ހުރަވީ ބިލްޑިންގުން ކޮންކުރިޓް ގަނޑެއް ވެއްޓި މިމަހު ކުރީކޮޅު ދުވަސްވީ މީހަކަށް ބޮޑު އަނިޔާއެއްވެފައިވާ އިރު އެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށައިފި އެވެ.
ހައުސިން މިނިސްޓްރީ އިން މިހާރު ވަނީ އެ އިމާރާތުގެ ވެއްޓެންކައިރި ވެފައި ހުރި ބައިތައް މަރާމާތު ކުރުމުގެ މަސައްކަތް ފަށައި އެ އިމާރާތުގެ ބޭރުން ދާޖަހާފައިފަ އެވެ. މަރާމާތުގެ މަސައްކަތް ކުރަނީ ރޭގަނޑެވެ.
މިހާރު ކުރަމުންދާ މަރާމާތުތަކުގެ ތަފްސީލް ހޯދުމަށް ތަކުރާރުކޮށް ގުޅުމުން ވެސް އެމިނިސްޓްރީ އިން އެކަމަށް އަދި ޖަވާބެއް ނުދެއްވަ އެވެ.

ހުރަވީ ބިލްޑިންގުން ކޮންކުރިޓް ގަނޑެއް ވެއްޓި މަގު މައްޗަށް ބުރައިގެން ގޮސްފައި -- ސަން ފައިލް ފޮޓޯ
ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލު ހުސެއިން ކުރިން ސަން އަށް ވިދާޅުވި ކުރިއަށް އޮތްތަނުގައި އެ އިމާރާތުގެ ކަންކަން ބެލުމަށް ފަހު އެ އިމާރާތުގައި ތަޅާލަން ޖެހޭ ތަނެއް ހުރި ނަމަ އެކަންކަން ބަލައި އެ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތްކުރާނެ ކަމަށެވެ.
"އެ އިމާރާތް [ހުރަވީ ބިލްޑިން] މަރާމާތު ކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރިއަށްގެންދާނަން." ފަޒާލް ވިދާޅުވި އެވެ.
މިމަހު އެއްވަނަ ދުވަހު ހުރަވީ ބިލްޑިންގުގެ ކޮންކުރިޓް ގަނޑެއް ވެއްޓި ޖެހިފައި ވަނީ ސުޓެލްކޯގެ މުވައްޒަފެއްގެ ގައިގަ އެވެ. އަނިޔާވެފައި ވަނީ ސްޓެލްކޯގެ ފައިނޭންސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ އިބްރާހިމް ރަޝީދު، 59، އަށެވެ. އެ ހާދިސާގައި އޭނާގެ ވައަތުފަރާތުގެ މެއިކަށިގަނޑު ވަނީ ބިންދައިގެން ގޮސްފައިވެ އެވެ.