ޕާޕާ، ތިހާމް އަދި ޒަމީރަށް މާދަމާ ހުކުމް އިއްވަނީ

އަހުމަދު ތިހާމް (ކ) މޫސާ ޒަމީރު އަދި އަހުމަދު ފަޔާޒު މިއަދު ކޯޓަށް ހާޒިރުކުރަނީ ---- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހު ހިނގި ކަންތައްތަކާ ގުޅިގެން ދައުވާ އުފުލާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސެކިއުރިޓީ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހަކަށް މާދަމާ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ފަޔާޒުގެ އިތުރުން އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ އެމްއެންޑީއެފްގެ އީއޯޑީ ޑިޕާޓްމަންޓުގެ ހެޑް، ސ. ފޭދޫ ބުލްބުލް، އަހުމަދު ތިހާމް އާއި އެ ދެ ބޭފުޅުންގެ ދަށުން މަސައްކަތް ކުރާ ސިފައިންގެ މީހެއް ކަމުގައިވާ މާލޭ ދަފްތަރު މޫސާ ޒަމީރުގެ މައްޗަށެވެ.

ފަޔާޒުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ އާއި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ތިހާމާއި ޒަމީރުގެ މައްޗަށް އުފުލާފައި ވަނީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެކަންޏެވެ.

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ފަޔާޒުހެ މައްޗަށް އުފުލާފައި ވަނީ 8 ސެޕްޓެމްބަރު 2015 ދުވަހުގެ 8:00 އެހައިކަށްހައިއިރު ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ އިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ ލޯންޗުކޮޅަށް ގެއްލުންވި ހާދިސާ ތަހުގީގުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ބުނެ އެވެ.

ފަޔާޒާއި ތިހާމް އަދި ޒަމީރުގެ މައްޗަށް އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފައި ވަނީ 28 ސެޕްޓެމްބަރު 2015 ދުވަހުގެ 8:00 އެހައިކަށްހައިއިރު ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ އިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ ލޯންޗުކޮޅަށް ގެއްލުންވި ހާދިސާއާ ގުޅިގެން ފަޔާޒް އެސަރަހައްދަށް ގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާ ކަމަށް ބުނެ އާއި ފަޔާޒުގެ އަމުރަށް ތިހާމްއާއި ޒަމީރު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ބުނެ އެވެ.

އެ މައްސަލަ ސާބިތުކުރަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ވަނީ ނަގާފަ އެވެ.

comment ކޮމެންޓް