ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި، މާދަމާ ރޭ ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އެ މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރާއި އެމަނިކުފާނުގެ ކުރީގެ ދެ ބޮޑީގާޑުން ކަމުގައިވާ މއ. ސިގްމާ ހަސަން ރިކާޒާއި ލ. ދަނބިދޫ އަފްޒާ އަހުމަދު އާމިރެވެ.
އެނގިފައިވާ ގޮތުގައި ހުކުމް އިއްވަން ތާވަލުކޮށްފައި ވަނީ މާދަމާ ރޭ 10:00 އަށެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި ގޮއްވާލިކަމަށް ބުނާ "އައިއީޑީ" ތައްޔާރުކުރި ސިފައިންގެ މީހާ ވަނީ ސިއްރުން ކޯޓުގައި ހެކިބަސްދީފައެވެ.
ސިއްރުން ހެކި ބަސް ދިން ސިފައިންގެ މީހާ ބުނެފައި ވަނީ އަދީބުގެ އެދިވަޑައިގަތުމަށް އޭނާ އައިއީޑީއެއް ތައްޔާރުކޮށް އެމަނިކުފާނާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އެ އައިއީޑީ ތައްޔާރު ކުރީ ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓުމެންޓުގައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ އައިއީޑީ ތައްޔާރު ކުރަނީ ގަލްފް ކްރާފްޓް ލޯންޗެއް ގޮއްވާލަން ކަމަށް އަދީބު ވިދާޅުވި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ލޯންޗުކޮޅު ހާދިސާއަށް ފަހު ފޯނުން ގުޅުއްވައި އޭގައި ގޮވީ އޭނާ ތައްޔާރުކޮށްދިން އައިއީޑީ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވެސް ސިއްރުން ހެކި ބަސް ދިން އެސިފައިންގެ މީހާ ވަނީ ބުނެފައެވެ.
އެއީ ރިމޯޓުން ކޮންޓްރޯލްކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ވެސް ސިފައިންގެ މީހާ ވަނީ ބުނެފައެވެ.
ލޯންޗުކޮޅު ހާދިސާއަށް ފަހު އޭނާ އަށް ގުޅުއްވައި ސައިލެންޓުކޮށް ހުރުމަށާއި ފުލުހުން ތިމަން މަނިކުފާނޭ ކިޔައިގެން ސުވާލު ކުރިޔަސް ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ރައްޓެހިކަމަކީ ހަވާއެރުވުމުގެ ކަންތަކާ ގުޅިގެން އުފެދިފައިވާ ރަހުމަތްރެރިކަމެއް ކަމަށް ފުލުހުން ގާތު ބުނުމަށް އަދީބު އެދިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ސިފައިންގެ އެމީހާއަށް އިޝާރާތްކޮށް އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އެއީ ފިނިފެންމާ ކަންތަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ފޯނުން ގުޅުއްވައި އަދީބު ވިދާޅުވި ކަމަށް ދެ ފުލުހަކު ވަނީ ސިއްރުން ހެކިބަސް ދީފައެވެ.