީ އޭނާ ގާތްގަނޑަކަށް މިނިވަނަކަށް ހަދައިދީފަ އެވެ.
ހިޔާނާތުގެ މައްސައެއްގައި އަދީބުގެ މައްޗަށް ހުކުމް އިއްވީ، ޅ. މާބިންހުރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސްއަށް އެ ރަށް ކުއްޔަށް ދީގެން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު އެކުއިޒިޝަން ކޮސްޓްގެ ފައިސާ، ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި ކަމަށް ސާބިތުވުމުން އެވެ.
މި ހުކުމާ އެކު އުފަންވާ ސުވާލަކީ؛ އަދީބުގެ މައްސަލަތަކުގައި ފަނޑިިޔާރުންގެ ވިސްނުމަށް އައިސްގެން މި އުޅެނީ ކޮން ޒާތެއްގެ ކުއްލި ބަދަލެއް ހެއްޔެވެ؟ ގާނޫނީ ނަޒަރަކުން ހައިކޯޓްގެ މި ހުކުމް ދިރާސާކުރުމުން ފެންނަ މަންޒަރަކީ ކޮބައި ހެއްޔެވެ؟
ރިޔާސީ ލޯންޗުކޮޅުގެ މައްސަލަވެސް އަދި ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި މައްސަލައިގައި ވެސް އަދީބުގެ މައްޗަށް އިއްވި އެ ހުކުމް ބާތިލް ކުރަން ފަނޑިޔާރުން ދެއްކެވީ ހަމަ އެންމެ ހުއްޖަތެކެވެ. އެއީ، ސިޔާސީ މީހުންނަށް އިއްވާފައިވާ ހުކުމްތައް ބާތިލްކޮށް، ރިވިއު ކުރަން ސުޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރު، "އެކެއް ފެބުރުއަރީގެ އަމުރު" ގައި އަދީބުގެ ނަން އޮތުމެވެ. އެ އަމުރުގެ ގިނަ ބައިތައް ބާތިލް ކުރި ނަމަވެސް، ސިޔާސީ މީހުންގެ މައްޗަށް އިއްވި ހުކުމްތައް ރިވިއު ކުރުމަށް، އެންގި ބައި އޮތީ ބާތިލް ނުކޮށެވެ.
ދެން މިއަންނަނީ ސުވާލުތައް އުފަންވާ ހިސާބެވެ. ހިޔާނާތުގެ އެ މައްސަލައިގައި އަދީބާ އެކު އެއް ދައުވާއެއް އުފުލައި، އެއް ޝަރީއަތުގެ މަޖިލީހެއްގައި އެއް ހުކުމެއް އިއްވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ހައިކޯޓުން މީގެ ކުރިން އޮތީ ނިންމައިފަ އެވެ.
ހައިކޯޓްގެ އިސްތިއުނާފުގައި ކްރިމިނަލް ކޯޓްގެ އެ ހުކުމަށް ތާއީދު ކުރެއްވި ފަނޑިޔާރުންގެ ބެންޗްގައި ތިއްބެވި ދެ ފަނޑިޔާރުންނަކީ އަދީބުގެ ހުކުމް ބާތިލް ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ނިޔާ ކަނޑައެޅުއްވި ހައިކޯޓްގެ ދެ ފަނޑިޔާރުން އެވެ. މި ބޭފުޅުންގެ ވިސްނުން ކުއްލިއަކަށް ބަދަލުވެ އަދީބަށް އިއްވި ހުކުމް ބާތިލް ކުރާ ހިސާބަށް ދިޔައީ ކީއްވެ ހެއްޔެވެ؟
އެދެބޭފުޅުން ތިއްބަވައިގެން މީގެ ކުރިން ހުކުމް ކުރީ، ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެބޭފުޅުން އެގޮތަށް ވިދާޅުވީ ވެސް އެ މައްސަލައިގައި ހުރި ބާރުގަދަ ހެކިތަކުގެ މައްޗަށް ބަލާއިރު، އެއީ އަދީބާއި ޒިޔަތު އަދި ހާމިދު ގުޅިގެން ހިންގި ހިޔާނާތެއް ކަމަށް ސާބިތުވެގެން އެވެ. އެބޭފުޅުންގެ މައްޗަށް އޮތް ތުހުމަތު ސާބިތު ނުވާކަމަށް ބުނެވޭ ވަރަށް ވުރެ ހެކިތަކުގެ ބާރު މާ ގަދަވީ އެވެ.
