ދިފާއީ ނިޒާމަށް ގެއްލުން ހުރި އާދަތައް ގެންގުޅެންތަ؟

އެންޓިބައޮޓިކްސް މާގިނައިން ބޭނުން ކުރުމަކީ ދިފާއީ ނިޒާމުގެ ބާރު ދަށް ކުރުވާ ކަމެއް --

ކޮންމެ ދުވަހަކު ވެސް މީހާ އެތައް ޖަރާސީމަކަށް އެކްސްޕޯޒްވެ އެވެ. އެފަދަ ކޮންމެ ކޮންމެ ޖަރާސީމެއްގެ ސަބަބުން މީހާގެ ސިއްހަތަށް ނޭދެވޭ އަސަރު ނުކުރާނެކަން ޔަގީންކޮށްދެނީ ހަށިގަނޑުގެ ދިފާއީ ނިޒާމެވެ. ނަމަވެސް، ބައެއް ފަހަރު އެމީހެއްގެ ހަރުލާފައި ހުންނަ އާދަތަކެއްގެ ސަބަބުން ދިފާއީ ނިޒާމުގެ ބާރު ދައްވެ އެވެ. އެފަދަ ބައެއް އާދަތަކުގެ ތެރޭގައި:

ރޭގަނޑު ހޭލާ ހުރުން

ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބޭ ނަމަ ދިފާއީ ނިޒާމަށް މުހިއްމު ސެލްއެއް ހަށިގަނޑުގައި ހުންނަ މިންވަރު ދަށްވާ ކަމަށް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. އޭގެ ސަބަބުން ހުމާއި ބެކްޓީރިއާގެ ޒަރިއްޔާ އިން ޖެހޭ އިންފެކްޝަންތަކާ ހަނގުރާމަ ކުރުމުގެ ބާރު ދަށްވެ އެވެ.

އެންޓިބައޮޓިކްސް މާގިނައިން ބޭނުން ކުރުން

އެންޓިބައޮޓިކްސް މާގިނައިން ބޭނުން ކުރުމުން ބޭހަށް މީހާ ނުގުޑާ ގޮތްވެ އެވެ. ވީމާ ހަމައެކަނި ބެކްޓީރިއާގެ ޒަރިއްޔާ އިން ޖެހޭ ބަލިތަކަށް އެންޓިބައޮޓިކްސް ބޭނުން ކުރާށެވެ. އަދި ޑޮކްޓަރު ލަފާ ދެއްވާ ވަރަށް ބޭސް ކާށެވެ.

ކަސްރަތު ނުކުރުން

ގަވައިދުން ކަސްރަތު ކުރާ މީހުންގެ ވައިޓް ބްލަޑް ސެލްސް އިތުރުވާ ކަމަށް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. ވައިޓް ބްލަޑް ސެލްސް އިތުރުވުމުން ދިފާއީ ނިޒާމު އިތުރަށް ވަރުގަދަވެ، އިންފެކްޝަންތަކުން މީހާ ސަލާމަތްކޮށްދެ އެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން

ދުންފަަތަކީ އެތައް ވިހަ މާއްދާއެއް އެކުލެވިގެންވާ އެއްޗެކެވެ. އެވިހަ މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ސެލްތަކަށް ގެއްލުން ވުމަކީ ނުވަތަ ސެލްތައް މަދުވުމަކީ އެކަށީގެންވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތައް ގިނަވާ ސަބަބަކީ އާއްމުކޮށް އެއީ އެވެ.

ވީމާ ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް ޓަކައި ދިފާއީ ނިޒާމުގެ މަސައްކަތަށް ބުރޫ އަރާ ފަދަ އާދަތަކުން ދުރުހެލިވާށެވެ.

comment ކޮމެންޓް