ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅުގައި އައިޑީއެއް ގޮއްވާލި ހާދިސާއަށްފަހު ހިނގި ކަންތަކާ ގުޅިގެން ދައުވާ އުފުލާފައިވާ މއ. ކުރިކީލަގެ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހުން ހުށަހެޅި ދިފާއީ ހެކީންގެ ހެކިބަސް ނުނަގަން ނިންމައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ސެކިއުރިޓީ އިންޗާޖު ފަޔާޒުގެ އިތުރުން އެ ހާދިސާއާ ގުޅިގެން ދައުވާ އުފުލާފައި ވަނީ އެމްއެންޑީއެފްގެ އީއޯޑީ ޑިޕާޓްމަންޓުގެ ހެޑް، ސ. ފޭދޫ ބުލްބުލް އަހުމަދު ތިހާމް އާއި މާލޭ ދަފްތަރު މޫސާ ޒަމީރުގެ މައްޗަށެވެ.
ފަޔާޒުގެ މައްޗަށް އެ ހާދިސާއާ ގުޅިގެން ދެ ދައުވާ ވަނީ އުފުލާފަ އެވެ. އެއީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅި ކަމުގެ ދައުވާ އާއި އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
ފަޔާޒުގެ އިތުރުން ތިހާމާއި ޒަމީރުގެ މައްޗަށް ވެސް ވަނީ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލާފަ އެވެ.
އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާއާ ގުޅިގެން މިއަދު އަޑުއެހުން ބޭއްވިއިރު ދިފާއީ ހެކީން ވަނީ ކޯޓަށް ވެސް ހާޒިރުކޮށްފަ އެވެ. ނަމަވެސް ހެކިބަސް ނަގަން ތައްޔާރުކުރުމުން ދައުވާ ލިބޭ ތިން ފަތާރުގެ ވަކީލުން ވެސް ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެފަރާތްތަކުގެ ކިބައިން ސާފުކުރަން ބޭނުންވި ކަންތައް ސާފުވެފައިވާ ކަމަށެވެ.
އެ މައްސަލައިގެ ޚުލާސާ ބަޔާން ހުށަހެޅުމަށް ބާއްވާ އަޑުއެހުން އޮންނާނީ އަންނަ އަންގާގަ ދުވަހު އެވެ.
އެ މައްސަލައިގެ އެންމެ ފުރަތަމަ އަޑުއެހުމުގައި ފަޔާޒާއި ތިހާމް އަދި ޒަމީރުގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވުމުން ފަޔާޒު އެ ސަރަހައްދަށްގޮސް އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ސިފައިންގެ ބޭކަލުންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި އަޅާފައިނުވާ ކަމަށެވެ. އަދި ފަޔާޒުގެ އަމުރަށް ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އަރައި ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުންހުރި ވަސީލަތްތައް ބޭނުންކުރުމަކާ ނުލައި އެއްވެސް ރައްކާތެރިކަމެއް ނެތި މައްސަލައިގެ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި ކުށުގެ ވެށިން ނަގައިގެން ގެންގޮސްފައިވާ ކަމަށް ވެސް ދައުލަތުލަތުގެ ވަކީލު ވިދާޅުވިއެވެ.
ފަޔާޒުގެ މައްޗަށް އުފުލި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާގައި ވަނީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ ޢިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ ލޯންޗުކޮޅަށް ގެއްލުންވި ހާދިސާ ތަހުގީގުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ފަޔާޒު ހުރަސްއަޅާފައިވާ ކަމަށެވެ. ނަމަވެސް އެ ދައުވާ އަށް ފަޔާޒު ވަނީ އިންކާރު ކުރައްވާފަ އެވެ.