ހިބަޅިދޫ މައްސަލައަށް އިތުރު ވަކީލުން ހޯދުމަށް އަދީބާއި ފަޔާޒަށް ފުރުސަތުދީފި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާ --- ސަން ފައިލް ފޮޓޯ

ބ. ހިބަޅިދޫން ހަނގިރާމަވެރި ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާ އިން އެ ދެ ބޭފުޅުންގެ ވަކީލުން ތަނާޒުލް ވެފައިވާތީ އިތުރު ވަކީލުން ހޯދަން ފުރުސަތު ދީފި އެވެ.

ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ މިމަހުގެ ހަ ވަނަ ދުވަހު އެ ދެ ބޭފުޅުންގެ ވަކީލުން ތަނާޒުލް ވުމާ އެކު އިތުރު ވަކީލުން ހަމަޖައްސަން ވަނީ ފުރުސަތު ދީފައި ކަމަށެވެ.

މިއަދު 10:00 އަށް ވެސް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލްކުރި އެވެ. ނަމަވެސް ވަކީލުން ހަމަނުޖެއްސޭތީ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު އާއި އިބްރާހީމް ޝިޔާމްގެ އިތުރުން ފަޔާޒުގެ ގާނޫނީ ވަކީލުން ކަމަށްވާ މަހުފޫޒު ސައީދު އާއި ހަސަން ސޮފްވާން ނެރުއްވި ގުޅިފައިވާ ނޫސް ބަޔާނުގައި ވަނީ އެ މައްސަލަ އިން ތަނާޒުލްވީ ކްރިމިނަލް ކޯޓުން އަމަލު ކުރަމުންދާ ގޮތުން ގާނޫނީ ވަކީލެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު އެ މައްސަލާގައި އެބޭފުޅުންނަށް ނުލިބޭނެތީ ކަމަށެވެ.

"އަޅުގަނޑުމެން މި މައްސަލައިން ތަނާޒުލްވާން މި ނިންމީ، ތުހުމަތު ކުރެވޭ ކުށުން ބަރީޢަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމަކީ ކުށެއްގެ ތުހުމަތު ކުރެވޭ ކޮންމެ މީހަކަށްމެ ލިބިދޭން ޖެހޭ އަސާސީ ހައްގަކަށް ވެފައި، އެއީ އިންސާފުން ޝަރީއަތް ކުރުމުގެ ހައްގުގެ ތެރޭގައި ވެސް ހިމެނޭ ކަމަކަށް ވާއިރު، އެފުރުސަތު ލިބިނުދީ ޝަރީއަތް ހިންގާ ނަމަ، ގާނޫނީ ވަކީލެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ނުލިބޭނެތީ އެވެ،" އަދީބާއި ފަޔާޒުގެ ވަކީލުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ އިތުރު އަޑުއެހުމެއް ބާއްވާނީ ދައުލަތުން ހުށަހަޅާ ހުރިހާ ލިޔުންތައް އަދީބާއި ފަޔާޒަށް ހިއްސާކޮށް އެ ލިޔުންތައް ދިރާސާކުރުމަށް 15 ދުވަހުގެ ފުރުސަތެއް ދިނުމަށްފަހުގައި ކަމަށް އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ގާޒީ ވިދާޅުވި ކަމަށެވެ.

ނަމަވެސް ރާއްޖެ އިން ބޭރަށް ފުރަންޖެހޭ ދެ ހެކިވެރިޔެއްގެ ބަޔާން ނަގަންޖެހޭ ކަމަށް ވިދާޅުވެ ކުރިން ފާހަގަކުރި ލިޔުންތައް ދިނުމެއް ނެތި އިތުރު އަޑުއެހުމެއް ބާއްވާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އޭގަފުން އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ލިޔުންތައް ހަވާލުކުރި އިރު، ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހަށް ކޮންމެ ދުވަހަކު އަޑުއެހުންތައް ތާވަލްކޮށްފައިވާކަން ކޯޓުން އަންގާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ އަދީބާއި ފަޔާޒަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ބަޔަކަށްވާތީ، ކޮންމެ ދުވަހަކު އަޑުއެހުން ބާއްވާނަމަ އެ ދެ ބޭފުޅުންނާ ބައްދަލުކޮށް މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ލިބޭނެގޮތަށް މައްސަލަ ތާވަލްކޮށްދިނުމަށް ސިޓީއަކުން ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި އެގޮތަށް އެދުމުން އެކަން ހަމަޖެއްސެން ނެތް ކަމަށް ގާޒީ އަންގާފައިވާ ކަމަށް ވެސް އަދީބާއި ފަޔާޒުގެ ވަކީލުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އަދީބާއި ފަޔާޒުގެ ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ކޯޓު ތެރޭގައި ހަމަޖެހޭނެ ކަމަށާއި އެފަދަ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނީ ކޯޓު އޮފިސަރުންނާއި ޕްރިޒަން އޮފިސަރުންގެ ހާޒިރުގައި ކަމަށް ގާޒީ އެންގެވި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ނަމަވެސް އެފަދަ ގޮތަކަށް ބާއްވާ ބައްދަލުވުންތަކުން އަދީބާއި ފަޔާޒަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް އެބޭފުޅުން ނުދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

comment ކޮމެންޓް