ހެކީންގެ ހެކިބަހުން އެނގެން ހުރި ކަންކަން:
- ޅ. މާބިންހުރާ ކުއްޔަށް ހިފުމަށް އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމްއެމްޕީއާރްސީއަށް ލިބުނު ފަސް މިލިއަން ޑޮލަރުގެ ޗެކާއި ޒިޔަތު ހަވާލުވިކަމާއި އެ ފައިސާ އެކުންފުންޏަށް ލިބިފައިނުވާކަން.
- އެ ފަސް މިލިއަން ޑޮލަރު ފުރަތަމަ ޖަމާކުރީ ހާމިދު އިސްމާއިލްގެ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް ކުންފުނީގެ އެކައުންޓަށްކަން.
- އެ ފައިސާ ޖަމާކުރުމަށްފަހު އަދީބުގެ އެދިވަޑައިގަތުމަކަށް އެ ކުންފުނީގެ އެކައުންޓުން ހަތަރު މިލިއަން ޑޮލަރުގެ ތިން ޗެކް މޮންޓިލިއަން އިންޓަނޭޝަނަލާ ހަވާލުކުރިކަން.
- ބާކީ ހުރި ފައިސާ އަކީ އަދީބު އެ ކުންފުނީގައި އުޅުއްވިއިރު ނަންގަވާފައިވާ ލޯނުތަކަށް ދައްކާ ފައިސާކަން.
- މޮންޓިލިއަން އިންޓަނޭޝަނަލްއަކީ އަދީބުގެ ހިއްސާ ކުރިން އޮތް ކުންފުންޏެއްކަން.
އެމްއެމްޕީއާރްސީއަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވުމުގައި އަދީބުގެ ބައިވެރިވުން އޮތް މިންވަރު ހެކީންގެ ހެކިބަހުން ސާފުވެ އެވެ. ޒިޔަތާއި ހާމިދު ކުށްވެރިވާ ސަބަބުވެސް ހަމަ އެހާމެ ސާފެވެ. އެހެންކަމުން އެ ތިން މީހުންގެ ތެރެއިން އަދީބު ކުށްވެރިނުވެފައި، ޒިޔަތާއި ހާމިދު ކުށްވެރިވާންވީ ކޮން ހަމައަކުން ހެއްޔެވެ؟ މިއީ އެންމެ ބޮޑު ސުވާލެވެ.
ހައިކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނިގޮތުގައި، އަދީބަށް މި ހުރިހާ ދުވަހު އިއްވާފައި އޮތް ހުކުމެއް ކުއްލިއަކަށް ބާތިލް ކުރަން ޖެހުނީ، "ސިޔާސީ އެކި އެކި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި، ދިވެހިރާއްޖޭ ބައިވެރިވެފައިވާ އިންސާނީ ހައްގުތަކާއިބެހޭ ބައިނަލްއަގްވާމީ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ މައްޗަށް ބިނާކޮށް ދައުވާ އުފުލާ ފަރާތަށާއި ފަނޑިޔާރު ގެއަށް ނުފޫޒު ފޯރުވައިގެން ގާނޫނީ އިޖުރާއާތުތަކާ ހިލާފަށް" ހުކުމް ކުރިކަމަށް އެކެއް ފެބްރުއަރީގެ އަމުރުގައި ބަޔާންކޮށްފަވާ މީހުންގެ ތެރޭގައި އަދީބުގެ ނަން ހިމެނޭތީ އެވެ. އެ އަމުރުގައި މީހުންގެ ނަންތައް ހިމަނާފައި ވީ ނަމަވެސް، ސިޔާސީ ނުފޫޒު ވަދެފައި ވަނީ، އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮން މައްސަލައަކަށް ކަމެއް އެ ހުކުމުގައި ބުނެފަ އެއް ނުވެ އެވެ. އެ ހުއްޖަތަށް ބަލައި، ހެކިންގެ ހެކިބަހުން އަދީބުގެ މައްޗަށް ސާބިތުވެފައި އޮތް ހިޔާނާތުގެ ހުކުމެއް ބާތިލް ކުރެވޭނެ ހެއްޔެވެ؟
