ޕާޕާ އާއި ސިފައިންގެ ދެ މީހުންގެ މައްޗަށް ކުރި ދައުވާގެ އަޑުއެހުންތައް ނިންމާލައިފި

އަހުމަދު ތިހާމް (ކ) މޫސާ ޒަމީރު އަދި އަހުމަދު ފަޔާޒު ކޯޓަށް ހާޒިރުކުރަނީ ---- ސަން ފައިލް ފޮޓޯ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އެ ލޯންޗުކޮޅަށް ސިފައިން އެރި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސެކިއުރިޓީ އިންޗާޖު އަހުމަދު ފަޔާޒު އަލީ ރިޒާ އާއި އެމްއެންޑީއެފްގެ އީއޯޑީ ޓީމުގެ ވެރިޔާ ސ. ފޭދޫ ބުލްބުލް އަހުމަދު ތިހާމާއި އެ ދެބޭފުޅުންގެ ދަށުން މަސައްކަތް ކުރި ސިފައިންގެ މީހެއް ކަމުގައިވާ މާލޭ ދަފްތަރު މޫސާ ޒަމީރުގެ މައްޗަށެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފަރުވާތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭނެ ކަމަށް ސިފައިންގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނައިރު، ލޯންޗުކޮޅަށް އެރި ސިފައިން އަމަލުކޮށްފައި ވަނީ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށެވެ.

ލޯންޗުކޮޅަށް އެރިއިރު ބޯޑީގާޑުގެ ހެލްމެޓު ފަދަ އެއްވެސް އެއްޗެއް ބޭނުންކޮށްފައިނުވާ ކަމަށާއި އަދި ވަސީލަތްތައް ނެތް ވާހަކަ ލޯންޗުކޮޅަށް އެރި އިރު ސިފައިންގެ ވެރިންނަށް އަންގާފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ލޯންޗުކޮޅަށް އަރައި ތަހުލީލުކުރުމަށް ޓަކައި ނެގި ހެކި އޭގައި ހުރި ޖޫސްޕެޓީ ކޮތަޅުތަކަށް އެޅި އިރު، އެވިޑެންސް ބޭގު ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ އެހީތެރިކަމަށް އެދިފައިނުވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

އައިއީޑީ ގޮއްވާލި ހާދިސާއަށް ފަހު ފައްތޭލަށް ލޯންޗުކޮޅު ގެންދިޔައިރު ކުށުގެ ވެށި ރައްކާތެރިކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ފަޔާޒު އަޅާފައިނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ލޯންޗުކޮޅަށް ސިފައިން އަރާފައި ވަނީ ފަޔާޒުގެ އަމުރު މައުރޫފްގެ ދަށުން ކަން ސިއްރުން ހެކިބަސްދިން މީހެއްގެ ހެކިބަހުން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ޚުލާސާ ބަޔާން ހުށަހަޅުއްވަމުން ދިފާއީ ވަކީލުން ވިދާޅުވީ ސަލާމަތީ ގޮތުން ބޭނުންކުރާ ވަސީލަތްތަކުގެ ތެރެއިން އެމްއެންޑީއެފްގައި ލިބެންހުރި ހެލްމެޓަކީ އެންމެ ފުރިހަމަ ރައްކާތެރިކަން ލިބޭނޭ އެއްޗެއް ނޫންކަމަށް ޝަރީއަތަށް ހާޒިރުކުރި ޚަބީރު ހެކިބަސްދީފައިވާ ކަމަށެވެ.

"އެހެންކަމުން، ސެކަންޑަރީ ސޯކް ޓައިމް ފަހަނައަޅައި ދިއުމަށް ފަހު ހާދިސާ ހިނގިތަނަށް އެޓެންޑްކުރާ އޮފިސަރަކަށް ހާލަތަށް ބަލައި، ސަލާމަތީ ގޮތުން ބޭނުންކުރާ ވަސީލަތްތަކާ ނުލައި އެޓެންޑްކުރުމުގެ ނިންމުން ނިންމިދާނޭކަމަށް ޚަބީރު ބުނެފައިވާ ބުނުމަށް ބަލާއިރު، ހެލްމެޓު އެޅުމުގެ ސަބަބުން އިތުރު ގެއްލުމަށް މީހާ ހުށަހެޅިދާނޭކަމަށް ސީނަށް އެޓެންޑްކުރާ އޮފިސަރަށް ފެންނަނަމަ، އެފަދަ ވަސީލަތްތަކާ ނުލައި ކުރިއަށް ގެންދިއުމުގެ ނިންމުން ނިންމިދާނޭކަން އެބަ އެނގޭ،" ތިހާމްގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވި އެވެ.

އަންގި ބޭނުންކޮށްގެން ސާމްޕަލް ނަގައި ޖޫސްޕެޓީ ކޮތަޅަށް އަޅައިފި ނަމަ ހެއްކަށް އަސަރެއް ކޮށްފާނޭތޯ ސުވާލުކުރުން އެ ހަލަތުގައި ހެއްކަށް އަސަރެއް ނުކުރާނޭ ކަމަށް ޚަބީރު ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް ދިފާއީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް