ރޯދަ މަހު ފުލުހުންގެ އެންމެ ބޮޑު އިސްކަމެއް ޓްރެފިކު ފްލޯއަށް

ޓްރެފިކް ފުލުހެއް މަގުމަތީގައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ރޯދަ މަހު ވެސް ފުލުހުން އެންމެ ބޮޑު އިސްކަމެއް ދޭނީ ޓްރެފިކު ފްލޯ ބެލެހެއްޓުމަށް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ރޭ 'އެސްއެސްޓީވީ'ން ގެނެސްދިން 'ރޯދައަށް ތައްޔާރުވުން' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝުޖާއު ވިދާޅުވީ ރޯދަ މަހާ ގުޅިގެން އަމަލު ކުރާނެ ހާއްސަ އުސޫލެއް އެކުލަވާލައިފައިވާ ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ޓްރެފިކު ފްލޯ ދެމެހެއްޓުމަށް ކަމަށެވެ.

މިގޮތުން، މި ރޯދަ މަހު ފުލުހުން އެންމެ ބޮޑު އިސްކަމެއް ދޭނެ ކަންކަން މިހާރު ވެސް ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެންމެ ބޮޑު އެއް ސަމާލުކަމެއް ދޭ އޭރިއާ މިއީ މިސްކިތްތައް ހިމެނޭ ސަރަހައްދު، ދެން އޭގެ އިތުރުން ސުކޫލުތައް ހިމެނޭ ސަރަހައްދު އަދި އޮފީސްތައް ހިމެނޭ ސަރަހައްދު، އޭގެ އިތުރުން މާލޭގެ ހާއްސަކޮށް ހުޅުމާލެ، ވިލިމާލެ ހިމެނޭ ގޮތަށް ޓްރެފިކް ބާރު ބޮޑުވާ އޭރިއާތަކަށް ފޯކަސް ކުރެވިގެން އެ ސަރަހައްދުތަކުގެ ޓްރެފިކް މެނޭޖް ކުރުމުގެ ގޮތްތައް ވެސް އަޅުގަނޑުމެން ވާނީ ރާވައިލެވިފައި،" ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޯދަ މަހުގެ ހަވީރަކީ އާންމުކޮށް ޓްރެފިކް ބާރު ބޮޑުވާ ވަގުތެއް ކަމަށެވެ. އެހެންވެ، އެ ވަގުތުތަކުގައި ޓްރެފިކް ބަންދު ނުވެ، ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގޮތްތަކެއް ރާވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރެފިކް ފްލޯ ބަންދުނުވާނެކަން ޔަގީން ކުރަން، ޓްރެފިކް ބާރު ބޮޑުވާނެ ކަމަށް ލަފާ ކުރެވޭ ވަގުތުތަކުގައި އިތުރު ފުލުހުން މަގުތަކަށް ނެރޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ބާރު ބޮޑުވާނެ ސަރަހައްދުތަކުގައި ހާއްސަކޮށް، ފުލުހުން ބާލައިގެން ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެހިފައިވަނީ. ހާއްސަކޮށް މަގުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކަށް އެޓެންޑުކޮށް އާންމު ދަތުރުފަތުރުގެ ނިޒާމު، ހާއްސަކޮށް ބަސް ރޫޓު ވަރަށް ބޮޑަށް ހާއްސަ ސަމާލުކަމެއް ދީގެން ބަސް ނުހުއްޓި، ފަސޭހަކަމާ އެކު ދަތުރު ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތްތައް ރާވާލެވިފައިވާނީ." އޭނާ ވިދާޅުވިއެވެ.

ފަސޭހަކަމާ އެކު ދަތުރުފަތުރު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ހުޅުމާލެއާއި މާލެ ގުޅުވައިދޭ ބުރިޖާއި ބޮޑު ތަކުރުފާނު މަގާއި މަޖީދީ މަގު އަދި އެ ނޫން ވެސް ޓްރެފިކް ބާރު ބޮޑު ވާނެ ސަރަހައްދުތަކަށް ހާއްސަ ސަމާލު ކަމެއް ދީގެން ފުލުހުން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ.

comment ކޮމެންޓް