ރައީސުލްޖުމްހޫރިއްޔާ ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވުމަށްފަހު ހިނގި ކަންތައްތަކާ ގުޅިގެން މއ. ކުރިކީލަގޭ އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ) 2 އަހަރާއި 3 މަހާއި 18 ދުވަހަށް އަދި އެމްއެންޑީއެފްގެ އީއޯޑީ ޑިޕާޓްމަންޓުގެ ހެޑް، ސ. ފޭދޫ ބުލްބުލް އަހުމަދު ތިހާމާއި މޫސާ ޒަމީރު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ފަޔާޒުގެ މައްޗަށް ދެ ދައުވާ އުފުލާފައި ވެއެވެ. އެއީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އެވެ.
އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމުން ފަޔާޒަށް އިއްވީ ދެ އަހަރުގެ ޖަލު ހުކުމެކެވެ. ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ ސާބިތުވުމުން ފަޔާޒަށް އިއްވީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
ތިހާމާއި ޒަމީރުގެ މައްޗަށް އުފުލީ އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެކަންޏެވެ.
ފަޔާޒަކީ ރައީސުލްޖުމްހޫރިއްޔާގެ ސެކިއުރިޓީގެ ކުރީގެ އިންޗާޖެވެ. ތިހާމަކީ އެމްއެމްޑީއެފްގެ އީއޯޑީ ސެކްޝަންގެ އިންޗާޖެވެ. އަދި ޒަމީރަކީ އެ ދެ ބޭފުޅުންގެ ދަށުން މަސައްކަތް ކުރަމުން އައި މީހެކެވެ.
ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ގާޒީ އަހުމަދު ރަޝީދު ވިދާޅުވީ ދައުލަތުން ހުށަހެޅި ހެކިތަކާއި ގަރީނާތަކާއި އެ މީހުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކުން އެ ދެ ދައުވާ ސާބިތުވާ ކަމަށެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ ކުރި ސަބަބު
8 ސެޕްޓެމްބަރު 2015 ދުވަހުގެ 8:00 އެހައިކަށްހައިއިރު ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" މާލޭގެ އިއްޒުންދީން ފާލަމާ ގާތްކުރި ވަގުތު ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ ލޯންޗުކޮޅަށް ގެއްލުންވި ހާދިސާ ތަހުގީގުކުރުމުގެ ގޮތުން ސީނަށް ދިޔަ ފުލުހުންނަށް ލޯންޗުކޮޅަށް އެރުން މަނާކޮށް ފުލުހުންގެ ވާޖިބުއަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތުކުރެވޭތީ.
ހުކުމްގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތައް
- ލޯންޗުކޮޅަށް ފުލުހުން އެރުން މަނާކުރީ އޭނާގެ މައްޗަށް ތިއްބެވި ވެރިން އަންގައިގެންކަމަށް ފަޔާޒު ބުނިނަމަވެސް އެކަން އޭނާ އަށް ސާބިތުކޮށްނުދެވޭ.
- ލޯންޗުކޮޅަށް އަރަން ދިޔަ ފުލުހުންނާ މުއާމަލާތްކުރީ ފަޔާޒުކަން ހެކީންގެ ހެކިބަހުން އެނގޭ.
އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ
- ލޯންޗުކޮޅުގެ ތެރެއިން އެއްޗެއް ގޮވައި ލޯންޗުކޮޅުން ދަތުރުކުރި ފަރާތްތަކަށް އަނިޔާވެ ލޯންޗުކޮޅަށް ގެއްލުންވި ހާދިސާއާ ގުޅިގެން ފަޔާޒް އެ ސަރަހައްދަށް ގޮސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ސިފައިންގެ ބޭކަލުންނަށް އަމުރުމައުރޫފު ހިންގައި އެތަން އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަކަން ހެކީންގެ ހެކިބަހުން އެނގޭ.
- އެ ހާދިސާއަށްފަހު ކުށުގެ ވެށި ރައްކާތެރިކޮށް ބެލެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެކަށީގެންވާ ގޮތުގައި ފަޔާޒު އަޅާފައިނުވާކަން ހެކީންގެ ހެކިބަހުން އެނގޭ.
- ފަޔާޒުގެ އަމުރަށް ތިހާމްއާއި ޒަމީރު ލޯންޗުކޮޅަށް އަރާފައިވާކަން ހެކީންގެ ހެކިބަހުންނާއި އެމީހުން ދައްކާފައިވާ ވާހަކަތަކުން އެނގޭ.
- ކުށުގެ ވެށިން ތަކެތި ނެގުމުގައި ކަމާގުޅުން ހުރި ވަސީލަތްތައް ބޭނުންކޮށްފައިނުވާކަން ހެކީންގެ ހެކިބަހުން އެނގޭ.
- ލޯންޗުކޮޅުގެ ތެރޭގައި ތިހާމާއި ޒަމީރު އަމަލުކުރީ ފަޔާޒު ވަކިގޮތަކަށް އަމަލުކުރަން އަންގައިގެންކަން ހެކީންގެ ހެކިބަހުން އެނގެން ނެތް.
- ތިހާމާއި ޒަމީރު ލޯންޗުކޮޅަށް އެރިއިރު، ކުށުގެ ވެށީގައި ފުލުހުން ތިއްބައި ފުލުހުންގެ އެހީތެރިކަން ހޯދާފައިނުވާކަން ހެކީންގެ ހެކިބަހުން އެނގޭ.
- ލޯންޗުކޮޅަށް އެރި އިރު ތިހާމާއި ޒަމީރު އަތަށް އެއްވެސް އެއްޗެއް ނުލައްވާ ކަމާއި ހެލްމެޓާއި ބޮޑީ އާމް ނުލައްވާކަން ހެކީންގެ ހެކިބަހުން އެނގޭ.
- އީއޯޑީ ޓީމަށް ލޯންޗުކޮޅުން ސާމްޕަލް ނެގޭނީ ތަހުގީގީ އިދާރާއެއްގެ ހާޒިރުގައި ކަމަށް ޝަރީއަތަށް ހާޒިރުކުރި އެކްސްޕާޓްގެ ބަހުން އެނގޭ.
- ސިފައިން އާންމުކޮށް އަމަލުކުރަނީ އެ އުސޫލުން ކަމުގައިވާއިރު، ތަމްރީނުތަކުގައި ސިފައިންނަށް ކިޔަވައިދެނީވެސް އެގޮތަށް ކަން އެކްސްޕާޓުގެ ބަހުން އެނގޭ.