މާލޭގައި ރަސްފަންނު ފިޔަވައި އެހެންތަންތަނުގައި ޑްރޯން އެރުވުން މަނާކޮށްފި

ޑްރޯންއެއް ވައިގެ ތެރޭގައި: މާލޭގައި ވަކި ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ދިމާލެއްގައި ޑްރޯން އެރުވުން ވަނީ މަނާކޮށްފައި

މާލޭގައި ރަސްފަންނު ފިޔަވައި އެހެން ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން އެރުވުން ޑިފެންސް މިނިސްޓްރީން މަނާކޮށްފި އެވެ.

ޑިފެންސް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ، ސިފައިން ސެކިއުރިޓީ ބަލަހައްޓާ ބައެއް ސަރަޙައްދު ތަކާއި، އެއަރޕޯޓްތައް ކައިރީގައާއި، އަދި މާލެފަދަ ތޮއްޖެހިފައިވާ ތަނެއްގައި އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން އޮޕަރޭޓް ކުރުން ގިނަވަމުންދާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެފަދަ ކަންކަމަކީ ގައުމީ ސަލާމަތާއި އާންމުންގެ ސަލާމަތަށްވެސް ނުރައްކާވެދާނެ ކަމަކަށްވާތީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި ޑްރޯން އޮޕަރޭޓް ކުރާނަމަ އެ މިނިސްޓްރީން ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށެވެ.

ޑްރޯން އަރުވާނަމަ ހުއްދަ ހޯދަންޖެހޭ ސަރަހައްދުތައް:

މާލޭގެ ހުޅަނގުކޮޅު ރަސްފަންނު ސަރަހައްދު ފިޔަވައި، މާލޭގެ އެހެން ހުރިހާ ސަރަހައްދެއް

ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެއަރޕޯޓްތައް ހިމެނޭ ސަރަހައްދު

ކ. އާރަށާއި، ގިރިފުށި، އަދި ސިފަވަރު (އުތުރު ތިލަފަޅު) ހިމެނޭ ސަރަހައްދު

ޅ. މަޑިވަރު، މާފިލާފުށި ހިމެނޭ ސަރަހައްދު

ލ. ކައްދޫ ސިފައިންގެ މަރުކަޒު ހިމެނޭ ސަރަހައްދު

ސ. ގަން ސިފައިންގެ މަރުކަޒު ހިމެނޭ ސަރަހައްދު

އެ މިނިސްޓްރީން ބުނީ އެގޮތަށް ހަމަޖައްސާފައިވަނީ، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ (ވ) ގައި،ޤައުމީ ސަލާމަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢުލޫމާތު ހޯދައި، އެއްކޮށް، ދިރާސާކޮށް، އެކަންކަމާބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސިފައިންގެ މަސްއޫލިއްޔަތެއްކަމަށް ބަޔާންކޮށްފައިވާތީ، ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

comment ކޮމެންޓް