ކޮންމެ ދުވަހަކު ވެސް ބުއިމަށް ރަނގަޅު ކުރުނބާ ފެނުގެ ފައިދާ!

ކުރުނބާ ފެނަކީ ޒަމާނުއްސުރެ ވެސް ދިވެހިންނަށް އެންމެ ކަމުދާ އެއް ބުއިމެވެ. އެއީ މީހާއަށް ވަގުތުން ތާޒާ ކަމާއި ފިނިކަން ލިބިދޭ ބުއިމެއް ކަމުން ކުރުނބާ ފެނަކީ ރޯދަ މަހު މާމަގުބޫލު ބުއިމެކެވެ. ވީމާ، ގިނަގިނައިން ކުރުނބާ ފެން ބުއިމުން މީހާއަށް ލިބޭ ފައިދާތަކަށް ބަލާލަމާތޯ އެވެ.

ޑީހައިޑްރޭޓުވުމުން ދުރުކޮށްދޭ

ލުއި ބުއިމާއި ގިނަ އަދަދަކަށް ހަކުރު އެކުލެވިގެންވާ ޖޫހުގެ ބަދަލުގައި ކުރުނބާ ފެން ބުއިމަކީ ހަށިގަނޑު ހައިޑްރޭޓް ކުރުމަށް މާ ރަނގަޅު ގޮތެކެވެ. އަދި ކުރުނބާ ފެނަކީ ކެލްޝިއަމް، ޕޮޓޭޝިއަމް އަދި ސޯޑިއަމް ފަދަ އިލެކްޓްރޮލައިޓްސް ގިނަ އަދަދަކަށް އެކުލެވިގެންވާ ބުއިމެއް ކަމުން އެއީ ހަކަތަ ލިބިގަތުމަށް އެނާޖީ ޑްރިންކަށް ވުރެ ރަނގަޅު ބުއިމެކެވެ.

ހިތަށް ފަރުވާއެއް

ކުރުނބާ ފެނަކީ ހިތުގެ ވިންދާއި ލޭ ދައުރުވުން ރަނގަޅުކޮށްދީ، ހާޓް އެޓޭކް ޖެހުމުން ދުރުކޮށްދޭ ބުއިމެއް ކަމަށް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ.

ހަންގަނޑު ރީތިކޮށްދޭ

ކުރުނބާ ފެނުގައި ހިމެނޭ ސައިޓޯކިނިން އަކީ ހަންގަނޑުގައި ހުންނަ އޮށާޅަ އާއި ރޫ ނައްތާލަދީ، ހަނގަނޑުގެ ޒުވާން ކަން ދެމެހެއްޓުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ހަޖަމުގެ ނިޒާމުގެ މަސައްކަތް ފަސޭހަކޮށްދޭ

ހަޖަމުގެ ނިޒާމަށް އެންމެ މުހިއްމު އެއް މާއްދާ ކަމަށްވާ ފައިބާ ގިނަ އަދަދަކަށް ކުރުނބާ ފެނުގައި ހިމެނެ އެވެ. ފައިބާއަކީ ގޮހޮރުގެ ތެރެއިން ކާނާ ފަސޭހަކަމާ އެކު ދަތުރު ކުރުމަށް އެހީތެރިވެދޭ މާއްދާއެއް ކަމުން ކުރުނބާ ފެން ބުއިމުން ހަޖަމުގެ ނިޒާމް ހަރުދަނާވެ އެވެ.

ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ

ކުރުނބާ ފެނުގައި ހިމެނޭ ލޯރިކް އެސިޑަކީ ފަންގަލް، ވައިރަލް އަދި ބެކްޓީރިއަލް ބަލިތައް ރަނގަޅުކޮށްދޭ މާއްދާ އެއް ކަމަށް ދިރާސާތަކުން ވަނީ ދައްކައިފަ އެވެ. އެހެންކަމުން، ގަވާއިދުން ކުރުނބާ ފެން ބުއިމަކީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީތެރިވެދޭނެ ބުއިމެކެވެ.

މައުލޫމާތު: ސްޓެތްނިއުސް

comment ކޮމެންޓް