މީގެ ދެ މަސް ކުރިން ހިނގި އަލިފާނުގެ ހާދިސާއެއްގައި ކޯސްޓްލައިން ހާޑްވެއާގައި އަލިފާންރޯވީ އިލެކްޓްރިކް ޝޯޓަކުން ކަމަށް އެކަން ތަހުގީގުކުރި ސިފައިންގެ ފަޔާ އެންޑް ރެސްކިއު އިން ބުނެފި އެވެ.
ފަޔާ އެންޑް ރެސްކިއުގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ރޯވިތަނަށްގޮސް ބެލިބެލުމުން ފާހަގަވެފައިވާ ގޮތުގައި އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ އިލެކްޓްރިކް ޝޯޓެއް ވެގެން ކަމަށެވެ.
"އިލެކްޓްރިކަލް މައްސަލައެއްގެ ސަބަބުން ރޯވި ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކޯސްޓްލައިން ހާޑްވެއާގައި ހިންގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދު ސާފުކުރުމުގެ ތެރެއިން --- ސަންފޮޓޯ/ ޔޫސުފް ސޮފްވާން
އޭނާ ވިދާޅުވީ އެތަހުގީގު ނިންމައި ފުލުހުންނަށް އެ މައުލޫމާތުތައް ހިއްސާކޮށްފައިވާ ކަމަށެވެ.
ކޯސްޓްލައިން ހާޑްވެއާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ ތިން ގަޑިއިރުގެ މަސައްކަތުންނެވެ. މުޅި އެހާޑްވެއާ އެއްކޮށް އަނދާހުލިވެފައިވާ އިރު އެތަން ހުރީ އިންޝުއަރެންސްކޮށްފަ އެވެ.
ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އެ އަލިފާނުގެ ހާދިސާގައި ޖުމްލަ ތިން ގެޔަކަށް ފެތުރިފައިވާ އިރު، އެ ހާދިސާގައި ގެއްލުން ލިބުނު ގިނަ ބަޔަކަށް ސަރުކާރުން ވަނީ، ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
އަލިފާނުގެ ހާދިސާގައި އެ އިމާރާތުގެ ވަށައިގެން ހުރި ގެތަކަށް ގެއްލުންވުމުން ކޯސްޓްލައިން އިންވެސްޓްމެންޓުން އެ ގެތަކަށް އެއް މިލިޔަން ރުފިޔާގެ ފައިސާގެ އެހީއެއް ވަނީ ދީފަ އެވެ.