ރިޔާސީ ލޯންޗުކޮޅުގެ މައްސަލައިގައި ޖަލަށްލި ޕާޕާ މިނިވަންވެއްޖެ

އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ --- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައާ ގުޅިގެން ހުކުމްކޮށް ޖަލަށްލި ސިފައިންގެ މާލޭ އޭރިއާގެ ކުރީގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ހުކުމުގެ މުއްދަތު ހަމަވެ، މިނިވަންވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހުމަދު ލުގްމާން ވަނީ އެތަނުގެ ބަންދުން ފަޔާޒް މީގެ ކުޑައިރުކޮޅެއް ކުރީން މިނިވަންކޮށްފައިވާކަން "ސަން" އަށް ޔަގީންކޮށްދީފައެވެ.

ރިޔާސީ ލޯންޗުކޮޅު މައްސަލައިގައި އިއްވި ހުކުމުގެ މުއްދަތު ތަންފީޒުކޮށް ފަޔާޒް މިއަދު މިނިވަންވި އިރު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދެ ދައުވާއެއް ސާބިތުވެ ޖަލަށްލުމަށް ހުކުމްކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.

ފަޔާޒުގެ މައްޗަށް އުފުލި ދެ ދައުވާގެ ތެރެއިން އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމުން އޭނާއަށް އިއްވީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމުން ފަޔާޒަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާ ހިނގިއިރު، ފަޔާޒު ހުންނެވީ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި ބަޑި ގުދަނުގެ ވެރިޔާގެ މަގާމުގައެވެ. އަދި އެ ހާދިސާއަށްފަހު ސިފައިންގޭގާއި އޭނާ ބަންދުކޮށް، އަދާކުރަމުންދިޔަ ދެ މަގާމުން ވަކިކުރިއެވެ.

comment ކޮމެންޓް