ޕާޕާއަށް ކުރި ދެ ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށްފި

ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) -- ސަން ފައިލް ފޮޓޯ

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ހުކުމްކޮށް ޖަލަށްލި ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ދެ ހުކުމް ވެސް ހައި ކޯޓުން ބާތިލްކޮށްފިއެވެ.

ފަޔާޒުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ސާބިތުވެފައި ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އެވެ.

ދެ ދައުވާ ސާބިތުވެ އޭނާ ޖަލަށް ލުމަށް ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ. މިއަދު ހައި ކޯޓުން ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލް ކުރި އިރު، ފަޔާޒް ވަނީ އޭނާއަށް އިއްވި ދެ އަހަރާއި ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް، މިދިޔަ އަހަރު މިނިވަން ވެސް ވެފައެވެ.

ފަޔާޒްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ހުކުމް ބާތިލް ކޮށްފައި ވަނީ މިއަދެވެ. ދެ ހުކުމް ވެސް ބާތިލް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ހައި ކޯޓުން ބާތިލް ކުރީ ގާނޫނުލް އުގޫބާތުގައި އެ ކުށް ބަޔާންކުރާ މާއްދާގައި ހިމެނޭ އެއްވެސް އަމަލެއް ކުރަން ފަޔާޒް ސިފައިންނަށް އެންގިކަމަށް އެއްވެސް ހެއްކަކު ވެސް ބުނެފައި ނުވާތީ، އެކަން އޭނާގެ މައްޗަށް ސާބިތުވާން ނެތުމުންނެވެ.

އަދަބު ކަނޑައެޅުމުގައި ގާނޫނުލް އުގޫބާތުގައި ބުނާ އުސޫލުތަކަށް ދަށު ކޯޓުން ރިއާޔަތް ކޮށްފައި ނުވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައި ވެއެވެ.

ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށުގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލް ކުރީ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފަނޑިޔާރު ހަސަން އަލީގެ އަޣްލަބިއްޔަތުންނެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔަކީ އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.

އެގޮތުން ފުލުހުން ލޯންޗަށް އެރުމުގެ ހުއްދަ ދީފައިނުވަނީ ޗީފް އޮފް
ޑިފެންސް ފޯސް އޭނާއަށް އެގޮތަށް އަމުރުކުރައްވާ ފައިވާތީކަން އެނގެން އޮންނަކަމަށާއި، ފުލުހުން ލޯންޗަށް އެރުން އެއްވެސް ހާލެއްގައި މަނާކޮށްފައި ނުވާކަމާއި، ލޯންޗު ސެކިއުރިޓީ ޗެކް
ނިމެންދެން އެއްވެސް ބަޔަކު ލޯންޗަށް އެރުން މަޑުޖައްސާލެވިފައި އޮތީކަން ހެކިންގެ ހެކިބަހުން ހާމަވާ ކަމަށް ހައި ކޯޓުގެ ހުކުމްގައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ދަމަހައްޓަން ޖެހޭކަމަށް ފަނޑިޔާރު މުހައްމަދު ނިޔާޒު ރައުޔު ނެރުއްވީ، ލޯންޗުގައި ސެކަންޑަރީ ޑިވައިސްއެއް އޮވެދާނެކަމަށް ބަލައި، ފުލުހުންގެ ސަލާމަތަށްޓަކައި އެލޯންޗަށް ފުލުހުން އެރުން މަނާކުރި ފަދައިން، އެލޯންޗުގައި ތިބި މީހުންގެ
ސަލާމަތަށްޓަކައި އެލޯންޗުނން އެމީހުން ބާލައި ލޯންޗް ހުސް ނުކުރި ސަބަބު ސާފުނުވާތީ އާއި އެ ހާދިސާ ތަހުގީގު ކުރުމަށް ފުލުހުން ރިޔާސީ ލޯންޗަށް އެވަގުތު ނޭރުވީ ފުލުހުންގެ ސަލާމަތަށްޓަކައި ކަމަށް ބުނާ ބުނުމަކީ ސަބަބުވެރި އިންސާނަކަށް ގަބޫލު ކުރެވޭނެ ކަމަކަށް ނުވާތީ އެވެ.

ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާ ހިނގިއިރު، ފަޔާޒު ހުންނެވީ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައެވެ. އަދި އެ ހާދިސާއަށްފަހު ސިފައިންގޭގާއި އޭނާ ބަންދުކޮށް، އަދާކުރަމުންދިޔަ ދެ މަގާމުން ވަކިކުރިއެވެ.

comment ކޮމެންޓް