ރަނގަޅެވެ! އެކެއް ފެބްރުއަރީގެ އަމުރުގައި އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލްގެ ނަމެއް ނެތެވެ. އަދީބުގެ ނަން އޮތެވެ. އެކަމަކު މާބިންހުރާ މައްސަލައިގެ ތަހުގީގު ތިން މީހުންނާ މެދު ވެސް ހިންގީ އެއް އުސޫލަކުންނެވެ. ޝަރީއަތް ހިންގީ ވެސް އެއް އުސޫލަކުން، އަދި އެއްވެސް ތަފާތެއް ނެތި އެވެ. އެހެންކަމުން އެ މައްސަލައިގައި އަދީބުގެ ތަހުގީގަށާއި ޝަރީއަތަށް ނުފޫޒު ވަދެފައިވާ ކަމަށް ޝައްކު ކުރެވޭ އިރު، ޒިޔަތާއި ހާމިދުގެ ތަހުގީގާއި ޝަރީއަތަށް ނުފޫޒު ނުވަންނަނީ ކޮން ހަމަޔަކުން ހެއްޔެވެ؟ ޒިޔަތާއި ހާމިދުގެ ތަހުގީގާއި ޝަރީއަތް ރަނގަޅަށް ހިނގިކަމަށް ވާ ނަމަ އަދީބުގެ ތަހުގީގާއި ޝަރީއަތް ރަނގަޅު ނޫންކަމަށް ކަނޑައެޅެނީ ކޮން ހަމައަކުން ހެއްޔެވެ؟ މި ހަމައިން ބަލާ ނަމަ ޒިޔަތާއި ހާމިދުގެ މައްސަލަ ވެސް އަލުން ކްރިމިނަލް ކޯޓުން ބަލަން ޖެހޭނެ އެވެ.
އަނެއްކާ ވެސް އެހެން ސުވާލެއް އުފެދޭ މައްސަލަ އެކެވެ؛ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިންގެ މައްޗަށް އިއްވާފައިވާ 17 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށް އޭނާ މިނިވަން ކުރިއިރު، މައްސަލައިގައި ރިއާޔަތްކޮށްފައި އޮތީ އެ މައްސަލައިގައި ހުރި ހެކިތަކަށެވެ. އެކަމަކު މުހުތާޒުގެ ނަން އެކެއް ފެބުރުއަރީ ކޯޓް އަމުރުގައި އޮތެވެ. އެކަމަކު ހައިކޯޓުން އެ ހުކުމް ބާތިލް ކުރުމުގައި ސުޕްރީމް ކޯޓްގެ އަމުރަށް ރިއާޔަތް ކޮށްފައެއް ނެތެވެ. މުހުތާޒުގެ ހުކުމް ވެސް ބާތިލް ކުރެއްވީ އަދީބުގެ ހިޔާނާތުގެ ހުކުމް ވެސް ބާތިލް ކުރެއްވި ދެ ފަނޑިޔާރުން ބެންޗްގައި ތިއްބަވައިގެން އެބޭފުޅުންގެ ވެސް އަގުލަބިއްޔަތުން އެވެ. އެކަމަކު އޭރު، ފެބުރުއަރީ 1 ގެ އަމުރެއް އެބޭފުޅުންނަށް ފެންނަ ކަމަކަށް ނުވި އެވެ.
ސުވާލަކީ؛ އެކެއް ފެބްރުއަރީގެ އަމުރުގައި މުހުތާޒުގެ ނަން އޮވެމެ، އަދީބުގެ ނަން ވެސް އެ ހުކުމުގައި އޮވެމެ އަދީބުގެ މައްސަލަ ފައިސަލާ ކުރުމުގައި ހެކިތަކުގެ މައްޗަށް ރިއާޔަތް ނުކުރީ ކީއްވެ ހެއްޔެވެ؟
މި ހުރިހާ ސަބަބުތަކެއް އެކުވީމާ އަދީބުގެ މައްޗަށް އިއްވާފައި އޮތް ހިޔާނާތުގެ މައްސަލަ ބާތިލް ކުރުމުގައި ހުރި ޝައްކުތައް ބައިވަރެވެ. ހާމިދާއި ޒިޔަތު އަދި އަދީބުގެ މައްޗަށް އެއްކޮށް ތަހުގީގު ހިންގައި އެއް ޝަރީއަތުގެ މަޖިލީހެއްގައި ތިން ބޭފުޅުންގެ މައްޗަށް ހުކުމް އިއްވި އިރު، ސިޔާސީ ނުފޫޒުގެ ތުހުމަތުގައި ޖަލުން ވީއްލަންވީ އަދީބު އެކަނި ހެއްޔެވެ؟ އެކަމަކު ދެން ތިބި މީހުން ތިބީ ބަންދުވެފަ އެވެ. މިއީ ކޮން އިންސާފުގެ ހަމައެއް ހެއްޔެވެ؟